25 Dec 2019, 15:34
މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ޓުއަރިޒަމް މިނިސްޓްރީން "ބުރަބި" ހަފްލާ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރްޔަމް ވަހީދާ (މަރީ) ހުށަހަޅައިދިނުމަކީ މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ނޫންކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ބްރޯޑްކޮމްގެ ރައީސްގެ މަގާމުގައި ހުންނަވައި، މަރީ އެ ހަފްލާ ހުށަހަޅައިދިން މައްސަލަ އޮތީ ވަރަށް ހޫނުވެފަ އެވެ. އަދި މިހާރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ބަލާނެ ކަމަށް އެ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ވިދާޅުވެފަ އެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މަރީއާ ދިމާވީ އިވެންޓުން ކަމަށާއި، ހަފްލާ ހުށަހަޅައިދެނީ މަރީކަން އެނގިލެއްވީ ވެސް ޖަލްސާއަށް ދިޔަ ފަހުން ކަމަށެވެ.
މަރީ އެ ހަފްލާ ހުށަހަޅައިދިނުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުމުރުން ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރައްވަން ރައީސް އޮފީހުން ރަސްފަންނުގައި ބޭއްވި ހަފްލާއެއްގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ އޭރުގެ މެމްބަރު ފާތުމަތު ޒޭނާ ގޮނޑިޖަހަން އުޅުއްވާ މަންޒަރު އާންމުވެ އެކަމާ ގުޅިގެން މަޖިލީހުގެ މި ދައުރުގައި އޭނާ ކޮމިޝަންގެ މެމްބަރުކަމުން ދުރުކޮށްފައި ވާތީ އެވެ.
އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ޕީޕީއެމް ސަރުކާރުގެ ސިޔާސީ ޖަލްސާއެއްގައި ގޮނޑިޖަހަން އުޅުނު މީހުންނާ މަރިޔަމް ވަހީދާ އާ އެއްވަރު ކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
އަދި މަރީ އަކީ ވަރަށް ގަދަރުވެރި ބޭފުޅެއް ކަމަށާއި، ދުވަހަކުވެސް މަރީ ސިޔާސީ ހަރަކާތެއްގައި އުޅުއްވަނިކޮށް ދެކިފައި ނުވާކަމަށެވެ. އަދި ބްރޯޑްކޮމް އަށް އައްޔަން ކުރުމަށްފަހު، އެ ހައިސިއްޔަތުން ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު މަރީއަށް ނުލިބޭނަމަ ހިތާމަކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ބަލާލިން އެތިކަލް ކޮންޑަކްޓް ކޯޑުގައި އޮތް އެއްޗެއް. އެއަކާ ހިލާފެއް ނޫން. އަޅުގަނޑަށް ގާނޫނު އެނގޭ މިންވަރު ކަމަށް ވަންޏާ. މަޖިލީހުގައި ވެސް ފަސް އަހަރު މަސައްކަތް ކުރިން. އެއަކާ ހިލާފެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
މަރީ ސަރުކާރުގެ ޖަލްސާ ހުށަހެޅުން އުސޫލާ ހިލާފު ނުވި ނަމަވެސް، އެކަމާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި ތިއްބަވާ މެމްބަރުންނަށް ސަރުކާރު ހަފްލާތައް ހުށަނޭޅޭނެ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ނަމަ، އެކަން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ވާނެ ކަމަށެވެ.
"ސިޔާސަތު ތަކާއެކު ބޭއްވި ދައުލަތުގެ ހަފްލާއަށް ނުވަދެވެންޏާ މަޖިލީހުން އޭތި ކަނޑައަޅަންވީ. އެކަމު އޭރުން ސާފުކުރަން ވާނެ، މުއައްސަސާތަކުގެ މީހުން ވެސް ފަނޑިޔާރުން ވެސް އެހެން މީހުން ވެސް ޖިމަށް ވެސް ދެވޭނެތޯ، ވަކި ޖިމަކަށް ދިއުން ވެސް ހަމަ ބަލަން ވާނެ. އަޅުގަނދު ބޭނުން މީތި ސާފުވާން،" އަލީ ވަހީދު ވިދާޅުވި އެވެ.
ހަފްލާ ހުށަހަޅައިދިނުމުގެ އިތުރުން، ހަފްލާގައި މަރީ ސަރުކާރުގެ ބައެއް ފަރާތްތަކަށް ތައުރީފުކުރާ ފަދަ އިބާރާތްތަކެއް ބޭނުން ކުރުމުގެ ސަބަބުން ވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އަލީ ވަހީދު ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީގެ އިވެންޓެއް ބާއްވައިގެން މީހަކަށް ދެރައެއް ލިބެން ބޭނުން ނުވާތީ އެ ތައުރީފުތައް އަނބުރާ ނެގޭނެ ނަމަ، ނަންގަވާނެ ކަމަށެވެ.
މަރީއާ ޖަލްސާ ހުށަހެޅަން ހަވާލުކުރީ އެއްވެސް ސިޔާސީ ނިޔަތެއްގައި ނޫން ކަމަށާއި، ސަރުކާރަށް ތައުރީފުކުރަން ވެސް ބުނެފައި ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ހަފްލާ ހުށަހަޅަން މަރީ ހަމަޖައްސައި ކޯޓޭޝަން ކުރެވިފައިވާ ގޮތް ބައްލަވާފައި ވާނެ ކަމަށާއި މިނިސްޓްރީން އަގެއް ހުށަހެޅި ނަމަވެސް މަރީ ޖަލްސާ ހުށަހަޅައިދެއްވީ އަގަކަށް ވެސް ނޫންކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އެއްވެސް ސިޔާސީ ނިޔަތެއްގައި ކުރި ކަމެއް ނޫން. އަދި ނުވެސް ކުރާނަން. ހަމަ ގައިމުވެސް މިނިސްޓްރީ ހިންގަމުން މި ދިޔައީ އެއްވެސް ޕޮލިޓިކަލް އައިޑިއޮލޮޖީއަކަށް ބެލުމެއް ނެތި. އަޅުގަނޑުމެންނެއް ކުރީގައި ރާވައިގެން ސަރުކާރަށް ތައުރީފު ކުރައްޗޭ އެހެނެއް ހިނގާ ދިޔަ ކަމެއް ނޫން އެއީކީ. އަދި ގޮނޑި ޖަހާކަށް ވެސް ނާދެ އިނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮމިޝަންތަކުގެ މެމްބަރުން ދައުލަތުގެ ޖަލްސާތައް ހުށަހެޅުމަކީ ގޮތެއް ނިންމަން ޖެހިފައި އޮތް ކަމެއް ކަމަށާއި ނިންމާ ގޮތަކަށް މިނިސްޓްރީން މަރުހަބާ ކިޔާނެ ކަމަށެވެ.
އަދި މަޖިލީހުން މައްސަލައިގައި ގޮތެއް ނުނިންމަނީސް، އެ މިނިސްޓްރީގެ އެއްވެސް ހަފްލާއެއް ހުށަހަޅަން ކޮމިޝަނެއްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކާ ދެން ހަވާލުނުކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.