25 Dec 2019, 14:56
އެމްއާރްއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުލްއަލީމް އާދަމް އާއި އެ ޕާޓީގެ ސްލޮޓުގައި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު އަފްޒަލްގެ ހިއްސާ އޮންނަ ފްރީނެޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މައްޗަށް ދައުވާ ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ފްރީނެޓް ކުންފުންޏަކީ އައިޓީ މަސައްކަތް ކުރާ ކުންފުންޏެކެވެ. އިކޮނޮމިކް މިިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރު އުފެއްދި އެ ކުންފުނީގައި އިއްޔެގެ ނިޔަލަށްވެސް ހިއްސާދާރުންގެ ގޮތުގައި ތިބީ، އަލީމް އާއި ސްޓޭޓް މިނިސްޓަރު އަފްޒަލް އެވެ. ކުންފުނީގައި އަލީމްގެ 20 ޕަސެންޓު ހިއްސާ އޮންނަ އިރު ބާކީ 80 ޕަސެންޓު ހިއްސާދާރަކީ އަފްޒަލް އެވެ.
ފްރީނެޓް ކުންފުނީގެ މައްޗަށް ދައުވާ ކުރަން ނިންމާފައި ވަނީ، އޭޖީ އޮފީހަށް ކޭސް މެނޭޖްމަންޓް ސޮފްޓްވެއާއެއް ހަދަން އެ ކުންފުންޏާ ހަވާލު ކުރުމުން، އެ މަސައްކަތް ނިންމަން އެއްބަސްވި މުއްދަތުގައި އެ މަސައްކަތް ނިންމާފައި ނުވާ ކަމަށް ބުނެ އެވެ.
ކޭސް މެނޭޖްމަންޓު ސިސްޓަމް ތައްޔާރު ކުރުމާ ގުޅޭ ގޮތުން އޭޖީ އޮފީހާ ފްރީނެޓާ ދެމެދު މަޝްވަރާ ކުރެވުނީ 2017 ވަނަ އަހަރުގެ މެއި މަހު ކަމަށް އޭޖީ އޮފީހުން މިއަދު ބުންޏެވެ. ފްރީނެޓުން ޕްރޮޕޯސަލްއެއް ހަދައި އޭޖީ އޮފީހަށް ފޮނުވީ 21 ޖޫން 2017ގަ އެވެ. އެ ކުންފުނީގެ މަސައްކަތަށް ދައްކަން ޖެހޭ ފައިސާ ދައްކައިދޭން އޭޖީ އޮފީހުން 29 އޮގަސްޓް 2017ގައި ޓޫރިޒަމް މިނިސްޓްރީގައި އެދުނެވެ. އެގޮތަށް އެދުމުން، އެމްއައިޓީޑީސީއިން ވަނީ ސީއެސްއާރްގެ ދަށުން އެ ފައިސާ ފްރީނެޓަށް އެއްފަހަރާ ދައްކައިފަ އެވެ.
އޭޖީ އޮފީހުން ބުނި ގޮތުގައި ފްރީނެޓަށް އެ މަަސައްކަތް ހަވާލު ކުރީ ހަތަރު މަސް ތެރޭގައި ނިންމާށެވެ. އެކަމަކު، އެ މަސައްކަތް ނުނިމިގެން އެތައް ފަހަރަކު އެ ފުރުސަތު އިތުރުކޮށްދިން ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެ މަސައްކަތް ނިންމަން ދިން އެންމެ ފަހު މުއްދަތު ކަމުގައިވާ 25 ޖުލައި 2019ގެ ނިޔަލަށްވެެސް މަސައްކަތް ނިންމާފައި ނުވާ ކަމަށް އެޖީ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން ދައުވާ ކުރަން ހުށަހަޅާފައި ވަނީ، ބަދަލެއްގެ ގޮތުގައި 831،000 ރުފިޔާ ހޯދުމަށެވެ.
ކުރީގެ ސަރުކާރުގައި އެ މަސައްކަތް ފްރީނެޓާ ހަވާލު ކުރުމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަމެއް އޮތް ނަމަ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އޭޖީ އޮފީހުން ވަނީ ހުށަހަޅައިފަ އެވެ.
ސްޓޭޓް މިނިސްޓަރު ކަމަށް އަފްޒަލް ހަމަޖެއްސުމުން އޭނާއާ މެދު ސޯޝަލް މީޑިއާގައި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުނެވެ. އެހެން ނަމަވެސް އޭރު އޭނާ އެކަންކަން ދޮގުކުރެއްވި އެވެ.