ރާއްޖޭގެ މިއުޒިކް ސްޓްރީމިން ސާވިސް ކަމަށްވާ "ލަވަފޮށި"ގައި ޖުމްލަ 1.1 މިލިއަން ޕްލޭ އާއެކު މިއަހަރު އެންމެ ގިނަ ބަޔަކު އަޑުއަހާފައިވާ އާޓިސްޓަކަށް، ރެޕް ލަވަކިޔުންތެރިޔާ މުހައްމަދު މާހިދު (މާޓު) ވެއްޖެ އެވެ.

ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓު ކަމަށްވާ މާޓު ވަނީ ލަވަފޮށި ޕްލެޓްފޯމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

ދިވެހިންގެ ހިތްތަކުގައި ވެރިކަން ކުރަމުން ދިޔަ އަލީ ރަމީޒް އަކީ ލަވަފޮށިގެ އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފަންނާނުގެ ގޮތުގައި އެތައް ދުވަހެއް ވަންދެއް އޮތެވެ. ނަމަވެސް އެންމެ ފަހުން މާޓު އަރައި ލަވަފޮށީގެ އެންމެ މަގުބޫލު އާޓިސްޓުގެ މަގާމު ވަނީ ހޯދާފައެވެ.

މިދިޔަ އަހަރު މާޓު ނެރުނު ސޯލޯ އަލްބަމް ކަމަށްވާ "މާރޯކާ" އާއެކު ލަވަފޮށި ލިސްޓުގެ އެންމެ ކުރިއަށް އޭނާ އެރިއެވެ. އޭގެ ކުރީން ލަވަފޮށިގައި ރަސްކަން ކުރަމުންދިޔައީ އަލީ ރަމީޒް އެވެ.

މާޓުގެ ލަވަތަކުގެ އިތުރުން ސިމްބޮލިކް ރިކޯޑްސް އަށް މިއީ ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ސިމްބޮލިކް ރިކޯޑްސްގެ ލޭބަލް ދަށުން ވަކި ފަންނާނަކަށް ނުވާގޮތަށް ނެރެފައިވާ ކޮންޓެންޓާއެކު ސިމްބޮލިކް ރެކޯޑްސް އަކީ މިއަހަރު ތިންވަނައަށް އެންމެ ގިނައިން އަޑުއަހާފައިވާ ފަރާތެވެ. އޭގެއިތުރުންވެސް ސިމްބޮލިކް ރިކޯޑްސް ލޭބަލްގައި ހިމެނޭ ބައެއް ފަންނާނުން އެންމެ ގަދަ 10 އާޓިސްޓުންގެ ލިސްޓުގައި ހިމެނެއެވެ.

މިއަހަރުގެ އެންމެ މަގުބޫލު އާޓިސްޓުން އެތުރިފައިވާ ގޮތަކީ މިއީއެވެ.

  1. މާޓު (1.1 މިލިއަން ޕްލޭ)

  2. އަލީ ރަމީޒް (986،000 ޕްލޭ)
  3. ސިމްބޮލިކް ރިކޯޑްސް (829،000 ޕްލޭ)
  4. ބީޓޯލޮޖީ ސްޓޫޑިއޯސް (307،000 ޕްލޭ)
  5. އުމަރު ޒާހިރު (230،000 ޕްލޭ)
  6. ޝަލަބީ އިބްރާހީމް (199،000 ޕްލޭ)
  7. މެޒޯ މުހައްމަދު (178،000 ޕްލޭ)
  8. ޒީރޯ ޑިގްރީ އެޓޯލް (134،000 ޕްލޭ)
  9. ޖައިލަމް ބޭ (133،000 ޕްލޭ)
  10. ޕެސްޓް (132،000 ޕްލޭ)

މިއަހަރު ލަވަފޮށިޗާޓުތަކުގައިވެރިކަން ކުރަމުން ދަނީ ގިނައިން ދިވެހި ރެޕް ލަވަތައް ކަން ގަދަ 50 ހުގެ ލިސްޓުން ހާމަވެގެން ދެއެވެ.