02 Jan 2020, 09:57
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން، މިދިޔަ އަހަރު އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި ވަޒީރުންގެ ތެރޭގައި ހަމަގައިމުވެސް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވާނެ އެވެ.
މިނިސްޓަރު ރާއްޖެއިން މާގިނައިން ނުފެނި އަބަދުވެސް ކޮންމެސް ރަސްމީ ދަތުރެއްގައި އުޅުއްވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ. ނަމަވެސް ނިމިގެން ދިޔަ 2019 ވަނަ އަހަރު ފެށުނު އިރު މިނިސްޓަރު ދިވެހި ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ރަހްމަތްތެރިކަން ގާއިމުކޮށްފައިވާ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމާއި އާ ރަހްމަތްތެރި ގައުމުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމެވެ.
ޝާހިދު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައުއިން އެކަހެރިވެފަ އެވެ. އެންމެ ކައިރީގައި އޮތް، އެންމެ ޒަމާންވީ އެކުވެރިޔާ ކަމުގައިވާ އިންޑިއާ އާދެމެދު އޮތް ގުޅުންވެސް އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ކޮމަންވެލްތުން ވަކިވެ ރާއްޖެއިން ވަނީ އީރާނާއި ގަތަރާ އެކު އޮތް ހާރިޖީ ގުޅުންވެސް ކަނޑާލައި މުޅިން އެކަނިވެފަ އެވެ.
އެހެންކަމުން ގައުމުތަކާ ގުޅުން ބަދަހިކޮށް ރާއްޖެ އަލުން ބައިނަލްއަގުވާމީ އާއިލާގެ ތެރެއަށް ވަންނަން ކުރަންޖެހޭ ހުރިހާކަމެއް ކަހަލަ ގޮތަކަށް އެޅުނީ މިނިސްޓަރު ޝާހިދުގެ ކޮނޑުގަ އެވެ.

ސައުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށް ދިޔަ އޯއައިސީ ސަމިޓުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އަހަރު ނިމިގެން ދިޔަ އިރު، އެދުވަހު މިނިސްޓަރު ވެވަޑައިގެންނެވި ވައުދު މިވަނީ ގައިމުވެސް ފުއްދަވައިފަ އެވެ. ގިނަ ދަތުރުތަކެއް ކުރައްވައި، އެތައް ގައުމެއްގެ ރައީސުންނާ އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ. އަދި ގައުމުތަކާ ގުޅުން ބަދަހިކޮށް ދިވެހި ރައްޔިތުންނަށް އެތައް ލުއިތަކެއް މިވަނީ ހޯއްދަވައިދެއްވައިފަ އެވެ.
ފާއިތުވި އަހަރު މިނިސްޓަރު ވަނީ 23 ގައުމަކަށް ވަޑައިގެން 11 ގައުމެއްގެ ރައީސުންނާ ބައްދަލުކުރައްވައި، 13 ގައުމެއްގެ ބޮޑުވަޒީރުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި 39 ގައުމެއްގެ ވަޒީރުންނާއި، 56 ގައުމެއްގެ ސަފީރުންގެ އިތުރުން 81 ގައުމެއްގެ އިން މަންދޫބުންނާ ވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ.
މި ދަތުރުތަކާއި ބައްދަލުވުންތަކުގެ ނަތީޖާގެ ފޮނި ރަހަ ގައިމުވެސް ދިވެހިންގެ އަރުތެރޭގައި މިވަނީ ލާން ފަށައިފަ އެވެ.
ކޮމަންވެލްތާ އަލުން ގުޅެން ކައިރިވެއްޖެ!
ކޮމަންވެލްތުން ރާއްޖެއަށް ނުފޫޒު ފޯރުވާކަމަށް ބުނެ 2016 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެއިން ވަނީ އެ ޖަމްއިއްޔާ އިން ވަކިވެފަ އެވެ. ނަމަވެސް ކޮމަންވެލްތާ ރާއްޖެ އަލުން ގުޅުމަކީ ރައީސް ސޯލިހުގެ ކެމްޕޭން ވައުދެކެވެ. އަދި ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ނެރުއްވި ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ބުނެފައިވާ ގޮތުން، އެއީ ސަރުކާރުގެ ފުރަތަމަ ހަފްތާ ތެރޭގައި ކުރާނެ ކަމެކެވެ.
އެގޮތުން ސަރުކާރުން ވެރިކަމާ ހަވާލުވިތާ ފުރަތަމަ ހަފްތާ ތެރޭގައި ވަނީ ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ކެބިނެޓުން ނިންމާފަ އެވެ. އަދި އެ ނިންމުން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ. އަދި ޑިސެމްބަރު 2018 ގައި ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް ހުށަހަޅައިފަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު ކޮމަންވެލްތުގެ ސެކްރެޓެރީ ޖެނަރަލަށް ލިޔުންތައް އަރުއްވަނީ--ފޮޓޯ: ޕެޓްރީޝިއާ
ރާއްޖެއިން މިހާރު ވަނީ ކޮމަންވެލްތާ ގުޅުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ ހަރުފަތެއް ނިންމައިފައެވެ. އަދި ރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމަށް ދެކޮޅު ނަހަދާކަން ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުން އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަށް ވެސް ވަނީ އަންގައިފައެވެ.
އެހެންކަމުން މި އަހަރުގެ ކުރީކޮޅު ރާއްޖެ އަލުން ކޮމަންވެލްތާ ގުޅޭނެކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ވަނީ ދެއްވައިފަ އެވެ.
ވިސާ ނުލާ ދަތުރުކުރެވޭ އިތުރު ހަތަރު ގައުމެއް!
މިނިސްޓަރު ޝާހިދުގެ ދަތުރުތަކުން ދިވެހިންނަށް ވިސާއާ ނުލާ ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް އިތުރު ހަތަރު ގައުމެއް މިވަނީ އިތުރުވެފަ އެވެ. އެއީ ތައިލެންޑް، ރަޝިޔާ، މޮރޮކޯ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ.
ވިސާއާ ނުލައި ދިވެހިންނަށް ޔޫއޭއީއަށް ދަތުރުކުރެވޭ ގޮތް ހަމަޖެހިގެން ދިޔައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. ޔޫއޭއީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދިވެހިންނަށް އެއް މަސް ދުވަހުގެ އޮން އެރައިވަލް ވިސާ މިހާރު ލިބެ އެވެ.
ޗުއްޓީގެ އިތުރުން ބޭސްފަރުވާއާއި ވިޔަފާރީގެ ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހީން ދަތުރުކުރާ ތައިލެންޑަށް ވިސާއާ ނުލައި ދަތުރުކުރެވެން ފެށީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން މިހާރު ދިވެހިންނަށް އެގައުމުން 30 ދުވަހުގެ ޓޫރިސްޓް ވިސާ ހިލޭ ލިބެ އެވެ.

ރަޝިއާ - ރާއްޖެ އޮން އެރައިވަލް ވިސގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެއާއި ރަޝިއާ އާދެމެދު މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޓޫރިސްޓުންގެ ގޮތުގައި އެއް ގައުމުން އަނެއް ގައުމަށް ޒިޔާރަތް ކުރާ ދެ ގައުމުގެ ރައްޔިތުންނަށް، 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ.
ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގައުމެއްގެ ގޮތުގައި އެންމެ ފަހުން ހަމަޖެހިގެން ދިޔައީ މޮރޮކޯއެވެ. ވިސާއާ ނުލައި ދިވެހިންނަށް މޮރޮކޯއަށް ދަތުރުކުރެވޭނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.
އިންޑިއާ އަދި ލަންކާއިން ވިސާގެ ބޮޑެތި ލުއިތަކެއް!
ފޮރިން މިނިސްޓަރުގެ ގޮތުގައި މިނިސްޓަރު އެންމެ ފުރަތަމަ ވެސް ވަޑައިގެންނެވީ އަވަށްޓެރި އިންޑިއާ އަށެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު، ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވެގެން ދިޔަ ދިއުމުގައި ދިވެހިންނަށް ވިސާ ހޯދަން ދަތިތަކެއް ކުރިމަތިވިއެވެ.
ނަމަވެސް މި ސަރުކާރުން ވަނީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކޮށް ދިވެހިންނަށް ވިސާގެ ބޮޑެތު ލުއިތަކެއް ހޯދައިދީފައެވެ. އެގޮތުން ޓޫރިޒަމާއި، ބޭސްފަރުވާ އަދި ވިޔަފާރިއާ ގުޅޭ ދަތުރުތަކަށް ކޮންމެ ހަ މަހަކުން 90 ދުވަހު ވިސާއާ ނުލާ ދަތުރުކުރެވޭ ގޮތް ވަނީ ހަދައިފައެވެ.
އަދި ޓޫރިސްޓު ވިސާގައި އިންޑިއާއަށް އެތެރެވުމަށްފަހު ދިމާވާ ކުއްލި ކަމެއްގެ ސަބަބުން އެގައުމުގައި އިތުރަށް މަޑުކުރަން ޖެހިއްޖެނަމަ ރާއްޖެ ނައިސް މެޑިކަލް ވިސާ ހަމަޖެހޭނެ އިންތިޒާމާއި ކިޔަވަން ހުންނަ މުއްދަތަށް މަލްޓިޕަލް އެންޓްރީ ސްޓުޑެންޓް ވިސާ ހަމަޖެހޭނެ ގޮތް ވަނީ ހަދައިފައެވެ.

ޖޫން 8، 2019: އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރާއްޖެއަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް
މިހާރު ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މީހުން އެންމެ ގިނަވެގެން ހަ މަސް، ނުވަތަ ހާލަތަށް ބަލައި އެއް އަހަރު ދުވަހާ ހަމައަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވިސާ ދޫކުރާނެ އެވެ.
މަތީ ތައުލީމަށް ކިޔަވަން ނުވަތަ ރީސާޗް ހަދަން ތިބޭ ދަރިވަރުންގެ އަނބިންނާއި ފިރިންނާއި މައިންބަފައިންގެ އިތުރުން 18 އަހަރު ނުވާ ދަރިންނަށް ވިސާ ލިބޭނެ ފަސޭހަ ގޮތް ހަމަޖެހިފައި ވާއިރު، 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް އެ ދަރިވަރުގެ ވިސާގެ މުއްދަތަށް މަލްޓިޕްލް އެންޓްރީ ވިސާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
ލަންކާއިން ލިބިފައިވާ ވިސާގެ ލުއިތަކަށް ބަލާލާއިރު، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ އަދި ލަންކާގައި ކިޔަވާ 18 އަހަރު ނުވާ ދަރިވަރުން ކިޔަވަން އެގައުމުގައި ހޭދަކުރާ މުއްދަތުގައި ބެލެނިވެރިއެއްގެ ގޮތުގައި މަންމައާއި ބައްޕައަށް ވެސް މިހާރު ވިސާ ލިބެއެވެ.
މީގެއިތުރުން ދަރިވަރިންގެ މައިންބަފައިންގެ އިތުރުން މާމަ އާއި ކާފައަށް ވެސް ވިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.
މާޗް މަހުން ފެށިގެން ޖަރުމަން ޝެންގެން ވިސާ ރާއްޖެއިން!
ގިނަ އަދަދެއްގެ ދިވެހިން ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާއިރު އެންމެ ބޮޑު ދަތިކަމަކަށް ކުރިމަތިވަނީ ވިސާ ހޯދުމުގެ ދަތިކަމެވެ. ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުމަށް ދިވެހިން މިހާރު ވިސާ ނަގަން ދާން ޖެހެނީ އިންޑިއާގެ ދިއްލީއަށް ނުވަތަ ސްރީލަންކާއަށެވެ.
އެ ދަތިޔަކަށް ހައްލެއް ހޯދުމަށް ޖަރުމަންވިލާތާއި، އީޔޫ އަދި ޔޫރަޕްގެ އެހެން ގައުމުތައް އަދި ޝެންގެން ވިސާގެ ހިދުމަތް ދޭ ވީއެފްއެސް ގްލޯބަލްއާއިއެކު ދިވެހި ސަރުކާރުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
އޭގެ ނަތީޖާއެއްގެ ގޮތުން އަންނަ މާޗް މަހުން ފެށިގެން ރާއްޖެއިން ޖަރުމަން ޝެންގެން ވިސާ ނެގޭނެ ގޮތް މިވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އަދި ހަމައެކަނި ޖަރުމަނުން މި ހިދުމަތް ލިބުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ވިހިވިއްސަށް ވަރުގަދަ އަމާޒުތަކެއް!
ރައީސް ސޯލިހުގެ ޒައާމަތުގެ ފުރަތަމަ އަހަރު، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ހިންގުމުގައި މިނިސްޓަރު ޝާހިދުގެ ތަޖުރިބާއާއި ވިސްނުންފުޅުގެ އަލީގައި މިވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.
އަހަރުގެ ކާމިޔާބީތަކަށް ބަލާއިރު މިނިސްޓަރު ޝާހިދު ގަބޫލުކުރައްވާ އެންމެ ބޮޑު ކާމިޔާބީއަކީ ދުނިޔޭގެ ސިޔާސީ މަސްރަހުގައި ރާއްޖެއަށް، ރާއްޖޭގެ ޝަރަފުވެރި ހައްގު މަގާމު އަލުން ހޯދުމެވެ.
"ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ދިވެހިރާއްޖެ މިހާރު މިވަނީ އަލުން އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމު ހޯދައިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާންވީ ރަހުމަތްތެރިންނާ ގުޅުން ބަދަހިކޮށް، އަތުގުޅާލައި، އިތުރު ގައުމުތަކާއި ގުޅުން ގާއިމުކޮށް، ދުނިޔޭގެ އިހުތިރާމާއި ގަދަރު ލިބޭ ފަހުރުވެރި ގައުމަކަށް އަލުން ރާއްޖެ ވެފައިވާކަމަށާއި މި ފެށުނު އާ އަހަރު ވަރުގަދަ ލަނޑުދަނޑިތަކެއް ހާސިލް ކުރަން ހާރިޖިއްޔާއިން އަތުކުރި އޮޅާލާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މީޑިއާއަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ-- ފަޔާޒު މޫސާ
އެގޮތުން ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ހިމާޔަތްކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރުކަމާއިއެކު ވަރުގަދަކުރުމާއެކު ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ކުދި ޖަޒީރާ ގައުމުތަކެއްގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ އެންމެ އިސް ގައުމަކަށް ހެދުމުގެ އަމާޒު ސަރުކާރުން ވަނީ ހިފައިފަ އެވެ.
އަދި ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށް އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފައިދާ ކުރަނިވި ގޮތެއްގައި ހިފުމަށް ދޮރުތައް ހުޅުވައިދެއްވާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.