އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކީ 2004 ވަނަ އަހަރު އޭޕްރިލް މަހު ދިވެހިރާއްޖެ ސޮއިކޮށްފައިވާ "ޔޫއެން ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް ކްރުއަލް ޕަނިޝްމަންޓް އޯ ޑީގްރެޑޭޝަން"އާ ބެހޭ މުއާހަދާގެ ދަށުން ދެއްކެވި ވާކަހަފުޅަކަށް ވުމުން މުއާހަދާތަކުން ލިބިދޭ ހައްގުތަކަށް އދ.ގެ އޮފިޝަލުން ގޮވާލުމުން އެކަން ކުށްވެރި ކުރާނެ ޖާގައެއް ނެތް ކަމަށް އެމްޑީޕީގެ ނައިބު ރައީސް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

ހައްދު ޖެހުމާ ބެހޭ ގޮތުން ޕިއްލޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ބުނެ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްހާން ވަނީ ޕާޓީތަކާ ޖަމާޔަތްތަކުން ދައްކަމުންދާ ވަހަކަތަކަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ޕިއްލޭގެ ވާހަކަތަކަކީ ކުރީގެ ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި ފަތުހުﷲ ޖަމީލާއި ބަންޑާރަ ނައިބަކަށް ހުންނެވި ހަސަން ސައިދުގެ ލަފާގެ މަތިން ސޮއިކޮށްފައިވާ މުއާހަދާއެއްގެ ދަށުން ދެއްކި ވާހަކަތައެއް ކަމަށެވެ. އަދި އެ މުއާހަދާގެ ދަށުން އިންސާނުންނަށް ކުރާ އަނިޔާއާ ގުޅުވައިގެން ދައްކާ ވާހަކަތައް އަޅުގަނޑުމެންނަށް ނުހުއްޓުވޭނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

"އދ.ގެ ބައިނަލް އަގުވާމީ މުއާހަދާތަކުން ލިބިދޭ ހައްގުތައް އެކްސަސައިޒް ކުރަން އަންނަ އެކިއެކި އޮފިޝަލުން ދައްކާ ވާހަކަތައް ކުށްވެރިކުރާނެ ޖާގައެއް އަޅުގަނޑުމެންނަކަށް ނެތް. އެ ވާހަކަ އދ. ހިއުމަން ރައިޓްސް ކޮމިޝަނާ އައިސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ނުދެއްކީސް މިދަންނަވާ ]2004 އަހަރު ސޮއިކޮށްފައިވާ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް ކްރުއަލް ޕަނިޝްމަންޓް އޯ ޑީގްރެޑޭޝަން[ގައި ރިޒަވޭޝަންއަކާ އެކީގައި ސޮއިކުރި ނަމަ،" އަލްހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ އާއި އިސްލާމްދީނާ ފުށުއަރާ އެއްވެސް މުއާހަދާއެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ނަމަ އެކަމެއް ރިވައިސްކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ސޮއިކޮށްފައިވާ އެފަދަ މުއާހަދާތައް ސަމާލުކަމަށް ގެންނަވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕިއްލޭ މަޖިލީހުގައި ދެއްކެވީ އިސްލާމް ދީނުގައި ހައްދު ޖަހާ ވާހަކަ ނޫން ކަމަށެވެ. "އޭނާ އެއްވެސް ގޮތަކަށް ދެއްކީކީ އިސްލާމް ދީނުގައި ހައްދު ޖަހާ ވާހަކައެއް ނޫން. އިންސާނުން ހަދާ ގާނޫނުތަކުގައި އިންސާނާގެ ކަރާމާތް ނުގެންލޭ ގޮތަށް އިންސާނާގެ ނަފްސަށް ގެއްލުން ނުވާ ގޮތަށް ކަނޑައެޅުމަށް މިއަދު މުޅި ދުނިޔެ ދަނީ ވަކާލާތު ކުރަމުން. މިކަން އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭނެ. އެހެންވީމަ އެކޮންސެޕްޓްގައި ދެއްކި ވާހަކައެއް ކަމަށް ގަބޫލް ކުރެވެނީ،"

މި މަހުގެ 21 އިން 24 އަށް ޕިއްލޭ ރާއްޖެ އަށް ކުރި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ތަގުރީރު ކުރައްވަމުން ވިދާޅުވީ ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ޖެހުމަކީ އެ މީހުންގެ ޝަރަފަށް އުނިކަން ލިބޭކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހައްދު ޖެހުމާ ބެހޭ އާންމު ބަހުސެއް ބޭއްވުމަށް އޭނާ ގޮވާލެއްވި އެވެ.