25 Dec 2019, 15:13
ދިއްލީ (ޑިސެމްބަރު 25): އިންޑިއާގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރިއަށްގެންދަނިކޮށް އެގައުމުގައި އަންނަ އަހަރު ބޯހިމެނުމަށާއި އާބާދީ ބެލުމަށް ހަރަދު ކުރާނެ ބަޖެޓު ކެބިނެޓުން ފާސްކޮށްފި އެވެ.
އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ޕްރަކާޝް ޖަވަދެކަރު ވިދާޅުވި ގޮތުގައި އެގައުމުން ނެޝަނަލް ޕޮޕިއުލޭޝަން ރެޖިސްޓާ (އެންޕީއާރު) އެކުލަވާލުމަށް ފާސްކޮށްފައި ވަނީ 553 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ. އަދި ބޯހިމެނުމުގެ މަސައްކަތަށް ކަނޑައެޅީ 1.2 ބިލިއަން ޑޮލަރުގެ ބަޖެޓެކެވެ.
އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި އެންޕީއާރުގެ މަގުސަދަކީ ގައުމުގައި ދިރިއުޅޭ މީހުންގެ ލިސްޓެއް އެކުލަވާލުމެވެ. އެ ލިސްޓުގައި ހިމަނާނީ ވަކި ސަރަހައްދެއްގައި މަދުވެގެން ހަ މަސް ވަންދެން ދިރިއުޅެފައިވާ ނުވަތަ އެތަނެއްގައި ހަ މަސް ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް ދިރިއުޅޭނެ މީހުންނެވެ. އެހެންކަމުން ބޭރު ގައުމުތަކުގެ މީހުންވެސް އެންޕީއާރުގައި ހިމެނޭނެ އެވެ. ނަމަވެސް އެލިސްޓު އެކުލަވާލާ އިރު އެއްވެސް ލިޔެކިޔުމެއް ދައްކަން ނޭދޭނެ އެވެ.
އެންޕީއާރު އެކުލަވާލުމާއި ބޯހިމެނުމުގެ މަސައްކަތް ފަށާނީ އަންނަ އޭޕްރިލް މަހުގަ އެވެ. އަދި ބޯހިމެނުމުގައި ގައުމުގެ އާބާދީ އާއި އިގުތިސާދާއި މީހުން އެއް ތަނުން އަނެއް ތަނަށް ބަދަލުވުމާ ބެހޭ މައުލޫމާތު ހޯދާނެ އެވެ.
މިނިސްޓަރު ޖަވަދެކަރު ވިދާޅުވި ގޮތުގައި އެ ދެ ޕްރޮގްރާމުގެ ސަބަބުން ސަރުކާރުގެ ސްކީމުތަކާއި ސިޔާސަތުތައް ރަނގަޅު ކުރުމަށް މަގުފަހިވާނެ އެވެ.
ނަމަވެސް އެންޕީއާރު އެކުލަވާލުމަށް ފާޑު ކިޔާ މީހުން ވަނީ އެއީ ގައުމުގެ ރަށްވެހިންގެ ލިސްޓު ނުވަތަ ނެޝަނަލް ރެޖިސްޓާ އޮފް ސިޓިޒެންސް (އެންއާރުސީ) އެކުލަވާލުމަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމަށް ބުނެފަ އެވެ.
މިދިޔަ އޮގަސްޓު މަހު އައްސާމްގައި ވަނީ ރަށްވެހިންގެ ލިސްޓެއް އެކުލަވާލާފަ އެވެ. އެ ލިސްޓުގައި ހިމަނާފައި ވަނީ 24 މާޗް 1971ގެ ކުރިން އެ ސްޓޭޓުގައި ދިރިއުޅެމުން އައިކަން ސާބިތު ކުރެވުނު މީހުންގެ ނަންތަކެވެ. އެއީ ބަންގުލަދޭޝް މިނިވަންވި ދުވަހުގެ ކުރީ ދުވަހެވެ. އަދި އެ ލިސްޓުގައި އައްސާމްގައި ދިރިއުޅޭ ދެ މިލިއަން މީހުންގެ ނަން ހިމަނާފައި ނުވުމުން، އެ މީހުންގެ ރަށްވެހިކަން ގެއްލުމުގެ ބިރު ވަނީ ހީވެފަ އެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ އައްސާމްގެ ރަށްވެހިންގެ ލިސްޓު ފަދައިން މުޅި ގައުމުގައިވެސް އެފަދަ ލިސްޓެއް އެކުލަވާލާނެ ކަމަށް މިދިޔަ މަހު ވިދާޅުވެފަ އެވެ. އަދި ރައީސް ރާމް ނާތު ކޯވިންދުވެސް ވަނީ އެންއާރުސީ ހެދުމަކީ ސަރުކާރުގެ އެޖެންޑާގައި އޮތް ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ސަރުކާރު 2014 ވަނަ އަހަރު ވެރިކަމަށް އައި ފަހުން، އެންއާރުސީ އެކުލަވާލުމާ ބެހޭ މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
މޯދީ އެފަދައިން ވިދާޅުވީ އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކުގައި 20އަށް ވުރެ ގިނަ މީހުން މަރުވި ފަހުންނެވެ. އެގައުމުގެ ޕާލިމެންޓުން މި މަހުގެ 11އިގައި ފާސް ކުރި ސިޓިޒެންޝިޕް އެމެންޑްމެންޓް ބިލް (ސީއޭބީ)ގައި ވަނީ އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ އަފްގާނިސްތާން، ޕާކިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ ގޮތް ހަދައިފަ އެވެ.
އެ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ދަނީ އެއީ ދީނީ ގޮތުން ތަފާތު ކުރުމަށް މަގުފަހިކޮށްދޭ، އިންޑިއާގެ ގާނޫނު އަސާސީއާ ފުށޫއަރާ ގާނޫނެއް ކަމަށް ބުނަމުންނެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން ވަނީ އެ ގާނޫނު ހެދީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގައި އަނިޔާ އާއި ފުރައްސާރައާ ކުރިމަތިލާން ޖެހޭ މީހުންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.