ރާއްޖޭން ސޮއިކޮށްފައިވާ ބައެއް މުއާހަދާތައް މުރާޖައާ ކުރުމާއި އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕްކަސް)ގައި ބައިވެރިވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ހުށަހަޅުއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް ސޯލިހު މިގޮތަށް މި ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ހުށަހެޅި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކަކީ ރިވައިސްޑް ކިޔޯޓޯ ކޮންވެންޝަން (އާރު.ކޭ.ސީ)ގައި ސޮއިކުރުމާއި 1996 ވަނަ އަހަރު އުފެދިފައިވާ އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕްކަސް) ގައި ބައިވެރިވުމާއި ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ) މުއާހަދާގެ 16 ވަނަ މާއްދާއަށް ކޮށްފައިވާ ބައެއް އިއުތިރާޟްތައް ނެގުމާ ގުޅޭގޮތުންނެވެ.

ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ)ގެ އާރުކޭސީ ނުވަތަ "ދަ އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖާރސް" މުއާހަދާއަކީ ކަސްޓަމުން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައިގަނޑު އަސާސްތަކާއި އުސޫލުތައް ބަޔާންކުރާ މުއާހަދާއެކެވެ.

އެ މުއާހަދާގެ މަގްސަދަކީ ދޭދޭ ގައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮށް، ލުއިފަސޭހަކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާ ކުރެވޭނެ ގޮތުގެ މަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމެވެ.

އޭޝިއާ އެންޑް ޕެސިފިކް ކޮމިޝަން އޮން އެގްރިކަލްޗަރަލް ސްޓެޓިސްޓިކްސް (އެޕްކަސް) ކޮމިޝަން އުފެއްދުމުގެ މަގްސަދަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ގައުމުތަކުގެ ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ އިސް ފަރާތްތައް އެއް މާހައުލަކުން ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެގޮތުން އެ މައުލޫމާތު ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އާ ހިއްސާ ކުރުމަށް ކޮންމެ ދެ އަހަރަކުން އެއް އަހަރު އެ ކޮމިޝަންގެ ބައްދަލުވުންތައް ބާއްވަ އެވެ.

މީގެ އިތުރުން އިއްޔެގެ ބައްދަލުވުމުގައި ސީޑޯ މުއާހަދާގެ 16 ވަނަ މާއްދާއަށް ދިވެހި ދައުލަތުން ކޮށްފައިވާ ބައެއް އިއުތިރާޒުތައް ނެގުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާދެއްވާފަ އެވެ. ވަޒީރުން ލަފާދެއްވީ ސީޑޯގެ 16ވަނަ މާއްދާގެ 1ގެ (ބީ)، (އީ)، (ޖީ)، (އެޗް) އަދި އެ މާއްދާގެ 2 ވަނަ ނަމްބަރަށް ދިވެހި ދައުލަތުން ކޮށްފައިވާ އިއުތިރާޒު ނެގުމަށެވެ.

ސީޑޯ މުއާހަދާ އެކުލެވިގެން ވަނީ ތައުލީމު ހާސިލު ކުރުމުގައާއި، ސިއްހީ ފަރުވާ ހޯދުމުގައާއި، ވަޒީފާ އަދި އާމްދަނީ ހޯދުމުގައާއި، ސިޔާސީ ކަންކަމުގައި ބައިވެރިވުމުގައާއި، މަދަނީ ހައްގުތައް ލިބިދިނުމުގައި އާއިލާއާ ގުޅުންހުރި އެކިކަންކަމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަންހެނުންނާމެދު ކުރެވޭ ތަފާތުތައް ނައްތާލުމުގެ މައްޗަށެވެ.