25 Dec 2019, 13:17
ފްލޮރިޑާ (ޑިސެމްބަރު 25) : ނަސާރާއިންގެ ކްރިސްމަސް އީދާ ގުޅިގެން އުތުރުކޮރެއާ އިން ދީފާނެ ކޮންމެ ބާވަތެއްގެ ހަދިޔާއަކާ މުއާމަލާތް ކުރަންވެސް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ އަމިއްލަ ރިސޯޓް ކަމަށްވާ "މާރާ ލާގޯ" ގައި ޗުއްޓީ ހޭދަ ކުރައްވަމުން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އުތުރުކޮރެއާ ގެ ހަދިއާ އަކީ މިސައިލް ތަޖްރިބާއެއްގެ ބަދަލުގައި މަލުގެ ގުލްދަސްތާއަކަށް ވެދާނެކަމަށާ އުތުރުކޮރެއާ ދެނީ ކޮންބާވަތެއްގެ ހަދިއާ އެއްކަން ބަލާލަން ތައްޔާރަށް ހުންނެވި ކަމުގައެވެ.
އުތުރުކޮރެއާ ދާދިފަހުންވަނީ ކްރިސްމަސް ހަދިޔާއެއްގެ ގޮތުގައި އެމެރިކާއަށް ހަދިޔާއެއް ދޭން ތައްޔާރުވަމުންދާކަމަށް ބުނެފައެވެ. އުތުރުކޮރެއާގެ ރަސްމީ ނޫސްއެޖެންސީން މިހެން ބުނެފައިވަނީ އެގައުމުން ދުރުރާސްތާގެ ބަލިސްޓިކް މިސައިލެއް ތަޖްރިބާ ކުރަންއުޅޭކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
އަނެއްކޮޅުން އެމެރިކާއާއި އުތުރުކޮރެއާ ފަށާފައިވާ ސުލްހައިގެ ވާހަކަތަކަށް ހިއްވަރު ދީ އެކަމަށް ތާއީދު ކުރުމުގެ ގޮތުން ޗައިނާގެ ބޮޑުވަޒީރު ލީ ކިޗިއާން އާއެކު ޖަޕާނާއި ދެކުނު ކޮރެއާގެ ލީޑަރުން އިއްޔެވަނީ ޗައިނާގެ ރަށެއްކަމަށްވާ ޗިންގްޑޫ ގައި ބައްދަލުކުރައްވާފައެވެ. އެބައްދަލުކުރެއްވުމަށްފަހު ޗައިނާގެ ޚާރިޖީ ވުޒާރާއިން އެމެރިކާއަށް ގޮވާލާފައިވަނީ ކޮރެއަން ޕެނިންސިއުލާ އަކީ ނިއުކްލިއަ ހަތިޔާރު ނުގެންގުޅޭ ތަނަކަށް ހެދުމަށާއި ކޮރެއާ ސަރަހައްދުގައި ސުލްހަ ގާއިމްކުރެވޭ ފަދަ މަގު ޗާޓެއްގެ މަސައްކަތް ކުރުމަށެވެ.
މިއީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންވެސް މިދިޔަ އޮކްޓޯބަރުމަހު އެމެރިކާގެ ކިބައިން އެދިވަޑައިގެންފައިވާ ކަމެކެވެ. ކިމް ވަނީ މި ޑިސެމްބަރު މަސް ނިމުމުގެ ކުރިން މިކަން ކުރުމަށް ގޮވާލައްވައި އެމެރިކާއަށް ސުންގަޑި އެއްވެސް ދެއްވާފައެވެ.
އެމެރިކާއާއި އުތުރުކޮރެއާގެ ސުލްޙައިގެ ވާހަކަތައް ކުރިޔަށްނުދަނީ އުތުރުކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކައް ބައެއް ލުއިތައް ދިނުމަށް އެގައުމުން އެދޭ އެދުންތަކަށް އެމެރިކާ އިޖާބަ ނުދިނުމުގެ ސަބަބުން ކަމަށް ޗައިނާ ދެކެއެވެ. މިކަން ހައްލުކުރުމަށްޓަކައި އުތުރުކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ގޮވާލާ ބިލެއް ޗައިނާއާއި ރަޝިއާ ގުޅިގެން ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް އެދެގައުމު ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމެރިކާ ގެ ޚާރިޖީ ވުޒާރާއިންވަނީ އުތުރުކޮރެއަށް ލުއި ދިނުމަށް މިއީ މުނާސަބު ވަގުތެއް ނޫންކަމަށް ބުނެ އެބިލްގެ ޑްރާފްޓާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. (ރޮއިޓާސް)