28 Nov 2011, 16:33
ރަބާތް (ނޮވެމްބަރ 28) : އުތުރު އެފްރިކާގެ ޢަރަބި ޤައުމެއް ކަމަށްވާ މަޣްރިބްގެ ޢާންމު އިންތިޚާބު، އެޤައުމުގެ އިސްލާމީ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީން ކާމިޔާބުކޮށްފިއެވެ. މިއިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣްލަބއްޔަތު ލިބިފައިނެތް ނަމަވެސް ޕާލަމެންޓްގެ އެންމެ ގިނަގޮނޑި ކާމިޔާބުކުރީ އިސްލާމީ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއެވެ.
މަޣްރިބްގެ ދަސްތޫރަށް ދާދިފަހުން ގެނައި އިސްލާޙީ ބަދަލުތަކާއެކު އެޤައުމުގެ ރަސްގެފާނުގެ ބާރުތައްކުޑަވެ ހިންގުމުގެ ވަރަށް ބޮޑެތި ބާރުތަކެއްވަނީ ބޮޑުވަޒީރާ އިޚްތިސާސްގެ ދަށަށް ގޮސްފައެވެ. މީގެއިތުރުން ޝަރްޢީ ދާއިރާވެސްވަނީ ސަރުކާރުގެ ބާރާއި ނުފޫޒު ނުހިގާގޮތަށް އިސްލާޙް ކޮށްފައެވެ. ނަމަވެސް ފުރިހަމަ ބަރުލަމާނީ ވެރިކަމެއްގައި އޮންނަންޖެހޭ ބާރުތަކަށްވުރެ ބޮޑެތި ބާރުތަކެއް އަދިވެސް ރަސްގެފާނުގެ ކޮންޓްރޯލްގެ ދަށުގައިވެއެވެ. މީގެތެރޭގައި ޝަރްޢީ ދާއިރާއަށާއި ސަރުކާރުގެ ކަންތައްތަކަށް ބައެއް ޙާލަތްތަކުގައި އަމުރު ހިންގުމުގެ ބާރު ރަސްގެފާނަށް ލިބިފައިއޮތުން ހިމެނެއެވެ.
އިންތިޚާބު ކާމިޔާބު ކުރުމަށްފަހު މަޣްރިބްގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ގެ ވެރިޔާ ޢަބްދުލްއިހާލް ބިން ކީރާންވަނީ އިސްލާމީ ޤައުމުތަކުގައި އިސްލާމީ ޚިޔާލުގެ މީހުންނާނުލައި ޑިމޮކްރެޓިކް ނިޒާމެއް ނުހިންގޭނެކަން ޤަބޫލުކުރުމަށް ޑިމޮކްރަސީއަށް ވާކާލާތުކުރާ ޢިލްމާނީ ފަރާތްތަކަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ޑިމޮކްރަސީގެ އަސާސަކީ އަޣްލަބިއްޔަތަށް ތަބާވުމާއި މަޝްވަރާގެ މަތިން ކަންކަން ހިންގުން ކަމަށްވާއިރު ޑިމޮކްރަސީއަކީ އިސްލާމްދީނާ ފުށުއަރާކަމެއް ފިކުރެއް ނޫންކަމުގައެވެ. އެހެންކަމުން ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކަށް ފުރިހަމައަށް އިޙްތިރާމްކުރާނެ ޕާޓީއެއްކަމާއި އެޕާޓީގެ ވެރިކަމުގައި އެއްވެސް ރައްޔިތަކު ބިރު ނުގަތުމަށް ޢަބްދުލްއިހާލް ބިން ކީރާން ރައްޔިތުންނަށް ގޮވާލެއްވިއެވެ.
މަޣްރިބްގެ ދަސްތޫރާ އެއްގޮތްވާގޮތުގެ މަތިން ބޮޑުވަޒީރުކަމަށް ރަސްގެފާނު އިޚްތިޔާރު ކުރައްވާނީ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ވެރިޔާ ޢަބްދުލްއިހާލް ބިން ކީރާން ކަން މިހާރުވަނީ ކަށަވަރުވެފައެވެ. މަޣްރިބްގެ އައު ސަރުކާރު އެކުލަވާލައްވާނީ ޢަބްދުލްއިހާލް ބިން ކީރާންއެވެ. ދާދިފަހުން ޑިމޮކްރަސީ އައި ޢަރަބި ޤައުމެއް ކަމަށްވާ ތޫނިސްގެ އިންތިޚާބު ކާމިޔާބުކުރީވެސް ކުރިން މަނާކޮށްފައިވާ އެޤައުމުގެ އިސްލާމީ ޚިޔާލުގެ ނަހްޒާ ޕާޓީއެވެ. -- އަލްޖަޒީރާ