28 Nov 2011, 16:29
ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތައުލީމީ ދާއިރާ އިން ހާސިލް ކުރަން ޖެހޭ 14 ސިޔާސަތެއްގެ 80 ފަސެންޓް ހާސިލް ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
އިއްޔެ އެޑިއުކޭޝަންގެ ފަރާތުން 2011 ވަނަ އަހަރު ތައުލީމީ ދާއިރާގެ އެކި އެކި ޑިޕާޓްމެންޓްތަކުން ކޮށްފައިވާ މަސައްކަތްތަކާއި އަދި އަހަރު ނިންމާލި އިރު އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަންތައްތަކާއި 2012 ވަނަ އަހަރަށް ތައްޔާރުވުމަށް ކުރަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ ތައުލީމީ ދާއިރާ އިން ހާސިލް ކުރަން ޖެހޭ ސިޔާސަތުތަކުގެ 50 ޕަސެންޓް މިހާރު ވެސް ހާސިލް ކުރެވިފައިވާ ކަމަށެވެ.
"ދެހާސް އެގާރަ ވަނަ އަހަރަކީ ވަރަށް ކާމިޔާބުކަމާ އެކު ބާރު ސްޕީޑެއްގައި މަސައްކަތް ކުރެވުނު އަހަރެއް. އެގޮތުން މިއަހަރު އޭލެވެލްގެ ނަތީޖާތަކަށް ވެސް ރަނގަޅު ބަދަލްތަކެއް އައިސްފި. އަދި މުޅި ތައުލީމީ ސެކްޓަރުގެ މަސައްކަތްތަކަށް ބަލާ އިރު ވަރަށް ބޮޑެތި ސުކޫލުތަކެއް ]ވަނީ ކާމިޔާބު ކުރެވިފައި[. އެއް ދަންފަޅިއަކަށް ބަދަލު ކުރުމުގެ މަސައްކަތްތައް ވެސް ކުރެވުނު. އެހެން ކަމުން މިއަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ގާތްގަނޑަކަށް 80 ޕަސެންޓް ހާސިލް ކުރެވޭނެ ކަމަށް ބެލެވޭ." މިނިސްޓަރު ވިދާޅުވި އެވެ.
ކުއްލިއްޔަތުއް ދިރާސަތުލް އިސްލާމިއްޔާގައި އިއްޔެ ބޭއްވި އެ މަސައްކަތު ބައްދަލުވުމުގައި ތައުލީމީ ދާއިރާ އިން ހާސިލްކުރަން ޖެހޭ 14 ސިޔާސަތުގެ މައްޗަށް ޖުމްލަ 20 ޑިޕާޓްމަންޓަކުން 250 ބައިވެރިން ހިޔާލު ފާޅުކޮށްފައިވެ އެވެ. އެ ބައްދަލުވުމުގައި 2011 ވަނަ އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާތަކުގެ އެކި ޑިޕާޓްމަންޓުތަކުން ކޮށްފައިވާ މައިގަނޑު ތިން ކަމެއް ވަނީ ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކޮށްފަ އެވެ.