އައްޑޫގައި އެޅި އާ ހޮސްޕިޓަލް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް އައްޑޫގެ އިގްތިސާދީ ތަރައްގީއަށް ވަރަށް މުހިންމުކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭޑީސީ)ންބުނެފިއެވެ.

އޭޑީސީގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއް ތަމްސީލްވެ އެވެ. އަދި ސަރުކާރުން އައްޑޫ ސިޓީގައި ހިންގާ މަޝްރޫއުތައް އަވަސްކޮށް އައްޑޫ ސިޓީއަށް ދިމާވެފައިވާ ދަތިތައް ސަރުކާރަށް ހުށަހަޅައި މައްސަލަތައް ހައްލުކުރުމަށް އެ ކޮމެޓީ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީގެ ރައީސްއަކީ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ އެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީގެ މެމްބަރުން މިއަދު ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާ ބައްދަލުކުރައްވައި އައްޑޫ ހޮސްޕިޓަލާއެކު އައްޑޫގެ އިގްތިސާދީ ތަރައްގީކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި އައްޑޫ ހޮސްޕިޓަލް ސަރަަހައްދުގައި ރެސްޓޯރެންޓްތަކާ އަދި އެކޮމެޑޭޝަންތައް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރިކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން އައްޑޫއާ ކައިރިއަތޮޅުތަކާ މިހާރު އައިލެންޑް އޭވިއޭޝަނުން ވައިގެ ދަތުތުތައް ފަށައިފައިވާތީ އެ ސަރަހައްދުގެ އެންމެނަށް އައްޑޫ ހޮސްުޕިޓަލުން ހިދުމަތްދެވޭވަރު ކޮށްދިނުމަށް އޭރުން އެ އަތޮޅުތަކުގެ އެންމެން މާލެ ނައިސް ކުރާ ހަރަދު ކުޑަވާނެ،" ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ސްޓާފުން ބޭރަށް ފޮނުވައިގެން ޓްރެއިނިން ދިނުމަށް އެދުނުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އައްޑޫގެ އާ ހޮސްޕިޓަލްއަކީ 100 އެނދުުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގައި މިވަގުތު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން ތިބިކަމަށްވެސް ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ ހޮސްޕިޓަލްގެ ހިދުމަތް މިމަހުގެ 15ގައި ކުރިިން އޮތީ ފަށަން ނިންމައިފައެވެ. ނަމަވެސް ބައެއް ތައްޔާރީތައް ނުނިމޭކަމަށް ބުނެ ވަނީ ހިދުމަތް ފެށުން ފަސްކޮށްފައެވެ. އެ ހޮސްޕިޓަލްގެ ހިދުމަތް ފެށޭނެ ދުވަހެއް މިނިސްޓްރީން އަދި ނުބުނެއެވެ.