މޯލްޑިވްސް ނެޝެނަލް ބްރޯޑް ކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ ދަށުން ހިންގަމުން އައި ހުރިހާ މީޑިޔާ ސެންޓަރުތައް އުވާލައި އެތަންތަނުގައި ވަޒީފާގައި ތިބި މުވައްޒަފުންނަށް ނޯޓިސް ދީފިއެވެ.

އަތޮޅުތަކުގައި ހުރި ހަތް މީޑިޔާ ސެންޓަރުގައި ތިބީ ކިހާ މުވައްޒަފުންނެއް ކަމެއް އެމްއެންބީސީއަކުން ނުބުނެ އެވެ.

މީޑިޔާ ސެންޓަރުތަކުގައި މިވަގުތު ތިބި މުވައްޒަފުންގެ މަގާމުތައް އުވާލުމަށް އެމްއެންބީސީގެ ޑިޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ޝަރީފް ސޮއިކުރަށްވައި މީޑިއާ ސެންޓަރުތަކަށް ފޮނުވާފައިވާ ފެކްސް މެސެޖެއްގައި ބުނެފައިވަނީ "މިކުންފުނީގެ މަގާމުގައި ތިއްބެވި މުވައްޒަފުންގެ މަގާމު އުވާލެއްވި ކަމަށެވެ. އަދި ވަޒީފާއި ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ތިން މަސް ދުވަހުގެ މުސާރަ، މެސެޖް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ޖަމާ ކޮށްދޭނެ ކަމަށެވެ،"

އެމްއެންބީސީގެ ޗެއާމަން މަޑުލު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ މީޑިޔާ ސެންޓަރުތައް އުވާލަން ނިންމީ ބޯޑުން ކަމަށެވެ. އަދި އެ ސެންޓަރުތަކުގެ މަގާމްތަކުގައި ތިބި މުވައްޒަފުންނަށް ތިން މަހުގެ މުސާރަ ދެއްވާނެ ކަމަށެވެ. ނަމަވެސް މީޑިޔާ ސެންޓަރުތައް އުވާލި ސަބަބެއް ވަހީދު ވިދާޅެއް ނުވެއެވެ.
"މީޑިޔާ ސެންޓަރުތައް އުވަލައިފިން އަދި އެތަންތަނުގައި ތިބި މުވައްޒަފުންގެ ތެރެއިން ހަމައެކަނި ކޮންމެ ސެންޓަރެއްގައި މިހާރު ހުންނާނީ ޓެކްނިކަލް އެކަކު [ޓެކްނީޝަނެއް] ހުންނާނެ،" ވަހީދު ވިދާޅުވި އެވެ.

މީޑިޔާ ސެންޓަރެއްގައި މަސައްކަތް ކުރަނިކޮށް މަގާމު އުވާލައި ނޯޓިސް ލިބުނު މުވައްޒަފަކު ސަން އޮންލައިނަށް މައުލޫމާތު ދިން ގޮތުގައި އެމްއެންބީސީގެ ވަޒީފާއިން ވަކިކުރީ މީޑިޔާ ސެންޓަރުގައި އެއްވެސް މަސައްކަތެއް ނުކުރާތާ ތިން މަހަށްވުރެ ވެސް ގިނަ ދުވަސް ކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި ހަމައެކަނި މީޑިޔާ ސެންޓަރަށް ގޮސް ސޮއިކޮށްލުން ނޫން އިތުރުކަމެއް ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިތާނގެ ފޯން ވެސް ހުރީ ކަނޑާލާފައި. އަދި ކުރިން ބޭނުންކުރި އިކުއިޕްމެންޓުގެތެރެއިން ބައެއް ސާމާނު ވެސް މާލެ ގެންދިޔަ. އަޅުގަނޑުމެން މިތިބީ ވަކިއެއްޗެއް ކުންފުނިން އަންގަންދެން އެހެންތިއްބާ މިމަހު 24 ވަނަ ދުވަހު ތާރީހުގައި މިދިއަ އާދީއްތަ ދުވަހު، ވަޒީފާ އުވާލިކަމުގެ ޗިޓް އައީ. ޗިޓް އައިއިރު ވެސް އަޅުގަނޑުމެން ކޮށްދިން ހިދުމަތް އަގުވަޒަންކޮށް ޝުކުރުވެރި ބަހެއް ވެސް ބުނެފައިނެތް،" އޭނާ ބުންޏެވެ.

އެމްއެންބީސީން އާދަމް ޝަރީފް ވިދާޅުވީ މީޑިޔާ ސެންޓަރުތަކުގައި މަސައްކަތްކުރަމުން އައި މުވައްޒަފުން މިހާ ތަނަށް ވެސް ވަޒީފާގައި ގެންގުޅުނީ ރަނގަޅު ގޮތެއް ހަމަޖެއްސޭތޯ ކަމަށާއި އެކަމަކު ބޯޑުން ސެންޓަރުތައް އުވާލަން ނިންމުމާއި ގުޅިގެން މުވައްޒަފުންނަށް ވެސް ނޯޓިސް ދިނީ ކަމަށެވެ.

ކުރީގެ ދިވެހިރާއްޖޭގެ އަޑުން މީޑިޔާ ސެންޓަރުތައް ގާއިމްކޮށްފައި ވަނީ ހއ. ދިއްދޫގަ އާއި ހދ. ކުޅުދުއްފުއްޓާއި، ބ. އޭދަފުއްޓާއި، ގއ. ވިލިނގިއްޔާއި، ގދ. ތިނަދޫ އާއި ޏ ފުވައްމުލަކާއި އައްޑޫ ސިޓީގެ ހިތަދޫގަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި ވެސް މީޑޔާ ސެންޓަރުތަކުން ނޯޓިސް ދިނުމަށްފަހު މުވައްޒަފުންތަކެއް ވަކިކުރި އެވެ.

މީޑިޔާ ސެންޓަރުތައް އުވާލިއިރު ސިވިލް ކޯޓުން މިއަހަރުގެ ޖޫންމަހުގެ 12 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ އެމްބީސީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު އަދި އެ ތަންތަނުގެ މުދަލާއި ވަސީލަތްތައް އެމްބީސީއާ ގިނަވެގެން 20 ދުވަހުގެ ތެރޭގައި ހަވާލުކުރުމަށް ދައުލަތާއި އެމްއެންބީސީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އާއި އެމްއެންބީސީގެ ބޯޑުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑަކީ ގާނޫނު އަސާސީގެ،247 250 އަދި 97 ވަނަ މާއްދާއާ ހަވާލާދީ، އެމްބީސީ ގާއިމުކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ ގާނޫނަށް އަމަލުކުރަން ފެށި ދުވަހުން ފެށިގެން އެމްބީސީގެ ދެ ޗެނަލް ކަމުގައި ބަލަންޖެހޭ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައިވެ އެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެ ގާނޫނުގެ 44 އަދި 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުދަލާއި ވަސީލަތްތަކާއި ޓީވީއެމް އާއި އަޑު ހިންގުމަށް ދޫކޮށްފައިވާ ބިމާއި އެ ތަންތަނުގެ ފްރިކުއެންސީތަކާއި ހުރިހާ ވެހިކަލްތަކާއި ފަރްނީޗަރާއި އާލާތްތަކާއި އަރުޝީފު (އާކައިވް) ވެސް ހިމެނޭ ގޮތަށް އެމްބީސީގެ ދަށަށް ދާނެ ކަމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ

އެހެންނަމަވެސް އެމްއެންބީސީން، މުދާ އެމްބީސީ އާއި ހަވާލުނުކޮށްމައްސަލަ މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.