25 Dec 2019, 08:24
އަނެއްކާވެސް ރާއްޖޭގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެ އެވެ.
މިފަހަރުވެސް ވައިރަލްވީ ދުނިޔޭގެ މަޝްހޫރު ނިއުސް ޗެނަލް އޭބީސީން ގެނެސްދިން ވީޑިއޯއެކެވެ.
ފަތުރުވެރިއަކު ރާއްޖޭގެ ރަށެއްގެ މޫދުގައި އެތަކެއް ބައިވަރު މަޑިތަކާއެކު ފެންމަތީގައި އޮންނަތަން ވަރަށް ރީއްޗަށް ފެނެ އެވެ.
އޭބީސީން އެވީޑިއޯ ޓުވިޓާގައި ޝެއާކުރުމާއެކު އެތައްހާސް ބަޔަކު ވަނީ އެ ވީޑިއޯއަށް ލައިކްދީ އަދި ޝެއާކޮށްފައެވެ.
އެ ވީޑިއޯ ނަގާއިފައިވަނީ ރާއްޖެ ކޮން ތަނެއްގައި ކަަމެއް އޭބީސީން ހާމައެއް ނުކުރެއެވެ.
އެ ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން ބުނީ މިއީ އެއްގޮތަަކަށްވެސް ކުރަން ހެޔޮވާވަރުކަމެއް ނޫން ކަމަށެވެ. އަދި އޮސްޓްރޭލިއާގެ މަޝްހޫރު ތަރި ސްޓީވަން އިރުވިންއަށް ވީހެން ފުރާނައަށް ނުކުއްކާވުމުގެ ފުރުސަތު އެބައޮތް ކަަމަށްވެސް ބައެއް މީހުން ޓުވިޓާގައި ބުންޏެވެ.
އޮސްޓްރޭލިއާގެ ތަރި ސްޓީވަން އިރުވިން މަރުވީ މަޑިއެއް ކަށިޖަހައިގެންނެވެ. މީގެ ކުރިން ރާއްޖޭގައިވެސް މަޑި ކަށި ޖަހައިގެން މީހުންނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
ނަމަވެސް ބައެއް މީހުން ބުނީ ސްޓީވަން މަރުވީ މާބޮޑަށް މަޑިއާ ކުޅެން އުޅެމުން ދިފާއުގައި މަޑި ކަށި ޖެހުމުން ކަަމަށާއި އެ ވީޑިއޯގައި އެ މަޑިތަކަށް ގޯނާ ނުކުރާތީ ކަށި ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަަމަށެެވެ.
އޭބީސީން މިމަހުގެ ދެވަނަ ދުވަހުވެސް އާންމުކުރި ރާއްޖޭގެ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. އެ ވީޑިއޯގައި ރާއްޖޭގައި ފަތުވެރިއަކު އެތައް ބައިވަރު މިޔަރުތަކާއެކީ ފެންމަތީ އޮންނަތަން ފެނެއެވެ.