ވެލިންޓަން (ޑިސެމްބަރު 24): މިމަހުގެ ނުވައެއްގައި ނިއު ޒިލެންޑުގެ ވައިޓް އައިލެންޑު އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ގެއްލިފައިވާ ދެ މީހަކު ހޯދުމުގެ މަސައްކަތް އެގައުމުން ހުއްޓާލައިފި އެވެ.

ނިއު ޒިލެންޑުގެ ނޯތު އައިލެންޑާ 48 ކިލޯމީޓަރު ދުރުގައި ވަކިން އޮންނަ ވައިޓް އައިލެންޑު ފަރުބަދަ ގޮވީ، އެތަން ބަލާލުމަށް 47 ފަތުރުވެރިން ގޮސް ތިއްބަ އެވެ. އަދި އެދުވަހު 39 މީހަކު އެ ރަށުން ސަލާމަތް ކުރި ނަމަވެސް، ބާކީ އަށް މީހުން ހޯދޭ ގޮތެއް ނުވި އެވެ.

އޭގެ ފަހުން ވައިޓް އައިލެންޑުގައި ވިހަ ގޭސްތައް ފެތުރުމުގެ ސަބަބުންނާއި ފަރުބަދަ އަނެއްކާ ވެސް ގޮވާފާނެ ކަމުގެ ބިރު އޮތުމުން، އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ލަސްވި އެވެ. އަދި އެ އަށް މީހުން ދިރިހުއްޓާ ފެނުމުގެ އުއްމީދު ވަނީ ކަނޑާލާފަ އެވެ.

އެ އަށް މީހުންގެ ތެރެއިން ހަ މީހުންގެ ހަށިގަނޑު ވަނީ މި މަހުގެ 13އިގައި ހޯދާފަ އެވެ. ބާކީ ދެ މީހުންގެ ހަށިގަނޑު އޮތީ ވައިޓް އައިލެންޑު ކައިރީ ކަނޑު އަޑީގައި ކަމަށާއި އެމީހުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ނިއު ޒިލެންޑުގެ ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެއީ އޮސްޓްރޭލިއާގެ 17 އަހަރުގެ އަންހެން ކުއްޖަކާއި ނިއު ޒިލެންޑުގެ 40 އަހަރުގެ ފިރިހެނަކު ކަމަށް ބުނެފަ އެވެ. އަދި އެ ހާދިސާއާ ގުޅުން ހުރި އާ މައުލޫމާތު ލިބިއްޖެ ނަމަ އެމީހުން ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފަށާނެ ކަމަށް ބުނެފަ އެވެ.

ވައިޓް އައިލެންޑު ގޮވި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 11 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ނިއު ޒިލެންޑު، އޮސްޓްރޭލިއާ އަދި އެމެރިކާއަށް ނިސްބަތްވާ މީހުން ހިމެނެ އެވެ. އަދި އިތުރު 28 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ.