ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދާއިރާތައް ބަހާލާފައިވާ ގޮތާ މެދު ފުވައްމުލަކު ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުވައްމުކަލައް ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު "ސަން" އަށް ވަނީ ސިޓީ ކައުންސިލްގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ޟިރާރު ވިދާޅުވީ މިހާރު ދާއިރާތައް ބަހާފައި ހުރިގޮތުން ބައެއް އަވަށްތައް ދެ ދާއިރާ ނުވަތަ ތިން ދާއިރާއަށްވެސް ބެހިގެންގޮސްފައިވާ ކަަމަށެވެ.

"މިސާލަކަށް ދޫޑިގަން އެއީ އެއް ދާއިރާ. ދަޑިމަގު އަވަށާ ދިގުވަނޑުގެ ބައެއް އެއީ އެއްދާއިރާ. އަޅުގަނޑުމެން ދެކޭގޮތުގައި އެ ދާއިރާތައް ކަަނޑައަޅަން ޖަހޭނީ ރަށުގެ ރައްޔިތުންގެ ބަހެއް ހިމަނައިގެން. އިލެކްޝަންސް ބޭފުޅުންވެސް ދަތުރެއް ކުރަން ނިންމި އެކަމާ މަޝްވަރާކުރަން. ނަމަވެސް އެ ދަތުރުވެސް ކެންސަލްކުރީ،" ޟިރާރު ވިދާޅުވިއެވެ.

އިންތިހާބީ ދާއިރާތައް އަވަށު ތަރުތީބުން ކަނޑައެޅިނަމަ މާ ރަނގަޅުވީސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ދާއިރާތަަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެއާ ހަމައަށް ވަނީ ހަމަވެފައެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނީ އިންތިހާބީ ދާއިރާތަކުގެ ފައިނަލް ރިޕޯޓް މި ހަފްތާ ނިމުމުގެ ކުރިން އިއުލާންކުރާނެ ކަމަށެވެ. އަދި އެ ރިޕޯޓް އާންމުކުރާނީ ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

ފުވައްމުލަކު ސިޓީން މޭޔަރު ނުލާ ހަ ދާއިރާއަކުން ހަ ކައުންސިލަރުން ހޮވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހަ މެމްބަރުން އިންތިހާބްކުރަން ޖެހެއެވެ. މޭޔަރު އިންތިހާބްކުރަން ޖެހޭނީ މުޅި ސިޓީގެ ރައްޔިތުންގެ ވޯޓަކުންނެވެ.