28 Nov 2011, 16:17
ރާއްޖޭގައި ބޭރު ފައިސާގެ މުއާމަލާތްތަކުރުން ހަމައިން ނެއްޓި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާލުރާ ދައުލަތުގެ ބަޖެޓު ރައްޔިތުން މަޖިލީހަށް ހުށަހަޅަމުން މެންބަރުންނާ މުހާތަބުކުރައްވައި އިނާޒް މިއަދު ވިދާޅުވީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތާ ތިން އަހަރަށް ވުރެ ވެސް ގިނަ ދުވަސްވެދާނެ ކަމަށެވެ. ޑޮލަރުގެ ކަޅުބާޒާރެއް އުފެދި މާކެޓު އިމްބެލެންސް (ހަމައިން ނެއްޓިފައި) ވެފައި ވަނީ ލިބޭ އެއްޗަކަށް ވުރެ ދައުލަތުގެ ހަރަދުތައް ބޮޑުވެގެން ކަމަށެވެ.
"ބެލެންސް އޮފް ޕޭމަންޓް އިމްބެލެންސްގެ [ހަމަގެއްލުން] މައްސަލައަކީ ހަމައެކަނި އެންމެ ދާއިރާއަކުން އަދި އެންމެ މުއައްސަސާއަކުން ގެންނަ ބަދަލަކުން ހައްލުވެގެންދާނެ މައްސަލައެއް ނޫން. ވޭތުވެ ދިޔަ އަހަރުތަކުގައި ދައުލަތުގެ ބަޖެޓު ޑެފިސިޓު އިތުރުވުމާ އެކު ރުފިޔާ ދައުރުވާ މިންވަރު އިތުރުވެ، ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ބޭރަށްދާ މިންވަރު އިތުރުވެ ފޮރިން އެކްސްޗޭންޖް މާކެޓު މިވަނީ އަންސްޓޭބުލްވެފައި،" އިނާޒް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބާޒާރުގައި ބޮޑުއަގުގައި މިހާރު ޑޮލަރުގެ މުއާމަލާތްތައް ކުރާ ކަމަށާއި އެކަން ހައްލުކުރުމަށް އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދައި އަދި ހަރަދުތައް ވަކި މިންގަނޑެއްގައި ހިފަހައްޓަން ފަށާފައިވާ ކަމަށެވެ.
އިނާޒު އެހެން ވިދާޅުވާ އިރު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު 14.7 ބިލިއަނަށް އަރާއި އިރު ދަރަނި 3.8 ބިލިއަނަށް އަރަ އެވެ. ސަރުކާރަށް އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރަނީ 10.9 ބިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ކުރީކޮޅު ޑޮލަރުގެ ގަންނަ ރަސްމީ އަގު ސަރުކާރުން ބޮޑުކުރުމުން ވެސް އެކަމަށް ހައްލެއްނައިސް ކަޅު ބާޒާރު އިތުރަށް އުފެދޭ މައްސަލައިގައި އިނާޒް ވިދާޅުވީ ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ މީހުން މިހާރަށް ވުރެ ބޮޑަށް ރެގިއުލޭޓް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ކުރެވޭ މުއާމަލާތްތަކުގައި ދިވެހި ފައިސާ ބޭނުން ކުރަން ނުފަށާ ނަމަ އެކަމަށް ހައްލެއް ނެތް ކަމަށެވެ.
"އިގްތިސޯދުގައި ކުރެވޭ މުއާމަލާތްތަކުގައި 47 ޕަސެންޓް ދިވެހިރާއްޖޭގެ ލީގަލް ޓެންޑާ ކަމުގައިވާ ދިވެހި ރުފިޔާ ނޫން އެހެން ފައިސާއަކުން ކުރެވެމުންދާކަމީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ، އަދި މިކަމަކީ ދިވެހި ފައިސާގެ އަގު މިހާބޮޑަށް ދަށްވެފައި ވުމާ ސީދާ ގުޅިފައިވާ ކަމަކަށްވާ އިރު ދިވެހިރާއްޖޭގެ ސެންޓްރަލް ބޭންކުގެ ހައިސިއްޔަތުން އެމްއެމްއޭ އިން މިމަގަށް މަސައްކަތް ކުރެއްވުމަށް ގޮވާލަން،" އިނާޒް ވިދާޅުވި އެވެ.
ޑޮލަރުގެ އަގު 12.85 ރުފިޔާ އިން 15.42 ރުފިޔާ އަށް، މި އަހަރުގެ އެޕްރީލް މަހު ބަދަލު ކުރުމަށް ފަހު އިނާޒު ވިދާޅުވެފައި ވަނީ ޑޮލަރުގެ ހަމަ އަގު އެނގުމަށް ތިން މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.