21 Jun 2010, 05:14
10:00
އެފްރިކާގެ އުއްމީދުތަކާ ގުޅިފައިވާ އައިވަރީ ކޯސްޓް ތިނެއް އެކަކުން ބަލިކޮށް، ދުނިޔޭގެ އެއްވަނަ ބްރެޒިލް ވޯލްޑްކަޕުގެ ދެވަނަ ބުރު ކަށަވަރު ކުރިއިރު ވޯލްކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އިއްޔެ އެކެއް އެކަކުން އެއްވަރުވެ ގްރޫޕް އެފްގެ ފަހު މެޗުތަކަށް އިންތިޒާރުކުރަން ޖެހިއްޖެ އެވެ.
ވޯލްޑްކަޕްގައި އިއްޔެ ކުޅުނު އެންމެ ފޯރިގަދަ އަދި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރި މެޗްގައި ބްރެޒިލާއި އައިވަރީ ކޯސްޓް ބައްދަލުކުރި މެޗްގެ ފުރަތަމަ ދެ ލަނޑު ޖަހައިފައި ވަނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނު ލުއިސް ފަބިއާނޯ އެވެ. ބްރެޒިލްގެ ތިން ވަނަ ލަނޑު ޖަހައިފައި ވަނީ 62 މިނެޓްގައި އެލާނޯ އެވެ.
މެޗުގެ 79 ވަނަ މިނެޓްގައި ޑިޑިއޭ ޑްރޮގްބާ ޖަހައިދިން ލަނޑާއެކު އައިވަރީ ކޯސްޓްގެ އުއްމީދު ކޮންމެވެސް ވަރަށް އާވި ނަމަވެސް ބްރެޒިލްގެ ވަރުގަދަ ޑިފެންސް ލައިން އިތުރަށް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. ޑްރޮގްބާގެ މި ލަނޑަކީ އޭނާ ޤަވްމީ ޓީމަށް ޖަހައިދިން 45 ވަނަ ލަނޑެވެ.
މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރެޒިލްގެ ރެއާލްމެޑްރިޑްގެ ތަރި ކަކާއަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އައިވަރީ ކޯސްޓްގެ ތިން ކުޅުންތެރިއަކަށް ވަނީ ރީދޫ ކާޑު ދައްކައިފަ އެވެ.
ރޭގެ މި މޮޅާއެކު ބްރެޒިލަށް މިހާރު ވަނީ ހަ ޕޮއިންޓް ލިބި ދެވަނަ ބުރު ކަށަވަރުވެފަ އެވެ. މިގްރޫޕުން ދެވަނަ ބުރާ އެންމެ ގާތަށް ޖެހިލާފައިވާ އަނެއް ޓީމަކީ ޕޯޗުގަލް އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބައްދަލުކުރި މެޗަކީ ގިނަ ބަޔަކަށް ބޮޑު ސިހުމެއް ގެނުވި މެޗެކެވެ. ނިއުޒިލެންޑާ ވާދަކޮށް 1-1 ން އެއްވަރުވި މި މެޗްގެ ފުރަތަމަ ލަނޑު ޖަހައިފައި ވަނީ ވެސް ނިއުޒިލެންޑުންނެވެ. ހަތް ވަނަ މިނެޓްގައި ނިއުޒިލެންޑްގެ ފޯވަޑް ޝޭން ސްމެޓްޒް ޖަހައިދިން މި ލަނޑާއެކު ނިއުޒިލެންޑަށް ލީޑް ލިބުނު ނަމަވެސް މެޗްގެ 29 ވަނަ މިނެޓްގައި އިޓަލީ ވަނީ ލިބުނު ޕެނަލްޓީއެއް ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ އިޓަލީގެ މިޑްފީލްޑަރ ޑި ރޮސީއަށް ނިއުޒިލެންޑްގެ ޕެނަލްޓީ އޭރިޔަގެ ތެރެއިން އެޓީމުގެ ސުމިތު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް. މިޕެނަލްޓީ އިޓަލީއަށް ކާމިޔާބުކޮށްދީފައި ވަނީ ޔަކުއިންޓާ އެވެ.
މި ނަތީޖާއާއެކު ގްރޫޕް އެފްގައި ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އުޅެނީ ޕެރަގުއޭ އެވެ. އިޓަލީ އަދި ނިއުޒިލެންޑަށް ލިބިފައި ވަނީ ދެ ޕޮއިންޓް. ސްލޮވޭކިޔާއަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕްގެ ފަހު މެޗްތަކަށް ޓީމުތައް ކުރިމަތިލާއިރު ހަތަރު ޓީމަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ.