25 Dec 2019, 09:54
ސްޓެފެން ކިންގްގެ ވާހަކައަށް ބިނާކޮށް ނެރެފައިވާ މަޝްހޫރު ބިރުވެރި ފިލްމެއް ކަމަށްވާ "ކެރީ" ދެވަނަ ފަހަރަށް ރީބޫޓުކުރުމަށް ތައްޔާރުވެއްޖެ އެވެ.
ކެރީގެ ނަމުގައި 1976ގައި ރިލީޒުކުރި ފިލްމު ވެގެން ގޮސްފައި ވަނީ ބޮޑު ހިޓަކަށެވެ. މިހާރު ބިރުވެރި ފިލްމުގެ ބައިގެ ކްލެސިކްތަކުގައި ހިމެނޭ ކެރީގެ ރީބޫޓު ވަނީ މީގެ ދެ ފަހަރަކު ނެރެފަ އެވެ. އެއީ 2002 ވަނަ އަހަރާއި 2013 ވަނަ އަހަރުގަ އެވެ.
ކްލޯއީ މޮރެޓްސް ލީޑް ރޯލުން ފެނިގެންދާ 2013 ވަނަ އަހަރުގެ ކެރީ ފިލްމު ވެސް ވެގެން ގޮސްފައި ވަނީ ކާމިޔާބު ފިލްމަކަށެވެ.
އެފްއެކްސް އިން މިހާރު މަސައްކަތް ކުރަމުން ދަނީ ކެރީ އަލުން ރީބޫޓު ކުރާށެވެ. ނަމަވެސް ފިލްމެއްގެ ބަދަލުގައި މިފަހަރު ކެރީ ފެނިގެންދާނީ ސީރީޒް އެއްގެ ގޮތުގަ އެވެ.
އެފްއެކްސް އިން ކެރީ ރީބޫޫޓު ކުރަނީ ލިމިޓެޑް ސީރީޒް އެއްގެ ގޮތުގަ އެވެ. ލިމިޓެޑް ސީރީޒުން އެއް ސީޒަންގެ ތެރޭގައި ވާހަކަ އެއްކޮށް ކިޔައިދޭނެ އެވެ.
މައުލޫމާތު ލިބޭގޮތުގައި ކެރީގެ އާ ރީބޫޓުގައި ލީޑް ރޯލުން ފެނިގެންދާނީ ކަޅު ނަސްލުގެ އަންހެނެއް ކަމަށް ބެލެވެ އެވެ.