ވާރޭ ވެހޭ ފިނި ދުވަސްވަރެއްނަމަ ރޯގާޖެހުން ވަރަށް ގާތެވެ. އަދި ގޭގައި އެކަކު ނަމަވެސް ރޯގާޖެހި ކެއްސާ ކިނބިހި އަޅާނަމަ އެހެން މީހުންނަށް ފެތުރެންވެސް އެހާމެ ފަސޭހަވާނެ އެވެ.

ޓެކްސަސް ޗިލްޑްރެންސް ހޮސްޕިޓަލްގެ ސީނިއާ ޑައިޓީޝަންއެއް ކަމުގައިވާ ކްރިސްޓީ އެލް ކިންގް ބުނާގޮތުން ޔޯގަޓްއަކީ ޕްރޯބައޮޓިކްސް އިން ފުރިގެންވާ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ވަރަށް މުހިންމު މާއްދާތަކެއް ލިއްބައިދޭނެ އަދި ރޯގާ ފަސޭހަވެ އެއާ ދުރުވާން އެހީވެދޭނެ އެއްޗެކެވެ.

ދިރާސާތަކުން ދައްކާގޮތުން ޕްރޯބައޮޓިކްސްއަކީ އާންމު ރޯގާތަކުން ހަށިގަނޑު ދިފާއުކޮށްދީ ރޯގާޖެހުމުން ދުރުކޮށްދޭނޭ އެއްޗެކެވެ. އެހެންނަމަވެސް އެކިއެކި ޔޯގަޓްތަކުގައި ޕްރޯބައޮޓިކްސްގެ މިންވަރު ހުންނާނީ ތަފާތުކޮށެވެ.

އެމެރިކާގެ ނެޝެނަލް ޑައެރީ ކައުންސިލްގެ ނިއުޓްރިޝަން ރިސާޗްގެ ވައިސް ޕްރެޒިޑެންޓް މިކީ ރުބިން ވިދާޅުވާގޮތުގައި ޔޯގާޓްގައި ހިމެނޭ ޕްރޯބައޮޓިކްސް ފަދަ މާއްދާތަކުގެ އެހީގައި، އާންމު ރޯގާތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭނެ ކަމަށް ތިއޮރޮޓިކަލީ ގަބޫލުކުރެވެއެވެ.

މިގޮތުން ޔޯގަޓުގައި ހިމެނޭ އެހެން ބައެއް މާއްދާތަކަށް ބަލާއިރު ޒިންކަކީ ރޯގާގެ އަލާމާތްތައް ހުންނަ މުއްދަތު ކުރު ކޮށްދޭން އެހީވެދޭނެ މާއްދާއެކެވެ. އަދި ކާރބޯހައިޑްރޭޓްސްއިން ހަކަތަ ލިއްބައިދޭއިރު، ނެޝެނަލް ޑައިރީ ކައުންސިލްގެ ދިރާސާއިން ދައްކާގޮތުން 9 ހަފްތާވަންދެން ކޮންމެ ދުވަހަކު ޔޯގަޓްކެއި އަންހެނުންގެ ލޭގައި ހުންނަ އިންފްލެމޭޓަރީ މާރކާރސް ވަނީ ދަށްކުރެވިފައެވެ.
ހަމައެޔާއެކު، ނޭވާލާން އުނދަގޫވެ، ހަރު އެއްޗެހި ކެއުމަށް އުނަދގޫވެފައި ހުންނައިރު، ޔޯގަޓު ކަހަލަ އެއްޗެއް ކެއުމަށް ފަސޭހަވެސް ވާނެ އެވެ.

ކަންމިހެން ހުރި ކަމުގައިވިޔަސް ޔޯގަޓާއި ރޯގާއިން ދުރުވުމާއި ކަނޑައެޅިގެން ސީދާ ގުޅުމެއްވޭތޯ ހޯދުމަށް ދިރާސާތައް އަދިވެސް ދަނީ ކުރެވެމުންނެވެ.

އެހެންނަމެވެސް، ރަނގަޅު ކޮލިޓީ ޔޯގަޓެއްގައި ހުންނަ މާއްދާތަކުން ހަށިގަނޑަށް ލިބޭ ފައިދާއާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.