ވިޔަފާރިއަށް އަތުގައި މަސްތުވާތަކެތި ބެހެއްޓުމުގެ ކުށުގައި އުމުރަށް ޖަލަށްލާން ޖިނާއީ ކޯޓުން ހުކުމްކޮށްފައި ހުރި މީހެއްގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކޮށްފައިވަނީ އުމުރަށް ޖަލަށްލުމަށް ދަށު ކޯޓުން ހުކުމް އިއްވި ނ. ހޮޅުދޫ ސައިމާގޭ، އަހުމަދު ހަމީދު ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބަލައި ޝަރީއަތް ހިންގުމަށްފަހު އިއްޔެ އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލު ކަމަށް ނިންމެވީ ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އައްބާސް ޝަރީފާއި ޑރ. އަޒްމިރަލްޑާ ޒާހިރު އެވެ.

މި މައްސަލައިގެ ޝަރީއަތް ކުރިން ޖިނާއީ ކޯޓުގައި ހިންގި އިރު ދައުލަތުގެ ވަކީލު ޝަރީއަތުގައި ވިދާޅުވެފައި ވަނީ މާޗް 2011،8 ދުވަހުގެ އިރު އޮއްސުނު ވަގުތު ހަމީދު ސައިކަލެއްގައި މ. ލިޓްލްހަޓަށް ދިޔައިރު މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން ފުލުހުން އޭނާގެ ހަށިގަނޑު ޗެކްކުރިއިރު ފަޓުލޫންގެ ވާތްފަރާތު ޖީބުން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް ބްލެޓެއް ފެނިފައިވާ ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލުން ވެސް އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް ހަތަރު ބްލެޓް ފެނިފައިވާ ކަމަށެވެ.

އެކަންކަމަށް ރިއާޔަތްކޮށް ޖިނާއީ ކޯޓުން ކުރި ހުކުމުގައި ވަނީ އެތަކެއްޗަކީ ބަރުދަނުގައި 22 ގުރާމް ހުރި ހެރޮއިން ކަމަށް ތަހުލީލު ރިޕޯޓުން ދައްކާތީ އޭނާގެ މައްޗަށް މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓި ކަމުގެ ކުށް ސާބިތުވާތީ އުމުރަށް ޖަލަށްލުމަށް ހުކުމްކުރީ ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުގައި ޝަރީއަތް ހިންގުމަށް ފަހު ކުރި ހުކުމްގައި ވަނީ މަސްތުވާތަކެތި ތަހުލީލު ކުރާ މީހަކީ އެފަދަ ތަހުލީލުކޮށް ލިޔުން ދޫކުރުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދޫކޮށްފައިވާ މީހެއްކަމަށް ވާންޖެހޭކަމަށް މަސްތުވާތަކެއްޗާއިބެހޭ ގާނޫނުގައިވާ ކަމަށެވެ.

ނަމަވެސް އެ ތަކެތި ތަހުލީލުކުރި ފުލުހަކީ އެފަދަ ލިޔުމެއް ދޫކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

ފުލުހުންގެ ތަހުލީލުގެ މައްޗަށް ބިނާކޮށް ހަމީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި އެކަށީގެންވާ ޝައްކުތަކެއް ހުރިކަމަށް ވެސް ހުކުމުގައި ބުނެ ފައިވެއެވެ.

"...ނ. ހޮޅުދޫ ސައިމާގޭ އަހުމަދު ހަމީދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި އަހުމަދު ހަމީދު އުމުރަށް ޖަލަށް ލުމަށް ޖިނާއީ ކޯޓުން ކުރައްވާފައިވާ ހުކުމް މި މައްސަލަ ބެލުމުގައި ބައިވެރިވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށް އެގޮތުގެ މަތިން ހުކުމްކޮށްފީމެވެ،" ހައިކޯޓުގެ ހުކުމްގައި ވެއެވެ.