24 Dec 2019, 11:21
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެ ފުލުހަކު ހެލްމެޓު ނާޅައި ސިނަމާލޭ ބްރިޖު މަައްޗަށް އެރީ ބްރިޖު މަތިން ފުންމާލަން އުޅުނު މީހަކު ސަލާމަތް ކުރަން ކަމަށް ފުލުހުން ބުނެފި އެވެ.
ދެ ފުލުހަކު ހެލްމެޓު ނާޅައި ބްރިޖު މަތީގައި ދުއްވި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކަމާ ގުޅިގެން ބައެއް އާންމުން ދަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ.
އެކަން ހިނގި ގޮތް ކިޔައިދެމުން ފުލުހުން މިއަދު ބުނީ، ބްރިޖާ ކައިރި ސަރަހައްދެއްގައި އެ ދެ ފުލުހުން ޕެޓްރޯލު ކުރަމުން ދަނިކޮށް ނަފްސާނީ މައްސަލަ ހުންނަ މީހަކު ބްރިޖު މަތިން ފުންމާލަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހެލްމެޓު ނާޅައި ބްރިޖަށް އެރީ ކަމަށެވެ. އަދި އެ ދެ ފުލުހުން ހެލްމެޓް ނާޅައި ބްރިޖު މައްޗަށް އެރީވެސް ޑިއުޓީ އޮފިސަރުގެ ހުއްދަ ހޯދައިގެން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ފުލުހުން ވަނީ ބްރިޖު މަތިން ފުންމާލަން އުޅުނު މީހާ ހުއްޓުވައި، އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެއްގަމު އުޅަނދު ދަތުރު ކުރުމުގެ ގަވައިދަށް މިދިޔަ އަހަރު ފަހު ކޮޅު ގެނައި ބަދަލަކާ އެކު ހެލްމެޓު ނާޅައި ބްރިޖު މަތީގައި ދުއްވުން ވަނީ މަނާކޮށްފައެވެ. އެ ފަހުންވެސް ބައެއް މީހުން ހެލްމެޓު ނާޅައި ބްރިޖު މަތީގައި ދުއްވައެވެ.