ގއ. ނިލަންދޫން ލަނޑާ ބަރުކޮށްގެން ގދ. ފިޔޯރީއަށް ގޮސް މާލެ އަންނަން އުޅުނު ބޯޓެއް ފިޔޯރީ ބޭރަށް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ފިޔޯރީ ބޭރަށް އަޑިއަށް ދިޔަ "ފަހިދޫ" ބޯޓު އަދިވެސް ނުފެންނަ ކަމަށާއި ނަމަވެސް އެ ބޯޓުން ދަތުރު ކުރި ހަތް ދިވެހިންނާ ބިދޭސީ މީހާ ސަލާމަތްވެފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެ ބޯޓު އަޑިއަށް ދިޔައީ މިއަދު ހެނދުނު ނިލަންދޫން ލަނޑާ ބަރުކޮށްގެން ފިޔޯރީ އަށް މިއަދު މެންދުރު ފަހު ދަނިކޮށް ކަމަށެވެ. އެ ދޯނި މާލެ ދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ފިޔޯރީއާ 12 މޭލު ބޭރަށް އަޑިއަށް ދިޔަ ބޯޓުގައި ތިބި އަށް މީހުން ސަލާމަތްވެފައި ވަނީ ދޯނި ދިޔަވާން ފެށުމުން ބޯޓުގައި އޮތް ޑިންގީ އަކަށް އަރައިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން ވެސް މިއަދު ހެނދުނު ގދ. ގައްދޫން ތިން މީހަކު ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ރާޅެއް ޖަހައި އެ ޑިންގީ ވަނީ އަޑިއަށް ގޮސްފަ އެވެ. އަދި އެ ޑިންގީގައި ތިބި ތިން މީހުން ވަނީ ހަންތަކެއްގެ އެހީގައި ގައްދޫ ކައިރި ފަޅުރަށަކަށް އަރައި ސަލާމަތްވެފަ އެވެ.

ގައްދޫ އާ ދެމޭލު ބޭރުން އަޑިއަށް ދިޔަ ޑިންގީ ނެގުމުގެ މަސައްކަތް ކޯސްޓުގާޑުން މިހާރު އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ އެކި ހިސާބަށް މިދުވަސްކޮޅަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.