ޒަގްރިބް (ޑިސެމްބަރު 24) : ކްރޮއޭޝިޔާގައި ހޯމަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެގައުމުގެ ރައީސާ ކޮލިންޑާ ކިޓަރޮވިޗް އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލަން ޖެހިވަޑައިގެންފި އެވެ.

ކްރޮއޭޝިއާގެ އިންތިޚާބާބެހޭ އިދާރާއިން އިއްލާންކުރި ނަތީޖާ ދައްކާގޮތުން އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސާ ކިޓަރޮވިޗް ލިބިވަޑައިގަތީ ވޯޓުގެ އެންމެ 26.7 އިންސައްތައެވެ. އަދި އެކަމަނާގެ ވާދަވެރިޔާ ކުރީގެ ބޮޑުވަޒީރު ރޮޒާން މިލާނޮވިޗް އަށް ލިބިވަޑައިގަތީ 29.7 އިންސައްތަ ވޯޓެވެ. މިލާނޮވިޗް އަކީ ވާތުފިޔައިގެ ބޭފުޅެކެވެ. ރައީސާ ކިޓަރޮވިޗް އަކީ ކަނާތު ފިޔައިގެ ފިކުރުގެ ބޭފުޅެކެވެ. މިލާނޮވިޗް ނިސްބަތްވެ ވަޑައިގަންނަވަނީ ކްރޮއޭޝިއާގެ "ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އޮފް ކްރޮއޭޝިޔާ" އަށެވެ.

ރައީސާ ކޮލިންޑާ ކިޓަރޮވިޗް އަކީ އެކަމަނާގެ ވެރިކަމުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ އިތުރުން އާންމު ރައްޔިތުންނާ ގާތްގުޅުންތަކެއް ބޭއްވުމުގެ ސަބަބުން ކްރޮއޭޝިޔާގެ އާންމުންގެ މެދުގައި ވަރަށް މަގްބޫލު ބޭފުޅެކެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި އެކަމަނާއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެންވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.

ރައީސާ ކިޓަރޮވިޗް އަކީ އެގައުމުގައި ވެރިކަންކުރާ "ކްރޮއޭޝިޔަން ޑިމޮކްރެޓިކް ޔުނިއަން" އަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް އެކަމަނާ ކުރިމަތިލެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ނާކާމިޔާބީ އާކުރިމަތިލައްވަން ޖެހިވަޑައިގަތީ ޕާޓީ ލައިނުން ލިބެންޖެހޭ ވޯޓުތައް ނުލިބުމުގެ ސަބަބުންކަމަށް އެކަމަނާއަށް ތާއީދުކުރާ ފަރާތްތަކުން ދެކެ އެވެ.

ފުރަތަމަ ބުރުގައި ކުރި ހޯއްދެވި

ރައީސާ ކިޓަރޮވިޗް އަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބީ އާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އެކަމަނާގެ މަގްބޫލުކަން އާންމުންގެ މެދުގައި ވަރަށް ބޮޑުކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ވަނީ ހާމަވެފަ އެވެ. އެހެންކަމުން ފުރަތަމަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ދެވަނަ ބުރުގައި މިލާނޮވިޗް ގެ މައްޗަށް ކިޓަރޮވިޗް ކާމިޔާބު ހޯއްދަވާނެ ކަމަށް ކޮރޮއޭޝިއާގެ ގިނަބައަކު ދެކެ އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ އެކު ކިޓަރޮވިޗް ވަނީ އެކަމަނާގެ ޕާޓީ ކަމަށްވާ "ކްރޮއޭޝިޔަން ޑިމޮކްރެޓިކް ޔުނިއަން"ގެ ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ކޮލިންޑާ ވަނީ އެކަމަނާ ނިސްބަތްވާ ކަނާތުފިޔައިގެ ފިކުރުގެ ޕާޓީތަކާއި އެފިކުރުގެ ޖަމާއަތްތަކާ އަދި އާންމުން ވެސް ދެވަނަ ބުރުގައި އެކަމަނާއަށް ވޯޓުދިނުމަށް ގޮވާލައްވައިފަ އެވެ.

ކޮލިންޑާ ވިދާޅުވީ ކްރޮއޭޝިޔާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 11 ބޭފުޅުން ވާދަކުރެއްވުމުން ވޯޓުވަނީ ވަރަށްބޮޑަށް ބައިބައިވެގެން ގޮސްފައި ކަމަށާ ދެވަނަ ބުރުގައި އެހެންނުވާނެ ކަމުގެ ޔަގީންކަން އޮތްކަމުގަ އެވެ. ދެވަނަ ބުރުގައި ވާދަ ކުރަން ޖެހޭނީ ކުރީގެ ބޮޑުވަޒީރު ރޮޒާން މިލާނޮވިޗް އާ އެކަނި ކަމަށްވާތީ ކަނާތުފިޔައިގެ ފިކުރުގެ ޕާޓީތަކާއި އެފިކުރުގެ އާންމުން ގުޅިގެން މަސައްކަތްކޮށްފި ނަމަ މިލާނޮވިޗްގެ މައްޗަށް ފަސޭހައިން ކުރި ހޯދޭނެކަމީ ކަށަވަރު ކަމެއްކަމަށް އެކަމަނާ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)