ސްޕެނިޝް ލަ ލީގާގެ ރައީސް ކަމުން މީގެ މަހެއް ކުރިން އިސްތިއުފާ ދިން ހެވިއާ ޓެބަސް އަނެއްކާ ވެސް އެ މަގާމަށް ހޮވިއްޖެ އެވެ.

އުމުރުން 57 އަހަރުގެ ޓެބަސް ސްޕެނިޝް ލީގުގެ ރައީސް ކަމަށް ފުރަތަމައިން ހޮވުނީ 2013 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރުގެ އިންތިހާބުގައި އިތުރު ކެނޑިޑޭޑޭޓެއް ވާދަ ނުކުރުމުން އޭނާ ވަނީ ހޮވިފަ އެވެ. އަދި އެއަށް ފަހު ޓެބަސް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އެ މަގާމުން އިސްތިއުފާ ދީފަ އެވެ. އެކަމަކު މިފަހަރުގެ އިންތިހާބުގައި ވެސް އިތުރު ކެނޑިޑޭޓަކު ވާދަ ނުކުރާތީ ޓެބަސް ވަނީ އެ މަގާމަށް ހޮވިފަ އެވެ.

ސްޕެނިޝް ލީގުގެ ރައީސްކަން ތިން ވަނަ ފަހަރަކަށް ޓެބަސްއާ މިއަދު ހަވާލުކުރި އިރު އޭނާ އެ މަގާމުގައި އިތުރު ހަތަރު އަހަރު ހުރުމަށް ވަނީ ޝަރުތުކޮށްފަ އެވެ. އެއީ ސްޕެއިންގައި އަލަށް ހަދަމުންދާ ގަވާއިދާއި ގާނޫނުތަކުގެ ސަބަބުން ލީގަށް ގެންނަން ޖެހޭ ބަދަލުތައް ތަންފީޒު ކުރުމަށް ވަގުތު ނަގާނެތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ސިޔާސީ ގޮތުން މުޅިން އައު ދައުރެއް ސްޕެއިންގައި މި ފެށެނީ. އެއާ އެކު ލީގަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ. ބައެއް ގަވާއިދުތަކާ އެކު މިހާރު ވެސް ލީގަށް ބޮޑެތި ދަތިތަކެއް އެބަހުރި. މި ކަންކަން ހައްލު ކުރުމަށް ވަގުތު ބޭނުންވާނެ،" ޓެބަސް ބުންޏެވެ.

އޭނާ ބުނީ މިކަން ހައްލު ކުރުމަށް އޭނާ މަސައްކަތް ފެއްޓުމުގައި ޝަރުތު ކުރި އެއް ކަމަކީ ހަތަރު އަހަރު މަދުވެގެން މަގާމުގައި ހުރުމެވެ. އެކަން ކުރުމަށްޓަކައި ކުލަބުތަކުގެ އެއްބާރުލުން ވެސް ބޭނުންވާ ކަން ޓެބަސް ވަނީ ފާހަގަ ކޮށްފަ އެވެ.

ޓެބަސް 2013 ވަނަ އަހަރު ސްޕެނިޝް ލީގުގެ ރައީސްކަމާ ހަވާލުވީ އޭރު ހުރި ލުއިސް އަސްޓިއަޒަރަންއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. އެކަމަކު ވޭތުވެ ދިޔަ 18 މަސް ދުވަހުގެ ތެރޭގައި އޭނާ ވަނީ ރޯޔަލް ސްޕެނިޝް ފުޓުބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް) އާ ދެމެދު މައްސަލަތެއް ޖެހި އަރާރުންވުންތަކެއް ވެފައެވެ.

އެގޮތުން ޓެބަސް މި އަހަރު ލީގަށް ގެންނަން ބޭނުންވި އެންމެ ބޮޑު އެއް ބަދަލަކީ ސްޕެއިނުން ބޭރުގައި ލީގުގެ ބައެއް މެޗުތައް ކުޅުމެވެ. އެއާ އެކު ބާސެލޯނާއާއި ޖިރޯނާ ބައްދަލު ކުރަން އޮތް މެޗެއް އެމެރިކާގެ މައިއަމީގައި ކުޅުމަށް ޓެބަސް ވަނީ ނިންމާފަ އެވެ. ނަމަވެސް ސްޕެއިނުގެ ފުޓުބޯޅަ އިދާރާއިން ވަނީ އެކަމަށް ހުއްދަ ނުދޭން ނިންމާފަ އެވެ.

މީގެ އިތުރުން ލީގުގެ މެޗުތައް ހުކުރު ދުވަހާއި ހޯމަ ދުވަސް ދުވަހު ކުޅޭ ނަމަ އިދާރައިގެ ވަކި ހުއްދައެއް ބޭނުންވާ ގޮތަށް ބަދަލު ކުރުމުން ޓެބަސް ވަނީ މީގެ ކުރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެއީ އެކަމުގެ ސަބަބުން ލީގުގެ ބްރޯޑްކާސްޓަރުންނާ ބޮޑެތި މައްސަލަތަކެއް ޖެހެމުންދާތީ ކަމަށް އޭނާ ބުންޏެވެ.