24 Dec 2019, 10:21
ބެލުންތެރިންގެ ހިތުގައި އެތައް ސުވާލުތަކެއް އުފައްދައި، ދެރަކޮށްލުމަށް ފަހު މަގުބޫލު ޓީވީ ޝޯ "މިސްޓަރ ރޮބޮޓް" ނިންމާލައިފި އެވެ.
ރަމީ މަލިކް ލީޑް ރޯލުން ފެނިގެންދާ މިސްޓަރ ރޮބޮޓް އަކީ އެތައް ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވަރުގަދަ ޝޯއެކެވެ.
އެ ޝޯގެ ސީޒަން ފިނާލޭ ރޭގައި ދެއްކި އިރު، ޝޯގެ ޕްރޮޑިއުސަރުން ރެއާ ހަމައަށް ދިޔައިރު ވެސް ބުނަމުން ދިޔައީ ޖަވާބު ނުލިބި ހުރި ސުވާލުތަކަށް ޖަވާބު ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް ސީރީޒް ފިނާލޭ ބަލާ ނިމުނު އިރު ބެލުންތެރިންގެ މެދުގައި ވަނީ އިތުރު ސުވާލުތަކެއް އުފެދިފަ އެވެ.
އެ ޝޯ ނިމިގެންދާތީ ބެލުންތެރިން ތިބީ ވަރަށް ބޮޑަށް ދެރަވެފައި ކަމަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެހެންނަމަވެސް އެފަދަ ޝޯއެއް އުފެއްދުމުން ޕްރޮޑިއުސަރުންނަށް ބެލުންތެރިން ވަނީ ތައުރީފުކޮށްފަ އެވެ.
ޖުމްލަ ހަތަރު ސީޒަން ދައްކާފައިވާ މިސްޓަރ ރޮބޮޓް ވަނީ ބޮޑެތި އެވޯޑްތައްވެސް ހޯދައިފަ އެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެވޯޑަކީ އެ ޝޯގެ ލީޑް ރޯލުން ފެނިގެންދާ ރަމީ އަށް އެމީ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުމެވެ.
ގިނަ ބައެއްގެ މެދުގައި އެ ޝޯ މަގުބޫލު ވެގެންދިޔައީ "ހެކިން" އާ ގުޅޭ ގޮތުން އަސްލާ އެއްގޮތް ވާ ކަހަލަ ޕްލޮޓެއް އުފައްދާ އެކަމުގެ މެދުގައި އޮތް ސަގާފަތަށް އަލިއަޅުވާލުމުންނެވެ.