ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ ސަބަބުން "ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ލީގު" ހަލާކުވަމުން އަންނަ ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޓޮޓެންހަމާއި ޗެލްސީ ބައްދަލު ކުރި މެޗު 0-2ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބު ކުރި އިރު ޓޮޓެންހަމުންގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެއީ މެޗުގައި ހަރަކާތްތެރިވަމުން ދިޔަ ރެފްރީ އެންތޮނީ ޓޭލާރް ޓޮޓެންހަމުގެ ފޯވާޑް ސޮން ހެންގް މިންއަށް ދެއްކި ރަތް ކާޑަކާ އެކު އުފެދުނު އަރާރުމެއްގެ ތެރެއިންނެވެ.

މެޗުގެ ތެރެއިން ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއަށް ސޮން ފައުލު ކުރުމާ ގުޅިގެން ރެފްރީ ފުރަތަމައިން އޭނާއަށް ކާޑެއް ނުދައްކަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ޕޯލް ޓިއާރނީގެ ލަފާގެ މަތިން ސޮންއަށް ރަތް ކާޑު ދައްކުމަށް ފަހު ދަނޑުން ފޮނުވާލީ އެވެ. މިއީ މި ސީޒަނުގައި ސޮންއަށް ދެއްކި ދެވަނަ ރަތް ކާޑެވެ.

އެކަމާ އެންމެ ބޮޑަށް ނުރުން ފާޅުކޮށް ފާޑުކިޔަމުންދާ އެކަކީ ޓީމުގެ ކޯޗު މޮރީނިއޯ އެވެ. އޭނާ ބުނީ މެޗުގައި ހަރަކާތްތެރިވި ރެފްރީ ހުރީ އެކަމެއް ހިނގި އިރު ފަސް މީޓަރު ކައިރީގައި ކަމަށެވެ. އަދި އޭނާއަށް އެވަގުތު ރަތްކާޑެއް ކަމަށް ފާހަގަ ނުވި އިރު ވީޑިއޯ އެސިސްޓެންޓް ރެފްރީ އެކަމަށް ނުފޫޒް ފޯރުވުމުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އެއީ ގޯހެއް. ސޮންއަށް ރަތް ކާޑު ދެއްކުމަކީ ރެފްރީ ހެދި ބޮޑު ގޯހެއް. މިއީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލައި އެންމެ ބޮޑު ލީގު. މިކަހަލަ ކަންކަމުގެ ސަބަބުން ލީގުގެ ނަން ވެސް ހަޑިވާނެ. ފުޓުބޯޅައަށް ގެއްލުމެއް ތިދެނީ،" މޮރީނިއޯ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

މޮރީނިއޯ ބުނީ ވީއޭއާރަކީ ފުޓުބޯޅައަށް ސަޕޯޓް ދިނުމަށް އުފެއްދި ގަވާއިދެއް ކަމަށެވެ. އެކަމަކު މިހާރު މި ފެންނަ ގޮތުގައި އޭގެ ސަބަބުން ލިބެނީ ގެއްލުން ކަމަށާއި ފުޓުބޯޅައަށް ރަނގަޅު އަސަރެއް ކުރާތަން ނުފެންނަ ކަމަށެވެ. އަދި އެ މެޗުން ބަލިވާން ދިމާވި ސަބަބަކީ ވެސް އެ ރަތް ކާޑު ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް މިހާތަނަށް ކުޅުނު ތިން މެޗަކުން ވަނީ ބަލިވެފަ އެވެ. އެއީ ދެ ލީގުގެ މެޗާއި ޗެމްޕިއަންސް ލީގު މެޗެކެވެ.

"އަހަރެންނަށް ޓީމު ހަމަ މަގަކަށް އެޅުވޭނެ. މުހިއްމު ކަމަކީ ކްލީން ޝީޓެއްގައި ނިންމާލުމެއް ނޫން. ޑިފެންސަށް ވިސްނައިގެން ކުޅޭ ނަމަ ގޯލެއް ބައިކޮޅަށް ވަނަ ނުދީ ފަރުޖައްސާލެވިދާނެ. އެކަމަކު މި ޓީމަކީ އެއަށްވުރެން ކޮލިޓީ ކުޅުންތެރިން ތިބި ޓީމެއް. މި ޓީމުގެ އެޓޭކް އަކީ ދުނިޔެއިން ފާހަގަ ކޮށްލެވޭ ކުޅުންތެރިންތަކެއް ތިބި އެޓޭކެއް. ޓީމު ބެލެންސް ކުރަން ދުވަސް ނަގާނެ."