އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ނަވީ ޕިއްލޭ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކެވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވައިލައްވައިފި އެވެ.

އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް މިދިޔަ ބުރާރަސްފަތި ދުވަހު ނަވީ ޕިއްލޭ ވާހަކަ ދައްކަވާފައި ވާތީ، އެކަމާ އިހްތިޖާޖު ކުރުކުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި، ބައެއް މެންބަރުން ވިދާޅުވީ އެ މައްސަލައިގައި މަޖިލީހުގެ ރައީސް ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ، އެކަމުގައި ޝާހިދު ބައިވެރިވެ ވަޑައިގަންނަވާ ކަމަށާއި އެ މައްސަލައިގައި ޝާހިދު ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

"ޕިއްލޭ އެ ވާހަކަ ދައްކަންފަށާ ތަނުން (މަޖިލީހުގެ ރައީސް) ހުއްޓުވަން ޖެހޭނެ. ނޫނީ އެކަމަށްޓަކައި އަލަން ޖެހޭ ފިޔަވަޅު އަޅަން ޖެހޭނެ. އޭނާ ވާހަކަ ދެއްކި ފަހުން، އޭނަ ދެއްކެވި ވާހަކައާ މެދު އުފާކުރައްވައި މަރުހަބާ ވިދާޅުވެ، ޝާހިދު ވާހަކަ ދައްކާފައިވާ ކަމަށް ބައެއް މީޑިޔާތަކުގައި އެބަ އޮތް. އެހެންވީމާ މި ދަންނަވަނީ އެކަމުގައި ޝާޙިދު ބައިވެރިވެއޭ. އަޅުގަނޑު އެތަނުގައި އިން ނަމަ މޭޒެއް ނަމަވެސް ހޫރައިލާނަން،" މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފު އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަން ނުހުއްޓުވުމަކީ ވެސް ހިތާމަކުރައްވާ ކަމެއްކަމަށެވެ. އަދި މި ކަންކަމަކީ އިސްލާމްދީނާ ދެކޮޅަށް ފިކުރީ ގޮތުން ކުރަމުންދާ ހަނގުރާމައެއް ކަމަށާއި ސިޔާސީ ގޮތުން "ކަންފަތް ބީރު، ކަނު ބައެއް" ރާއްޖޭގައި އެބަތިބި ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައިނުވާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ޕިއްލޭގެ ވާހަކަ ކޮމިޓީގެ ރިޔާސަތުން (ޝާޙިދު) މަނާ ނުކުރެވުމަކީ ކުށްވެރިކުރާކައްވާ ކަމެއް ކަމަށެވެ.

"ފުރަތަމަ ކަމަކަށް އެ އަޑު އިވުނީމަ އެކަން އެއީ ވަގުތުން މަނާކުރަން ޖެހޭނެ ކަމެއް. އެއީ ގާނޫނު އަސާސީ އާއި އިސްލާމް ދީނުގައި އެކަން އޮތް ގޮތް. އަދި އަޅުގަނޑުމެން މިތިބީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވައިކޮށްގެން. އެހެންކަމުން ކަނޑައެޅިގެން އަޅުގަނޑުމެންގެ ހުވަޔާ ވެސް ހިލާފްވީކަން އަޅުގަނޑުމެން ގަބޫލު ކުރަން އެބަޖެހޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ޕިއްލޭގެ ވާހަކަ ނުހުއްޓުވުމަކީ މަޖިލީހުގެ މެންބަރުން ކުރައްވައިގެން ތިއްބެވި ހުވަޔާ ހިލާފްވުން ކަމަށް ވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ޕިއްލޭ ދައްކަމުން ދިޔަ ވާހަކަ އަކީ ދީނާ ހިލާފް ވާހަކައެއް ކަން އެނގުނު ހިސާބުން މަޖިލީހުގެ ރައީސް އެ ވާހަކަ ހުއްޓުވާފައި ނުވާތީ، އެކަމުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.
"މީގައި ދެރަ އަދި އެންމެ ހިތާމަހުރި ކަމަކީ މަޖިލީހުގެ ރައީސަށް އެނގިގެން އަދި ނޭނގި ނަމަވެސް ފަހަކަށް އައިސް އިސްލާމް ދީނުގެ އަސްލުތަކާ ހިލާފްވާ ކަންތައްތަކަށް މެންބަރުން އަހުލުވެރި ކުރުމަށް ޓަކައި މަސައްކަތްތަކެއް ދަނީ ކުރަމުން. އެގޮތުން އަޅުގަނޑު ފާހަގަ ކޮށްލާނަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ރާއްޖެ އިން ބޭރުގައި އޮތް އެއްޖިންސުން މީހުން ކައިވެނި ކުރުމާ ބެހޭ ސެމިނާރަކަށް ވަޑައިގެން [ކަން]،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ރާއްޖެ އަންނަ ކޮންމެ މީހަކަށް ބޭނުން ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރުމުގެ ފުރުސަތު ދެވިގެނެއްނުވާނެ ކަމަށެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ވިދާޅުވީ އެ މައްސަލައިގައި މަޖިލީހުން ރަސްމީގޮތުން ބަޔާނެއް ނެރެން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އދ.ގެ ސެކްރެޓަރީ ޖެނެރަލަށް އެ މައްސަލައިގައި ސިޓީފުޅެއް ފޮނުވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުހައްމަދު ހުސެއިން ވިދާޅުވީ ޕިއްލޭ ކުރެއްވި އެ ކަމަކީ ޑިޕްލޮމެޓިކް ގޮތުން ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ޕިއްލޭ އެ ވާހަތައް ދައްކަވާފައި ވަނީ އޭނާގެ ނުބައި ނުލަފާ ކަމާއި ޖައްބާރުކަމުން ކަމަށެވެ. އަދި އެ މައްސަލައިގައި ޕިއްލޭ މަގާމުން ވަކި ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫނަށް ގޮވައިލައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގިނަ މެންބަރުންތަކެއް މަޖިލީހުގެ ރައީސްގެ އިސްތަށި ފުޅުގައި އެކަން އަޅުވަމުން ދިޔަ ނަމަވެސް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނާއި ޑީއާރުޕީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ ވަނީ އެކަމުގައި ޝާޙިދުގެ ޒިންމާއެއް ނެތް ކަމަށް ވާހަކަ ދައްކަވައިފަ އެވެ.

ތަސްމީން ވިދާޅުވީ އެކަމަކީ މަޖިލީހުގެ ރައީސަށް އެނގިވަޑައިގެން ކުރިކަމެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މެންބަރުން ދައްކަވާ ވާހަކަފުޅުތަކަކީ ބަލައިގަންނަ ވާހަކަފުޅުތަކެއް ނޫން ކަމަށެވެ. އަދި ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދު ނުޖެހުމާ ބެހޭ ގޮތުން ގައުމީ ފެންވަރުގައި ބަހުސެއް ހުޅުވައިލުމަށް ޕިއްލޭ ދެއްކެވި ވާހަކަ ފުޅަކީ ދެއްކޭނެ، އަދި ދެއްކެވިގެންވާނެ ވާހަކަފުޅެއްނޫން ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް ވެސް އެ ބައްދަލުވުމުގައި ވެސް ބައިވެރިވެ ވަޑައިގެންނެވި ތަސްމީން ވިދާޅުވި އެވެ.

ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް ވިދާޅުވީ އެމީހަކު ދެއްކި ވާހަކައެއްގެ ޒިންމާ ނަގަން ޖެހޭނީ އެމީހަކު ކަމަށާއި އެއީ މަޖިލީހުގެ ރައީސް ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އެ މައްސަލައިގައި އެމްޑީޕީން ވެސް އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ޒިންމާނަގަން ނުޖެހޭނެ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އދގ.ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާގެ ރައީސާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަގާފަތް ތެރެއަށް، އަޅުގަނޑުމެންގެ ދީންތެރެއަށް ވަންނާކަށް އެއްވެސް ހާލެއްގައި އދ.ގެ އެއްވެސް ޖަމިއްޔާއަކުން ފޮނުވާނެ އެއްވެސް ޝަރުއީ ގާނޫނެއް އޮތްކަމަކަށް ގަބޫލެއްނުކުރަން،" މުސްތަފާ ވިދާޅުވި އެވެ.