ދުނިޔޭގެ ބޮކްސް އޮފީހުގައި މިއަހަރަކީ ބޮޑު އަހަރެކެވެ. އެތައް އަހަރުތަކެއް ވަންދެއް ދައްކަމުން އައި ބޮޑެތި ފްރެންޗައިޒްއަށް ނިމުން އައި އަހަރަކަށް ވާއިރު ބޮކްސް އޮފީސް ވަރަށް ތިޔާގިއެވެ. ބޮޑެތި ބަޖެޓުގެ ގިނަ ފިލްމުތަކެއް ނެރުނު މިއަހަރުގައި ގިނަ ހިޓު ފިލްމުތަކެއް ނެރުނުއިރު ބޮޑެތި ހީނުކުރާ ބޮޑެތި ފްލޮޕްތައްވެސް ވަނީ މިއަހަރު ފެނިގެން ގޮސްފައެވެ.

ބޮޑެތި ފްލޮޕްތަކުގެ ގޮތުގައި މި ބަލަނީ، ބޮޑު ބަޖެޓެއްގައި ތައްޔާރުކޮށް، އެ ފިލްމެއް ބޮކްސް އޮފީހުގައި ކާމިޔާބު ކުރާނެ ފިލްމުތަކަކަށް ވާނެ ކަމަށް އުއްމީދުކޮށްފައިވާ ފިލްމުތަކަށެވެ. ނަމަވެސް ޕްލޮޓުގެ މައްސަލައާއި ރިވިއުތަކުގެ މައްސަލަތަކާ ގުޅިގެން މި ފިލްމުތައް ވަނީ މިއަހަރު ބޮޑެތި ފްލޮޕަށް ވެފައެވެ.

ޑާކް ފިނިކްސްގެ ޕްެރޮމޯޝަނަލް ޕޯސްޓަރެއް -- ފޮޓޯ : ފެންޑެންގޯ

ޑާކް ފީނިކްސް

ބަޖެޓު : 200 މިލިއަން ޑޮލަރު

އާމްދަނީ : 252 މިލިއަން ޑޮލަރު

އެތައް ބަޔަކު ލޯބިކުރާ "އެކްސްމެން" ސީރީޒް ފްރެންޗައިޒްގެ ފަހުގެ ފިލްމު "ޑާކް ފީނިކްސް" ވެގެން ދިޔައީ އަހަރުގެ ކުރީކޮޅު އެޅުވި އެންމެ ބޮޑު އެއް ފްލޮޕަށެވެ.

ފިލްމު އެޅުވުމާއެކު ކްރިޓީކުންގެ ފަރާތުން އެ ފިލްމަށް ލިބިފައިވަނީ ވަރަށް ގޯސް ރިވިއުތަކެކެވެ. އެ ސަބަބާ ހުރެ ފިލްމު ބަލަން ދިޔަ މީހުންގެ އަދަދު ވަނީ މަދުވެފައެވެ.

ކެޓްސް ފިލްމުގައި ޓޭލާ ސްވިފްޓް --- ފޮޓޯ : އިންސައިޑާ

ކެޓްސް

ބަޖެޓު : 100 މިލިއަން ޑޮލަރު

އާމްދަނީ : 10 މިލިއަން ޑޮލަރު (މިހާތަނަށް)

ގިނަ އަދަދެއްގެ ސީޖީއައި އާއި ހޮލީވުޑް އޭލިސްޓު ތަރިންނާއެކު ނެރެފައިވާ ކެޓްސް އަކީ ހުރިހާ ފަންނާނުން ބުޅާތަކެއްގެ ގޮތުގައި ދައްކުވައިދޭ މިއުޒިކަލް ފިލްމެކެވެ.

ފިލްމުގެ ޓްރެއިލާ ނެރުމާއެކުވެސް އެ ފިލްމު ބޮޑު ފްލޮޕަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ބުނަން ފެށިއެވެ.

ޓޭލާ ސްވިފްޓާއި ޖެނިފާ ހަޑްސަން އާއި ޖޭސަން ޑެރޫލޯ ފަދަ އޭ ލިސްޓު ލަވަކިޔުންތެރިނާއެކު ނެރެފައިވާ ފިލްމު މިހާރުވެސް ސިނަމާތަކުގައި އަޅުވަމުންދާއިރު އެ ފިލްމަށް ލިބެމުން ދަނީ ހީ ނުކުރާވެސް ވަރުގެ ފިނި ތަރުހީބެކެވެ.

ޗާލީސް އޭންޖެލްސްގެ މަންޒަރެއް --- ފޮޓޯ : ޔުނިވާސަލް

ޗާލީސް އޭންޖެލްސް

ބަޖެޓު : 48 މިލިއަން ޑޮލަރުގެ

އާމްދަނީ : 57 މިލިއަން ޑޮލަރު

މަޝްހޫރު ފްރެންޗައިސް އެއް އަލުން ރީބޫޓް ކުރުމަކީ ގިނަ ފަހަރަށް ގެއްލުން ވެދާނެ ކަމެކެވެ. ޗާލީސް އޭންޖެލްސްއަށް ވެސް ވެގެން ގޮސްފައިވަނީ އެފަދަ ގޮތެކެވެ.

ފިލްމު މާކެޓު ކުރުމާއި ރިވިއުތަކާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކާ ގުޅިގެން ޗާލީސް އޭންޖެލްސްގެ ރީބޫޓު ވެގެން ގޮސްފައިވަނީ ފްލޮޕަކަށެވެ.

ކްރިސްޓެން ސްޓުވާޓް އާއި ނެއޯމީ ސްކޮޓް ފަދަ ފަންނާނުން ހިމަނައިގެން ނެރުނު ރީބޫޓު ފިލްމު އާންމުންނަށް ކަމުދިޔަ ނަމަވެސް ރިވިއު ގޯސް ކަމުން ފިލްމަށް ކާމިޔާބީއެއް ލިބުމަށް ދަތިވީއެވެ.