23 Dec 2019, 23:31
މި ސަރުކާރު އައީ އުސް އިމާރާތް އަޅައިގެން އިގްތިސޯދު ބައްޓަން ކުރަން ނޫން ކަމަށާއި މި ސަރުކާރުން ބޭނުން ވަނީ ދެމެހެއްޓެނެވި ތަރައްގީ ގެނެސް ދިނުމަށް ކަމަށް ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ބޯޓިން އެވޯޑް 2019 ގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފަހު އަހަރާއި މި ސަރުކާރުގެ ފުރަތަަމަ އަހަރާ ބައެއް މީހުން އަޅާ ކިޔާ ކަމަށާއި ނަމެވެސް އެ ސަރުކާރުގެ "ކެމްޕެއިން އަހަރާއި" މި ސަރުކާރުގެ ފުރަތަމަ އަހަރާ އަޅާ ނުކިޔޭނެ ކަމަށެވެ.
"އެ އެއްގޮތެއް ނުވާނެ. އެ ދުވެލި އެއްވަރެއްވެސް ނުވާނެ. ވާކަށް ނުވެސް ޖެހޭ. އަޅުގަނޑުމެން އައީ ވަރަށް ގިނަ ކަންތައްތަކަށް ކޮށްފީމޭ ބުނަން ވެގެން އެއް އަހަރު ތެރޭ ދައުލަތުގެ ބަޖެޓު ދުއްވާލާކަށް [ނޫން]،" އަލީ ވަހިދު ވިދާޅުވިއެވެ.
އެއަށްފަހު އޭނާ މިސާލު ނެންގެވީ، އިހުޒަމާނުގައި ޑްރާމާއެއްގައި އެކްޓަރަކު ބުނާ ވާހަކައަކުންނެވެ.
"އޭރު ޑްރާމާގައި ބްރީޓޯ ބުނާނެ، އުސް އިމާރާތަކުން ބަލާލުމުން ތޮފި ވައްޓާލުމަށްފަހު އެ ދިމާލުން ކުއްޖަކަށް ފޯނު ކޮށްލީމައޭ އެންމެ ރަނގަޅީ. އެގޮތަށް އުސް އިމާރާތް އަޅާ އެގޮތަށް އިގްތިސޯދު ބައްޓަން ކުރާކަށް ނޫން މިއީ. އަޅުގަނޑުމެން ބޭނުން ވަނީ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ކަންކަން ބަދަލުވުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އިރާދަކުރެއްވިޔާ ފެށޭ 2020 ވަނަ އަަހަރު ވެގެންދާނީ ސަރުކާރާ ދޭތެރޭ ރައްޔިތުން ކުރި އުންމީދުތައް ހަގީގަތަކަށް ހެދޭނެ އަހަރަކަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ފުރަތަމަ އަހަރު ހަވާލުވީ، ކަންވާރު ބޮޅު އެ ނިއުޅުންގަނޑުން ސަލާމް ކުރުމަށްޓަކައި. އެކި އެކި މިިނިސްޓްރީތަކުން، ވަކިން ހާއްސަކޮށް ޕްލޭނިން މިނިސްޓްރީން އެ ގެންދިޔައީ ރާއްޖެ މިއޮތް ފުން ވަޅުގަޑުން ކޮޅަށް ޖެހުމަށްޓަކައި. އިގްތިސޯދީ ވުޒާރާއިން ކުރަމުންދިޔައީ އިގްތިސޯދު ސަސްޓެއިނަބަލް އިގްތިސޯދަކަށް ހެދުމަށްޓަކައި ގެންނަން ޖެހޭ މަސައްކަތް ގެނައުމުގެ މަސައްކަތް،" މި ސަރުކާރުގެ އެއް އަހަރަށް އަލިއަޅުވާލަމުން އަލީ ވަހީދު ވިދާޅުވިއެވެ.
"މިއަންނަ އަހަރު އަޅުގަނޑުމެން ނުކުންނާނީ ކަރުދާހަށް ޕްލޭންކޮށް ބާއްވާފައި ކޮނޑަށް އުނދައްޔާއި ފޮރޯ ހިފައިގެން ރާއްޖެ ބަދަލުކޮށް، އިގްތިސޯދީ ދުވެލި ބާރުކޮށް، ތަންތަން ބިނާ ކުުރުމަށް،"