އިދްލިބް (ޑިސެމްބަރު 23) : ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ގެ އަތްދަށުގައިވާ އެގައުމުގެ އިދްލިބް މިނިވަން ކުރުމަށްޓަކައި ސޫރިޔާ ސިފައިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ އަވަށްތަށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފިއެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ހަވާލާދީ ނޫސްއެޖެންސީތައް ބުނާގޮތުން ފާއިތުވި ހައެއްކަ ދުވަހު ސޫރިޔާ ސިފައިންނާއި ރަޝިޔާގެ އަސްކަރީ ޖެޓްތަކުން އިދްލިބަށް ދިން ވަރުގަދަ ވައިގެ ޙަމަލާތަކަށްފަހު ސޫރިޔާގެ އެއްގަމުން ސިފައިންވަނީ އިދްލިބްގެ ރަށްފުށުގެ ބައެއް އަވަށްތައް ކަމަށްވާ ސަރާގިބް ، ޚާންއައްސުބުލު، ޣަދްޤާ، ކަންދާ، އަދި ތަލްމަންސްއަށް ވަދެގެންފައެވެ. ސޫރިޔާގެ ރަސްމީ މިޑީއާއިންވެސްވަނީ އެގައުމުގެ ސިފައިން އިދްލިބްގައި "ޓެރަރިސްޓުން" ގެ މައްޗަށް ކާމިޔާބީތަކެއް ހޯދިކަމަށް ބުނެފައެވެ.

ސޫރިޔާގެ ހުޅަނގު އުތުރުގައިވާ އިދްލިބަކީ ސޫރިޔާގެ އެކިސަރަހައްދުތަކުގައި ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި އިދިކޮޅު ފަރާތްތައް އަސްކަރީގޮތުން ބަލިވުމާއެކު އެމީހުންގެ ބަރު ހަތިޔާރުތައް ދޫކޮށްލުމަށްފަހު ފިލައިގެންގޮސް ރައްކާތެރިކަން ހޯދައިގެންތިބޭ ޕްރޮވިންސެވެ. އިދްލިބް އިން ހިޔާވަހިކަން ހޯދައިގެންތިބި ހަނގުރާމަވެރިންގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ސިފަކުރެވޭ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާފަދަ ހަރުކަށި ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ އިތުރުން ސޫރިޔާ ސަރުކާރު ވައްޓާލުމަށް ތުރުކީއާއި ހުޅަނގާއި ގަލްފުގެ ގައުމުތަކުގެ އެހީތެރިކަމާއެކު ހަނގުރާމަކުރި ފްރީސީރިއަން އާމީފަދަ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް ހިމެނެއެވެ.

ގަދަ ފިނީގައި އާންމުން ރެފިއުޖީންގެ ގޮތުގައި އިދްލިބް އިން ނުކުންނަނީ

އިދްލިބްގެ ބައެއް ސަރަހައްދުތަކަށް ސޫރިޔާ ސިފައިންނާއި ރަޝިޔާއިން ވައިގެ މަގުން ދެމުން ގެންދާ ޙަމަލާތަކުގައި އެތަށް ބަޔަކު މަރުވެ އެހާ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާ ކަމަށާ ހަނގުރާމައިގެ ސަބަބުން ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދޭނެގޮތެއްވެސް ނެތްކަމަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ބުނެއެވެ. އަދި ވައިގެ ޙަމަލާތަކުގެ ސަބަބުން އިދްލިބް ގެ އަވަށްތަކުން އެތަށް ހާސް ބަޔަކު ރެފިއުޖީންގެ ގޮތުގައި ރައްކާތެރި ތަންތަނަށް ދާންފަށާފައިވާ ކަމަށާ އެގޮތަށް ދާ ރެފިއުޖީންގެ ގިނަ ބަޔަކު ވިއްސާރައާއި ގަދަ ފިނީގައި ތުރުކީގެ ސަރަހައްދީ ރޮނގާ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށް އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އދ. ން ބުނެއެވެ.

ސޫރިޔާ ސަރުކާރުންވަނީ އިދްލިބް އަށް ޖަމާވެފައިވާ ހަނގުރާމަވެރިންގެ އަތްދަށުން އެ ޕްރޮވިންސް މިނިވަން ކުރުމަށް ނިންމައި އިދްލިބް މިނިވަންކުރުމުގެ ހަނގުރާމަ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ފަށާފައެވެ. ރަޝިޔާއާއި އީރާނުގެ އަސްކަރީ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން ކުރިޔަށްގެންދާ އިދްލިބް ހަނގުރާމައިގާ އެއްގަމު މަގުން ހަނގުރާމަކުރަނީ ސޫރިޔާ ސިފައިންގެ ފަސްވަނަ ފައުޖާއި ސޫރިޔާ ސަރުކާރަށް ތާއީދުކުރާ "ނިމްރު" މިލީޝިއާގެ ހަނގުރާމަވެރިންނެވެ.

މި ފަރާތްތަށް އެއްގަމު މަގުން އިދްލިބްގެ އަވަށްތަކަށް ވަންނަމުންދާއިރު އެކަމަށް ވައިގެ މަގުން އެހީތެރިވަނީ ރަޝިޔާގެ އަސްކަރީ ޖެޓްތަކުންނާއި ސޫރިޔާގެ ވައިގެ ސިފައިންނެވެ. އީރާނުން ފޯރުކޮށްދެނީ އަސްކަރީ މަޝްވަރާއާއި އެއްގަމު މަގުން ލޮޖިސްޓިކް ސަޕޯޓް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އދ. ގެ ރެފިއުޖީންނާބެހޭ އިދާރާއިންވަނީ އިދްލިބްގެ ހަނގުރާމައާއެކު އެ ޕްރޮވިންސުން ނުކުންނަމުންދާ ރެފިއުޖީންގެ މައްސަލަ އިންސާނީ ކާރިސާއަކަށް ވެދާނެކަމުގެ އިންޒާރު ދީފައެވެ. ތުރުކީންވަނީ އިދްލިބްގެ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ރޮނގު ހުރަސްކޮށް ގިނަ އަދަދެއްގެ ރެފިއުޖީން އެގައުމަށް ވަންނަމުންދާކަމަށާ މިއީ ތުރުކީއަށް ދެން ތަހައްމަލް ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ. މިހާރުވެސް ތުރުކީގައި ސޫރިޔާގެ 3.5 މިލިޔަން ރެފިއުޖީން ތިބިއިރު އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަހަކު ބިލިޔަނަށްވުރެ ގިނަ ޑޮލަރު ޚަރަދުވާކަމަށް ތުރުކީން ބުނެއެވެ.

ތުރުކީ ސަރުކާރުން ގެންދަނީ ސޫރިޔާ ސިފައިންގެ ކޮންޓްރޯލް ނެތް އެގައުމުގެ ކުރުދީ ސަރަހައްދުތަކަށް އަރައި އެސަރަހައްދުތަކުގައި އަމާން ސަރަހައްދެއް ގާއިމްކޮށް އަމާން ސަރަހައްދުގައި ސޫރިޔާގެ ރެފިއުޖީން އަލުން އަނބުރައި ވަޒަންވެރި ކުރުވުމަށްޓަކައި އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަން މިދިޔަ ނޮވެމްބަރުމަހު ތުރުކީ ސިފައިން ފެށިނަމަވެސް ތުރުކީގެ މައިގަނޑު މަގްސަދަކީ އެމެރިކާގެ މަދަދު ލިބޭ ސޫރިއާގެ ތުރުކީގެ ވައިޕީޖީ ހަނގުރާމަވެރިން ބަލިކޮށް އެމީހުންގެ ބާރު ސޫރިޔާގެ ކުރުދީ ސަރަހައްދު ތަކުން ކަނޑުޥާލުމެވެ.

މިދިޔަ ނޮވެމްބަރުމަހު ތުރުކީ ސިފައިން ތުރުކީގެ ވައިޕީޖީ ހަނގުރާމަވެރިންނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަންގައިވެސް އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެ އެތަށް ލައްކަ ބައަކުވަނީ ރެފިއުޖީންގެ ގޮތުގައި ރައްކާތެރި ސަރަހައްދުތަކަށް ގޮސްފައެވެ. (ނޫސްއެޖެންސީތައް)