ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
ބަޔާނެއް މެދުވެރިކޮށް ފުލުހުން މިއަދު ބުނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ހިއުމަން ޓްރެފިކިން ވޮޗް ލިސްޓުގެ ޓަޔާ ދޭއްގައި މިއަހަރުވެސް ރާއްޖޭގެ ނަން ހިމެނިފައިވުމަކީ ރާއްޖޭގައި މީހުން އަޅުވެތިކޮށް، ނަހަމަގޮތުގައި ބޭނުން ކުރަމުން ދިއުމުގެ ހެއްކެއް ކަމަށާއި ޤަވާއިދާއި ޚިިލާފަށް ރާއްޖެ އެތެރެވާ ބިދޭސީންގެ ނިސްބަތް އިތުރުވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ހިއުމަން ޓްރެފިކިންގެ ވަކި މައްސަލައެއް ކޭސްކުރެވިފައިނެތަސް މިއަހަރު ޖެނުއަރީން ފެށިގެން މިދިއަ މަހުގެ ނިޔަލަށް ސްޕޮންސަރަށް ފިލައިގެން ރާއްޖޭގައި ބިދޭސީން އުޅޭ ކަމުގެ 380 މައްސަލަ އާއި، ޤަވާއިދާ ޚިލާފަށް ރާއްޖެއަށް މީހުން އެތެރެކޮށްފައިވާ ކަމަށްބުނާ ހަތް މައްސަލައަކާއި ހަށިވިއްކަން ބިދޭސީން ރާއްޖެ އެތެރެކޮށްފައިވާ ކަމަށްބުނާ ހަތް މައްސަލައެއް ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މިއަހަރު ޖޫން މަހުގެ 11 ވަނަ ދުވަހު ފޯޖްކޮށްފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ރާއްޖެއަށް ގިނަ ޢަދަދެއްގެ ބިދޭސީން އެތެރެކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ފާހަގަ ކޮށްލެވޭ ކަމަށް އިޝާރާތްކޮށް ފުލުހުން ބުނީ އެކިއެކި ފަރާތްތަކުން ލޯކަލް އިންވެސްޓްމަންޓްތައް ރަޖިސްޓްރީކޮށް ސައްޙަނޫން ޕްރޮޖެކްޓްތައް ހަދައި ބިދޭސީން އެތެރެކުރުމަށް ކޯޓާ ހޯދާ ކަމަށާއި އެފަދަ ފަރާތްތަކުން ޤަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ 4000 އަށްވުރެ ގިނަ ބިދޭސީގެން ޕާސްޕޯޓް ހޯދާފައިވާ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުގެ ހިއުމަން ޓްރެފިކިން ރިޕޯޓާ ހަވާލާދީ ފުލުހުން ބުނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އާއި އެކިއެކި ޚިދުމަތްދޭ ދާއިރާތަކުގައި ބިދޭސީންލައްވައި ގަދަބާރުން މަސައްކަތް ކުރުވަމުންދާ ކަމަށާއި ބޮޑު މުސާރައެއް ލިބޭފަދަ ވަޒީފާ ހޯދައިދޭނެ ކަމަށްބުނެ އޮޅުވާލައިގެން މީހުން ގެނެސް ގަދަ ކަމުން މަސައްކަތް ކުރުވުމާއި ކާކުކަން އަންގައިދޭ ލިޔެކިއުމާއި ޓްރެވަލް ޑޮކިއުމަންޓްތައް ހިފެހެއްޓުމާއި، މުސާރަނުދީ މަސައްކަތް ކުރުވުމުގެ ކަންތައްތައް ވެސް ރާއްޖޭގައި ކުރަމުންދާ ކަމަށެވެ.

ސްރީލަންކާ، އިންޑިޔާ، ތައިލެންޑް، ޗައިނާ، ފިލިޕީންސް، އިރުމަތީ ޔޫރަޕްގެ ޤައުމުތަކާއި ކުރީގެ ސޯވިއެޓް ޔޫނިއަންގެ ޤައުމުތަކުގެ މީހުނާއި، ބަންގްލަދޭޝްމީހުން ލައްވައި މަޖުބޫރުކޮށްގެން ހަށިވިއްކުމުގެ މަސައްކަތް ދިވެހިރާއްޖޭގައި ކުރުވާ ކަމަށް ވެސް އެ ރިޕޯޓާ ހަވާލާދީ ބުނެފައި ވެއެވެ.

ހަށިވިއްކުމަށް ރާއްޖެއަށް ޝްރީލަންކާގެ އަންހެންކުދިން އެތެރެކުރާ ބޮޑު ނެޓްވޯކެއް މިއަހަރު އޮކްޓޯބަރ 22 ވަނަ ދުވަހު ލަންކާ ފުލުހުން އަތުލައިގެންފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި މިނެޓްވޯކް މެދުވެރިކޮށް ކޮންމެ މަހަކު ދޭއް ނުވަތަ ތިން އަންހެންކުދިން ޓްއަރިސްޓް ވިސާގައި ރާއްޖެ އަންނަކަމަށް ޝްރީލަންކާ ފުލުހުންގެ ތަހުގީގާ ހަވާލާދީ ބަޔާންކޮށްފައި ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.

ފުލުހުން ބުނީ މިއަ އަހަރުން ފެށިގެން 2013 އަށް ހިއުމަން ޓްރެފިކިންގެ މައްސަލަތަކަށް ފުލުހުން ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށާއި އެކަމަށް ހާއްސަ ތަމްރީނާއި މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގައި ޤާނޫނެއް ނެތަސް އަޅުވެތި ކުރުމާއި ގަދަބާރުން މީހުންލައްވައި މަސައްކަތް ކުރުވުމަކީ ރާއްޖޭގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގެ 25 ވަނަ މާއްދާގެ (ހ) އިން މަނާކޮށްފައިވާ ކަމެކެވެ.