23 Dec 2019, 18:34
މިދިޔަ ހުކުރު ދުވަހުގެ މެންދުރު އދ. މާމިގިލީ، އަތަމާވިލާ، މުހައްމަދު މޫމިން މަހުމޫދު، 35، އޭނާގެ (އުމުރުން 9، 11 އަދި 13 އަހަރުގެ) ދެ ދަރިންނާއި ޅިޔަނު ކިޔާ ކުއްޖަކާއެކު ކުޑަ ޑިންގީއެއްގައި މާމިގިލިން ފ. ފީއައްޔަށް ފުރީ ފަންސާހަކަށް މިނެޓު ތެރޭގައި ހިމިތީ ކަނޑު ހުރަސްކޮށް ފީއައްޔަށް ލެފޭނެކަމުގެ ޔަގީންކަމާ އެކު އެވެ. އެކަމަކު، ކުއްލިއަކަށް އައި ބޯ ވިއްސާރަ ގަނޑަކާ އެކު މިސްރާބު އޮޅި މުހައްމަދު މާކަނޑުގައި ގެއްލުނެވެ.
މާމިގިއްޔަށް އުފަން މުހައްމަދު އުޅެނީ ފީއަލީ އަންހެނަކާ އިނދެގެން އެ ރަށުގައެވެ. އޭނާގެ ދަރިން މާމިގިއްޔަށް ދިޔައީ ލިބުނު ޗުއްޓީގައި އެ ކުދިންގެ މާމަ ގާތަށެވެ. މާމިގިލި މަތިން ފޫހިވެ އަނބުރާ ރަށަށް ގެންދަން އެދި ދަރިން ރޯން ފެށުމުން އޭނާ އެ ކުދިން ބަލާ ދިޔައީ ރައްޓެއްސެއްގެ ޑިންގީއެއްގައެވެ. ކައްޕިކަމުގައި ވިއްސަކަށް އަަހަރުގެ ތަޖުރިބާ ލިބިފައި ހުރި މުހައްމަދުގެ ހިތުގައި ދެ އަތޮޅު ދޭތެރޭގައި، މަތިނިވާނުކޮށް ހުރި އެ ކުޑަ ޑިންގީއިން ދަތުރު ކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެއީ އޭނާ އެތައް ފަހަރަކު ކޮށްފައި ހުރި ކަމެއް ކަމުންނެވެ.
މުހައްމަދު ބުނި ގޮތުގައި އޭނާ ފީއަލިން މާމިގިއްޔަށް ފުރި އިރުވެސް މޫސުން އޮތީ ވަރަށް އަމާންކޮށެވެ. އަދި މާމިގިލިން ފީއައްޔަށް ފުރި އިރުވެސް މޫސުން އޮތީ ރަނގަޅަށެވެ. ފުރުމުގެ ކުރިން ފޯނުންވެސް މޫސުމުގެ މައުލޫމާތު ބެލި އިރު އެއިން ދެއްކީ ރަނގަޅުވާނެ ކަމަށެވެ. އެކަމަކު މުހައްމަދުގެ މަންމަ ލަފާކުރީ ވިއްސާރަވާން އުޅޭކަމަށެވެ. އަދި ނުފުރާ މަޑުކުރުމަށް އެދުނެވެ.
ކޮޅިގަނޑެއްގައި ޖެހި މިސްރާބުން ކައްސާލި
އަމިއްލަ ތަޖުރިބާއަށް އިތުބާރުކޮށް މުހައްމަދު ޑިންގީގައި މާމިގިލިން ފީއައްޔަށް ފުރީ ގާތްގަނޑަކަށް 14:30ގައެވެ. ފުރިތާ މާ ގިނަ އިރު ނުވަނީސް ލައްވާލީ އުތުރުން އައި ކޮޅިގަނޑަކާ އެވެ. އެއާއެކު މުހައްމަދު ބެލީ ޑިންގީގައި ތިބި ކުދިންކޮޅު ހިޔާކުރެވޭތޯއެވެ. ޑިންގީގެ އިންޖީނު ހުއްޓުވުމަށްފަހު، އޭގެ ވަތުގައި ހުރި ސާމާނު ބޭރުކޮށް ކުދިންކޮޅު ލީ ވަތަށެވެ.
"ހިޔާ ކުރާނެ ތަނެއް ނެތީމަ އެ ކުދިން ހިޔާ ކުރަންވެގެން، ވިއްސާރައާއި ވަޔާ ހެދި ހީކަރުވަފާނެތީވެ ވަތުގައި ހުރި ހުރިހާ އެއްޗެހި ނެގީ. ނަގާފައި އެ ވަތް އެއްކޮށް ސާފުކޮށްލާފައި އެ މީހުން އެ ވަތަށް ލީ. ލާފައި މަތިޖަހާލާފައި ބޭންދީ. ލީކު ނުވާ ވަރަށް އެ މީހުން ގަޔަށް ވާރޭ ނުވެހޭ ވަރަށް މަތި އަޅާލާފައި ބޭންދީ،" މުހައްމަދު ކިޔައިދިނެވެ.
ކުދިންކޮޅު ވަތަށް ލައި މަތި ޖަހަން އުޅުނު އިރު ވައި ޖެހޭ މިސްރާބު ބަދަލުވި ކަމެއް މުހައްމަދަކަށް ނޭނގެއެވެ. އޭރު ވައި ޖެހެމުން ދިޔައީ އިރަށް ކަމަށް ބަލައި އޭނާ ފައްސިއަށް (ވަޔާ އެއްކޮޅަށް) ދުއްވަން ފެށިއެވެ.
"ވިއްސަކަަށް މިނެޓު ދުއްވާފައި ދެން އެއްވެސް ތަނެއް ނުފެނުނީމަ ދެން ބެލީ ގަޑި. އެ ކޮޅުން ފުރި ގަޑިއާ މި ކޮޅަށް ލެފެން ޖެހޭ ގަޑިއާ ދިމައެއް ނުވި،" މުހައްމަދު ކިޔައިދިނެވެ.
ރޭވި ގޮތާ އެއްގޮތަށް ދަތުރު ނުދާކަމުގެ އިހުސާސު މުހައްމަދަށް ކުރެވުނީ އެ ހިސާބުންނެވެ. އޭނާގެ ފޯނަށް އޭރު ރޭންޖެއްވެސް ނުލިބެއެވެ. އެހެންކަމުން ފޯނު މެދުވެރިކޮށް ހުރި ދިމާލެއް ބެލޭނެ ގޮތެއްވެސް އޭނާއަށް ނުވިއެވެ.
ގަޑިން 16:53ގައި މުހައްމަދުމެންގެ ޑިންގީ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ރަށުގައި ތިބި މީހުން ސިފައިންނަށް ކުރިއެވެ. އެ ހިސާބުން ޑިންގީ ހޯދުމުގެ މަސައްކަތް ފެށިގެން ދިޔައެވެ.

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް
އިރު އޮއްސުމުން އުންމީދުގެ އަލިކަން
އޭރުވެސް ބޯކޮށް ވާރޭވެހެމުން ދިޔައެވެ. ތަނެއް ދޮރެއް ނުފެންނަ ވަރަށެވެ. ދެވޭ މިސްރާބެއް ނެތި ދުއްވުމުގެ ބަދަލުގައި ޕެޓްރޯލުވެސް ސަލާމަތްކުރުމުގެ ގޮތުން މުހައްމަދު އިންޖީނު ހުއްޓާލާފައި މަޑުކުރިއެވެ. އޭނާގެ ވިސްނުން އޭރު ހުރީ އިރު އޮއްސެންދެން މަޑުކޮށްފައި، ރަށެއްގެ އަލި ފެނުމުން އެ ދިމާލަކަށް ދުއްވާށެވެ.
އިރު އޮއްސުމުން ރަށެއްގެ އަލި މުހައްމަދަށް ފެންނަ ފެށިއެވެ. އެއީ މާމިގިލިތޯ ނުވަތަ ފީއަލީތޯ އޭނާއަކަށް ނޭނގުނެވެ. އެކަމަކުވެސް އެ އައްޔާ ދިމާލަށް ދުއްވީއެވެ. ވަކި ހިސާބަކުން ވިއްސާރައިގެ ސަބަބުން އެ އަލި ގެއްލުމުން، އިންޖީނު ނިވާލާފައި މަޑުކުރީއެވެ. ކުޑަ ވަގުތުކޮޅެއް ފަހުން އަނެއްކާވެސް އައްޔެއް ފެނި، އެއާ ދިމާލަށް ދުއްވަން ފެށިއެވެ. އެ އަލިގަނޑުވެސް އިސާހިތަކު ގެއްލުނެވެ. އޭރު ރޭގަނޑު ހަތެއް ޖަހައި ބޮޑުވެސް ވެއްޖެއެވެ.
މުހައްމަދު ކިޔައިދިން ގޮތުގައި އޭނާއަށް އެ ފަހުން ދޯންޏެއްގެ އަލި ފެނުނެވެ. ޑިންގީގައި އޮތް ބައްތިން އެ ދޯންޏާ ދިމާލަށް އަލި ކުރަމުން އެ ދިމާލަށް ދުއްވިއެވެ. އެކަމަކު، ދޯނި ދިޔައީ މުހައްމަދުމެންގެ ޑިންގީއާ ދިމާ އިދިކޮޅަށެވެ. ވަކި ހިސާބަކުން ދޯނީގެ އަލިވެސް ވިއްސާރައިގައި ގެއްލުނީއެވެ. އެފަހުންވެސް ފެނުނު ދޯންޏެއް ގެއްލުނީއެވެ.
އުންމީދު ގެއްލުވާނުލައި ދުއްވަމުން ދަނިކޮށް މުހައްމަދަށް ދެން ފެނުނީ ސައިރަން ލައިޓު އަޅަމުން ދިޔަ އުޅަނދެކެވެ.
"ދެން ދުއްވީ ސީދާ އެއާ ދިމާލަށް. ބައްތި އަލި ކުރަމުން ދުއްވަމުން ސީދާ އެއާ ދީމާލަށް. ފުރަތަމަ އެ މީހުން ދުއްވީ އަހަރެމެންނާ އިދިކޮޅަށް. ދެން ބައްތީގެ ކޮންމެވެސް އިޝާރާތެއްވީ ކަންނޭނގެ އެ މީހުންވެސް އަނބުރާލީ އަހަރެމެންނާ ދިމާލަށް. ދެން އެހިސާބުން އަހަރެމުންނާ ކައިރިވީ،"
ސައިރަން އަޅާފައި އައީ އދ. މަހިބަދޫ ސީ އެމްބިއުލާންސެވެ. މުހައްމަދުމެން ސަލާމަތްކުރީ އެ އެމްބިއުލާންސުންނެވެ. އޭނާ ދަތުރު ކުރި ޑިންގީ ފެނުނީ ފ. ހިމިތީއާ ހަތް ނޯޓިކަލް މޭލު ދުރުންނެވެ.

އދ. މާމިގިއްޔާއި ފ. ފީއައްޔާ ދެމެދު ގާތްގަނޑަކަށް 15 ނޯޓިކަލް މޭލު ހުރޭ: މުހައްމަދު ދަތުރު ކުރި ޑިންގީ ފެނުނީ ފ. ހިމިތީއާ ހަތް ނޯޓިކަލް މޭލު ބޭރުން --
"ކުދިންކޮޅު ވަރަށް ހިތްވަރުގަދަ"
މުހައްމަދު ބުނީ އާދައިގެ މީހަކު މާޔޫސްވެ ބިރު ގަންނާނެ ފަދަ އެ ހާލަތުގައި ޑިންގީގައި ތިބި ތިން ކުޑަކުދިންގެ ފަރާތުން ފެނުނީ ހިތްވަރު ކަމަށެވެ. އެއްވެސް ކުއްޖަކު ހާސްވެ ރޮއިވެސް ނަހަދައެވެ. އެކަމަކު އޭނާ ބުނި ގޮތުގައި އެއް ކުއްޖަކު ހޮޑުލި އެވެ.
އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރު އެލުވާނުލައި ހުރި މުހައްމަދު ބުނީ އިރު އޮއްސުމުން އައްޔެއް ލައްވާލާނެކަމުގެ ގެރެންޓީ އޭނާއަށް އޮތް ކަމަށެވެ.
"މަގޭ ބަރާބަރު، މަ ވަރަށް ހިތްވަރުކޮށްގެން ހުރީ. މަގޭ ވިސްނައިގެން ހުރީ ރޭގަނޑު އައްޔެއް ފެނުނީމަ އެ އައްޔަކާ ދިމާލަށް ދުއްވަން. އިރާދަކުރެއްވިއްޔާ މަ ހުރީ ވަރަށް ރަނގަޅަށް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް،" މުހައްމަދު ބުންޏެވެ.
ފީއަލީގައި ހުރި މުހައްމަދުގެ އަންހެނުންނަށް މައުލޫމާތު ލިބުނީ އޭނާގެ ފިރިމީހާއާއި ދަރިންކޮޅު ދަތުރު ކުރި ޑިންގީ ބަންޑުންޖަހާލި ކަމަށެވެ. އެކަމާ ގުޅިގެން އޭނާގެ ހާލު ދެރަވެގެން އެޑްމިޓު ކުރިއެވެ. އެކަމަކު، އެ މީހުން ސަލާމަތު ހުރިކަން އެނގުމުން، ތެދުވެ އެ މީހުން ލެފި އިރަށް އޭނާ ބަނދަރުމައްޗަށް ގޮސް ހުއްޓެވެ. ޑިންގީގައި ތިބި ކުޑަ ކުދިން ރަށަށް ގެންގޮސް ޓެސްޓުތައް ހަދާފައި ދޫކޮށްލީއެވެ.
ސަލާމަތުގެ އައްސޭރިއަށް ދެވުމުން ފޯނުން ގުޅާފައި މުހައްމަދުގެ މަންމަ ހަނދާންކޮށްދިނީ ދަރިފުޅަށް ދިން ލަފައެވެ.
"މަންމަ ބުނީ މަންމަ ބުނާ ގޮތް ނަހަދާތީ ވާ ގޮތް ގޮތޭ ތިއީ. ދެން މަ ބުނީ މި އޮތީ ވީއެއްޗެއް ވެފައޭ،"