ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ތެރެއިން ކުރާނެ ކަންތައް ކަނޑައަޅާ، އަންނަ މަހުގެ 15ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ފިނޭންސް އިން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާ ގުޅޭ ސާކިޔުލާގައި ބުނީ ފިސްކަލް ފޯމިޔުލާ ބޭނުންކޮށްގެން ކައުންސިލްތަކަށް ހިލޭ އެހީ ބެހިގެންދާނެ އުސޫލު އާންމުކޮށްފައިވާނެ ކަމަށެވެ.

ސާކިޔުލާގައި ބުނީ ކައުންސިލުތަކަށް ލިބޭ ހިލޭ އެހީ އާއި އާމްދަނީ އަށް ބަލައިގެން ތައްޔާރުކުރާ ބަޖެޓު ފާސްކޮށް، ގާނޫނުގައިވާ ގޮތުގެ މަތިން އަންނަ އަހަރުގެ ޖެނުއަރީ 15ގެ ކުރިން ހުށަހަޅަން ވާނެ ކަމަށެވެ. ބަޖެޓު ހުށަހަޅަން ޖެހޭނީ އެލްޖީއޭގެ ވިޔަ މޮޑިޔުލް މެދުވެރިކޮށް ކަމަށް ސާކިޔުލާގައި ބުންޏެވެ.

ބަޖެޓު ތައްޔާރު ކުރާ އިރު، ފިނޭންސް އިން އެކުލަވާލާފައިވާ ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމާއި ބަޖެޓު ތަންފީޒު ކުރުމުގައި އަމަލު ކުރާނޭ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.

ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދިނުމަށް 1.6 ބިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވެ އެވެ.