28 Nov 2011, 15:16
އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ނަވީ ޕިއްލޭ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ފުރައްސާރަކޮށް ދީނުގެ ހައްދުތަކާ ދެކޮޅަށް ވާހަކަ ދެއްކެވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުނީތީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު މުހައްމަދު ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރައްވައި ޕިއްލޭ ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން އިހްތިޖާޖު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ އަށް ވާހަކަ ދައްކަވަމުން އަހްމަދު ވިދާޅުވީ ގާނޫނު އަސާސީ އަށް ފުރައްސާރަކޮށް ދީނުގެ ހައްދުތަކާ ދެކޮޅަށް ޕިއްލޭ ވާހަކަ ދައްކަވާފައި ވާތީ އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.
"އަދި އެފަދަ ވާހަކަތަކެއް ދެއްކި ބައްދަލު ވުމެއްގައި ބައިވެރިވެވުނީތީ އެކަމާ ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދެން. އެ ބައްދަލުވުމަށް އައިއިރު ތަގްރީރު ކުރާނީ ކޮން މައުލޫއަކަށް ކަމެއް ނޭނގެ، އެގޮތުން އަޅުގަނޑަށް ވެސް އާދެވުނީ،" އަހްމަދު ވިދާޅުވި އެވެ.
އަހްމަދު ވިދާޅުވީ ޕިއްލޭގެ ވާހަކަތަކަށް ބަލާ އިރު އޭނާއަކީ ގާނޫނު އަސާސީ ގަބޫލު ކުރާ މީހެއް ވެސްނޫން ކަމަށެވެ. އަދި ހަމަހަމަ އުސޫލުން އަންހެނުންނާއި ފިރިހެނުންގެގައި ވެސް ހައްދުޖަހަން ޖެހޭ ގޮތަށް އިސްލާމް ދީނުގައި އޮތް އިރު، ހައްދު ޖެހުމުން ގެއްލެނީ ހަމައެކަނި އަންހެނުންގެ ހައްގުތައް ކަމަށް ބުނެ ވާހަކަ ދައްކާފައި ވާތީ އޭނާއަކީ ޑިމޮކްރަސީގެ ހަމަތައް ގަބޫލުކުރާ މީހެއް ނޫން ކަމަށް ވެސް އަހްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަކީ އިސްލާމްދީނާ ދެކޮޅަށް އަލަށް ފެށީގެންދާ ކަމެއް ނޫން ކަމަށެވެ. އަދި އެކަހަލަ އެތައްކަމެއް ސަރުކާރުން ހިތްވަރު ދީގެން ބޭރުން މީހުން ގެނަސްގެން ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަގީދާ ބަލިކަށިކޮށްލަން އެތައްކަމެއް ގެންދަނީ ހިންގަމުން. ބުދުތައް ބަހައްޓައިގެން ކުޑަކުދިންގެ އަގީދާ ފުނޑުފުނޑުކޮށްލުމަށް ކުރާކަމެއް އެއީ. އެހެންދާ ނަމަ ދާދިއަވަހަށް މި ގައުމު ލާދީނީ ގައުމަމަށް ވެގެންދާނެ. އިސްލާމީ ވަހްދަތު ދެމެހެއްޓުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" ނައިފަރު ދާއިރާގެ މެންބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕިއްލޭގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުން ވެސް ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށެވެ.