23 Dec 2019, 14:23
ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދު އެކުންފުންޏާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރު ފުރުން ފާހަގަކޮށް، އެކުންފުނިން ކުރި މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްފި އެވެ.
އާ އެމްޑީގެ ދަށުން ކުންފުނި ހިންގަމުންދާތާވީ އެއް އަހަރަކީ ކާމިޔާބު އަހަރެއްކަން ފާހަގަކޮށް ފެނަކައިން ބުނީ، އޭގެ ނަތީޖާއެއްގެ ގޮތުން މިފަހުން ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި މި އަހަރުގެ އެކްސެލެންސް އިން ޔުޓިލިޓީ އެވޯޑް އެކުންފުންޏަށް ލިބިފައިވާ ކަމަށެވެ.
މި އަހަރުގެ ތެރޭގައި ފެނަކައިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ނޮން-ޔުޓިލިޓީ ފަރާތަކުން އުފައްދާ ކަރަންޓު ގަތުމަށް ޕަވާ-ޕާޗޭސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެއީ އިޓަލީގެ މިލާނޯ-ބިކޯކާ މެދުވެރިކޮށް ފ. މަގޫދޫގައި ގާއިމްކުރި ސޯލާ ކަރަންޓުގެ ނިޒާމުން އުފައްދާ ކަރަންޓު ގަތުމަށް އެ ރަށު ކައުންސިލާއެކު ސޮއިކުރި އެއްބަސްވުމެކެވެ.

ކަރަންޓް ވިއްކުމަށް ފެނަކައާއި މަގޫދޫ ކައުންސިލްއާއެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން---- ފޮޓޯ؛ ފެނަކަ
ހަމައެއާ އެކު މިސްކިތްތަކުގައި ސޯލާ-ޕީވީއާއި އެއާކޮންޑިޝަން ހަރުކުރުމަށް އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގެ އިތުރުން ގދ. މާވަރުލު އެއާޕޯޓަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ފޯރުކޮށްދިނުމަށް ވެސް ފެނަކައިން ވަނީ އެއްބަސްވެފަ އެވެ.
ފާހަގަކޮށްލެވޭ ބައެއް ޚިދުމަތްތައް
އެކި ރަށްރަށަށް 67 ޖެންސެޓް ފޯރުކޮށްދިނުން (60 ޖެންސެޓް އިންސްޓޯލްކޮށް، ޚިދުމަތް ދޭން ފަށާފައި)
- 26 ރަށެއްގެ އިންޖީނުގެތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން ފެށުން
- އިންޖިނިއަރިންގް ސިމްޕޯސިއަމް 2019

އިންޖިނިއަރިންގް ސިމްޕޯސިއަމްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު --- ފޮޓޯ/ފެނަކަ
މީގެ އިތުރުން ފާއިތުވެ ދިޔަ އެއް އަހަރުގެ ތެރޭގައި ފެނަކައިގެ މުވައްޒަފުންގެ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް އެކުންފުނިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެގޮތުން ފެނަކަ ހެޑް އޮފީހުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތްތަކާއި އަތޮޅުތެރޭގެ ފެނަކަ މުވައްޒަފުންގެ ފުޓްސަލް މުބާރާތެއްގެ އިތުރުން ކުންފުނީގެ ހުރިހާ ގޮފިތަކުގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ފެނަކައިން ވަނީ ގުރުއާން މުބާރާތެއް ބާއްވާފަ އެވެ.
މި އަހަރުގެ ތެރޭގައި ފެނަކައިން ގިނަ އަދަދެއްގެ އިޖުތިމާއީ ހަރަކާތްތަކުގައި ވެސް ބައިވެރިވެފައިވާކަން އެކުންފުނިން ފާހަގަ ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ
އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ ހަރަކާތްތައް
- ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕޭން
- އާތު އަވާ ހަރަކާތް
- ގައުމީ ދުވަހުގެ ހަރަކާތް
- ވޯލްޑް އޯޓިޒަމް އެވެއާނެސް ޑޭ
- ވޯލްޑް ޑައިބެޓިކް ޑޭ
އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން ފެނަކައިގެ އިސްނެގުމުގެ މަތިން އިޖްތިމާއީ ޒިންމާ އަދާކުރުމުގެ ހަރަކާތްތަކެއް ވެސް އެކުންފުނިން ކުރިއަށް ގެންގޮސްފައިވެ އެވެ. އެއީ؛
އެކި ރަށްރަށަށް ޖުމްލަކޮށް 90،000 އަށް ވުރެ ގިނަ ލެޑް ލައިޓް ފޯރުކޮށްދިނުން
- މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް 1 މިލިއަން ރުފިޔާގެ ފައިސާގެ އެހީ
- މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މެމްބަރުންނަށް ބޭއްވި ޤުރުއާން މުބާރާތް

ފެނަކަގެ މުވައްޒިފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވެފައި ---- ފޮޓޯ/ ފެނަކަ
ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އެ މަގާމާ ހަވާލުވި ފަހުން އެއް އަހަރު ފުރިފައިވާއިރު، ސައީދު ވަނީ މި އަހަރުގެ އޭޝިއަން ޔުޓިލިޓީ ވީކް 2019 ގައި އިންޑަސްޓްރީ ލީޑާ އެވޯޑު ވެސް ހާސިލު ކުރައްވާފަ އެވެ.