23 Dec 2019, 13:14
މަސްވެރިންގެ ޕާކް ސަރަހައްދު ފަތުރުވެރިންގެ ހަބެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ކަމަަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ޕާކްގައި އެމްޑަބްލިއުއެސްސީ އިން ތަރައްގީކުރި ފާހާނާތައް ހިމެނޭ ޓޫރިސްޓް ޓާމިނަލް މާލޭ ސިޓީ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝިފާ ވިދާޅުވީ އެ ސަރަހައްދު ހިންގަން ގަސްދުކުރަނީ ބިޒްނަސް މޮޑެލްއަކަށް ކަމަށެވެ.
"މިހާރުން މިހާރަށް އަޅުގަނޑުމެން ހޯދި މައުލޫމާތުތަކަށް ބަލާފައި އެނގޭ މިތަން ވެގެން ދާނީ ޓުއަރިސްޓުން ލަފާފުރުމުގައި ވަރަށް މުހިންމު ސްޕޮޓަކަށްކަން. އެނގިވަޑައިގެންނަވާނެ މިތާ ކައިރީގައި އެވަނީ ބޭންކްތަކާ އަދި ސިނާއީ ވަރަށް ގިނަ މަސައްކަތްތައް، ފިހާރަތަކާއި ތަންތަން އެބަހުރި މިތާ. ރެސްޓޯރެންޓްތައް ވެސް އެބަހުރި. އެހެންވީމާ އަޅުގަނޑުމެން މިބަލަނީ މި އޭރިއާއަކީ ޓުއަރިސްޓުންނަށް ފުދޭވަރެއްގެ މައުލޫމާތުތަކެއް ލިބިގެންދާނެ ފަސޭހަކަމާ އެކު ތަންތަނަށް ގޮސް ނުކުމެ އުޅުމުގެ ފުރުސަތުތަކެއް ލިބިގެންދާނެ އޭރިއާއެއް ކަމަށް،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދު ވެގެންދާނީ ހުރިޙާ ގެސްޓުންނަށް ވެސް މައުލޫމާތު ލިބޭ ތަނަަކަށް ކަމަށެވެ. މާލެއަކީ ވެރިރަށް ކަމުން ރިސޯޓްތަކުން 24 ގަޑި އިރު ފަތުރުވެރިން މާލެ ބަލާލަން އަންނަ ކަމަށާއި އެހެން އަންނަ އިރު މާލޭގައި ހުރި މުހިންމު ތަންތަނާ ބެހޭ ގޮތުން މައުލޫމާތު ދެވޭނެ ގޮތަކަށް ފޮތްތަކާ އެއްޗެތި ބަހައްޓަން ގަސްދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަންނަ ބައެއް ފަތުރުވެރިން މާބޮޑު ޕްލޭނެއް ނެތި މާލެ އައިސް ގެސްޓުހައުސް ހުންނަ ރަށްތަކަަށް މިސްރާބު ޖަހާ ކަމަށް ޝިފާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ޓާމިނަލްގެ ހިދުމަތް ދޭން ފެއްޓުމުން ގެސްޓުހައުސްތައް މާކެޓް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
"އެހެންވީމާ މިތަންވެގެން ދަނީ ޓުއަރިސްޓުންނަށް ހަބެއްގެ ގޮތުގައި. ޓުއަރިސްޓުންނަށް ހުރިހާ މައުލޫމާތެއް ދެވިގެންދާނެ ތަނެއްގެ ގޮތުގައި... ފްލައިޓުގެ މައުލޫމާތު ވެސް ފެރީގެ މައުލޫމާތު ވެސް ލިބެން ޖެހޭ. ދުވަހުން ދުވަހަށް ފުރަނީ ކޮންރަށަކަށް ކޮން އެއްޗެއްކަން ވެސް އެނގެންޖެހޭ. ދެން އެކި ދިމާދިމާލަށް އެބޭފުޅުން ވަޑައިގެން މައުލޫމާތު ނުލިބިގެން ވަޑައިގެންނަވާކަށް ނުޖެހޭނެ،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގައި ގެސްޓް ރިލޭޝަންއަށް މީހުން ބިނާކުރުމުގެ ވިސްނުން ވެސް އެބަހުރި ކަމަށެވެ. އޭގެ ސަބަބުން ޒުވާނުންނަށް ވަޒިފާގެ ފުރުސަތުތައް ލިބި އެކަމުގެ ތެރޭގައި ޒުވާނުން ތަރުބިއްޔަތުކޮށް އެކަންކަމާ ބެހޭ ގޮތުން ހޭލުންތެރި ކުރަން ބޭނުންވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
"މިތަން މޮޑެލްތަނެއްގެ ގޮތުގައި އުފަންކުރެވޭތޯ އަޅުގަނޑުމެން މިބަލަނީ." ޝިފާ ވިދާޅުވި އެވެ.