23 Dec 2019, 12:17
ކ. ފުށިދިއްގަރުފަޅުގެ މައްސަލާގައި ދިވެހި ސަރުކާރާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން އެތަން ތަރައްގީ ކުރުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރާ ޕްރައިމް ކެޕިޓަލް އާ ދެމެދު ވެފައިވާ އެއްބަސްވުމާ ސަރުކާރުން ހިލާފުވެފައިވާ ކަމަށްބުނެ އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް މިމަހުގެ 18 ވަނަ ދުވަހު ހުށަހަޅާފައިވާކަން ޕްރައިމް ކެޕިޓަލްގެ ފަރާތުން ސަރުކާރަށް އަންގާފައިވާ ކަމަށެވެ.
ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާ ނޯޓިސް އޮފް އާބިޓްރޭޝަން އާއި ހަވާލާދީ އޭޖީ އޮފީހުން ބުނީ އެ މައްސަލައަކީ، ކ.ފުށިދިއްގަރުފަޅު ކުއްޔަށްދީ އެ ފަޅުގައި 27 ރަށެއް ހިއްކުމަށާއި އެ ރަށްތައް ހޮޓާ ނުވަތަ ރެސިޑެންޝަލް އިމާރާތް ނުވަތަ އޮފީސް އިމާރާތް ތަރައްގީކުރުމަށް ސަބް-ލީސް ކުރުމަށް އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު 18 ޖެނުއަރީ 2013 ގައި ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުށިދިއްގަރު ފަޅު ސަރުކާރުން އެފަރާތަށް ދޫކޮށްފައި ނުވާތީ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅޭ ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމްވާތީ އާއި އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރުމަކީ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އާބިޓްރޭޝަން ޓްރައިބިއުނަލަށް ލިބޭ ކަމަކަށްވާތީ އެކަމާ ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ފުށިދިއްގަރު ކިޔާ ފަޅު ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ އޭސީސީ އަށް މައްސަލައެއްވެސް ހުށަހެޅިއެވެ.
އެ މައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލާގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން މަސައްކަތްކޮށްފައިވާކަން ސާބިތުކުރެވޭ ވަރަށް ތަހުގީގަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށެވެ.
އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރި އިރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވެފައި ވަނީ ދިވެހި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ ޖޮއިންޓް ވެންޗާއެއްގެ ދަށުން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް 2013 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގައި އެ ޖޮއިންޓް ވެންޗާ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަވި ކަމަށް އޭސީސީ އިން ބުންޏެވެ.
އެގޮތަށް މެދުވެރިވެފައި ވަނީ 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުއައި އިރު، ފަޅުތައް ކުއްޔަށް ދޭއިރު އިކުއިޒިޝަން ކޯސްޓެއް ނަގާ ގޮތަށް ނިންމުމުން ކަމަށް އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.
އެހެންނަމަވެސް ފުށިދިއްގަރުފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި އެ ކުންފުންޏާ ދެމެދުވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވެސް އަދި އެކަމާ ގުޅޭ ގޮތުން ކޮށްފައިވާ އެހެން މުއާމަލާތްތަކުގައި ވެސް ފަޅު ކުއްޔަށްދޭ އިރު އިކުއިޒިޝަން ކޯސްޓެއް ނެގުމާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއްކޮށްފައި ނުވާކަން ފާހަގަވި ކަމަށް ވެސް އޭސީސީ އިން ވަނީ ބުނެފަ އެވެ.
ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އުފައްދަން ޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީ ކޮށްފައި ވަނީ ވެސް ކޯޓުން އެކަމަށް އަމުރު ކުރުމުން 2014 ވަނަ އަހަރު އެވެ.
ފުށިދިއްގަރު ފަޅު ކުއްޔަށްދިނުމަށް ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ ދަށުން އެ ފަޅުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ކުއްޔަށްދޭ ނަމަ ދޭންވާނީ ދައުލަތުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުއްޔަށްދޫކުރާ ފަޅުގެ ބޮޑު މިނަށް ބަލައި، ދައުލަތުން އަކަފޫޓަކަށް ކަނޑައަޅާފައިވާ މިންވަރަކަށް އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދެއްކުމުން ކަމަށް އޭސީސީ އިން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް އަންގައިފަ އެވެ.
ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކައިގެން ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ޕްލޭނެއްވެސް ގެންގުޅުނެވެ.