23 Dec 2019, 12:41
ދިއްލީ (ޑިސެމްބަރު 23): އިންޑިއާގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރިއަށްގެންދަނިކޮށް ބޭއްވި ފުރަތަމަ އިންތިހާބުގެ ވަގުތީ ނަތީޖާއިން އިދިކޮޅު ކޮންގްރެސް ޕާޓީ ކުރި ހޯދައިފި އެވެ.
މިދިޔަ މަހުގެ 30 އިން މި މަހުގެ 20 އަށް ކުރިއަށްގެން ދިޔަ ޖަރުކަންދު ސްޓޭޓުގެ މަޖިލިސް އިންތިހާބުގައި 80 ގޮނޑިއަށް މެމްބަރުން ހޮވުމަށް ވޯޓު ދީފައިވެ އެވެ. އަދި އެސްޓޭޓުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޕާޓީއަކަށް ނުވަތަ އެލަޔަންސަކަށް 41 ގޮނޑި ބޭނުންވާނެ އެވެ.
ޖަރުކަންދުގެ އިންތިހާބުން މިހާތަނަށް ގުނާފައިވާ ވޯޓުން ދައްކާ ގޮތުގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީއަށް ލިބިފައި ވަނީ 29 ގޮނޑި އެވެ. ނަމަވެސް ކޮންގްރެސް އާއި އެޕާޓީން އެލަޔަންސް ހަދާފައިވާ ޖަރުކަންދުގެ ޖޭއެމްއެމް ޕާޓީން ވަނީ 41 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
މީގެ ކުރިން 2014 ވަނަ އަހަރު ޖަރުކަންދު މަޖިލިސް އިންތިހާބު ބީޖޭޕީ އާއީ އެސްޓޭޓުގެ އޭޖޭއެސްޔޫ ޕާޓީން އެލަޔަންސް ހަދައިގެން ކާމިޔާބު ކުރީ 42 ގޮނޑި ހޯދައިގެންނެވެ. މިފަހަރު އޭޖޭއެސްޔޫއަށް ލިބުނީ ދެ ގޮނޑި އެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގަނޫނާ ދެކޮޅަށް ޗަންދިގަރުގައި ބޭއްވި މުޒާހަރާއެއް -- ފޮޓޯ: ރޮއިޓާސް
ޖަރުކަންދުގެ އިންތިހާބު ބޭއްވީ އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް މިމަހުގެ 11ގައި ގެނައި އިސްލާހަކާ ގުޅިގެން އެގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި 20 އަށް ވުރެ ގިނަ މީހުން މަރުވި ފަހުންނެވެ.
އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނުގައި ކުރިން އޮތް ގޮތުން އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ މީހުންނަށް އިންޑިއާގެ ރަށްވެހިކަމެއް ނުލިބޭނެ އެވެ. އަދި ބޭރު މީހަކަށް އެގައުމުގެ ރަށްވެހިކަމަށް އެދެވޭނީ އިންޑިއާގައި ދިރިއުޅޭތާ ނުވަތަ ފެޑެރަލް ސަރުކާރުގައި މަސައްކަތް ކުރާތާ މަދުވެގެން 11 އަހަރުވުމުންނެވެ.
ނަމަވެސް މިހާރު އެގާނޫނަށް ގެނައި އިސްލާހުގައި ވަނީ، އެގައުމުން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ނަސާރާއިންނާއި މަޖޫސީންނަށް ހާއްސަ އިމްތިޔާޒުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން އެމީހުންނަކީ ޕާކިސްތާން، އަފްޣާނިސްތާން ނުވަތަ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުންކަން ސާބިތު ކުރެވިއްޖެ ނަމަ، އެމީހުން އިންޑިއާގައި ދިރިއުޅޭތާ ނުވަތަ މަސައްކަތް ކުރާތާ ހަ އަހަރު ފަހުން ރަށްވެހިކަމަށް އެދެން ފުރުސަތު ލިބޭނެ އެވެ.
އެ ބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ ސަރުކާރުން ގެންގުޅޭ "ހިންދޫ ވަތަނީ" އެޖެންޑާގެ ދަށުން އެގައުމުގެ 200 މިލިއަނަށް ވުރެ ގިނަ މުސްލިމުން އެކަހެރި ކުރުމަށް ފާސް ކުރި އިސްލާހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މުޒާހަރާ ކުރާ އެހެން މީހުން ވަނީ އެ ގާނޫނުގެ ސަބަބުން ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިއްޔެ އެ ގާނޫނު ދިފާއު ކުރައްވައިފަ އެވެ. އަދި އެ ގާނޫނުގެ ސަބަބުން އިންޑިއާގެ މުސްލިމު ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ.

މޯދީ ވަނީ ރަށްވެހިކަމުގެ ގާނޫނު ދިފާއު ކުރައްވާފަ -- ފޮޓޯ: އެންޑީޓީވީ
"މި ގާނޫނުގެ ސަބަބުން އިންޑިއާގެ މުސްލިމު ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން. މިގައުމުގެ މުސްލިމު ދަރިންނާއި މިގައުމުގެ ކާބަފައިން ތިބި އެއްވެސް މީހަކު ކަންބޮޑުވާންވީ ސަބަބެއް ނެތް،" ދޮޅު ގަޑިއިރަށް ދެމިގެންދިޔަ ތަގުރީރެއްގައި މޯދީ ވިދާޅުވި އެވެ.
އަދި މޯދީ ވަނީ އެ ގާނޫނުގެ ސަބަބުން ބައިބައިވުން އުފެދޭ ކަމަށް ބުނާ ވާހަކަތައް ވެސް ދޮގު ކުރައްވާ، އެ ވާހަކަތައް ދައްކަނީ ދޮގާއި ބިރުވެރިކަން ފެތުރުމުގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާއިން އެގާނޫނު ފާސް ކުރީ، މިދިޔަ އޮގަސްޓު މަހު އައްސާމްގައި އެކުލަވާލި ރަށްވެހިންގެ ލިސްޓު ފަދަ ލިސްޓެއް މުޅި ގައުމުގައި ވެސް ހަދާ، އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ މީހުން ހޯދުމަށް ސަރުކާރުން ހަދާފައިވާ ޕްލޭނެއްގެ ދަށުންނެވެ.
އައްސާމްގެ ރަށްވެހިންގެ ލިސްޓުގައި އެސްޓޭޓުގައި ދިރިއުޅޭ 1.9 މިލިއަން މީހުންގެ ނަން ހިމަނާފައި ނުވުމުން އެ މީހުންގެ ރަށްވެހިކަން ގެއްލުމުގެ ބިރު ވަނީ ހީވެފަ އެވެ.
އެލިސްޓުގައި އިންޑިއާގެ ރައްޔިތުންގެ ގޮތުގައި ހިމަނާފައި ވަނީ 24 މާޗް 1971ގެ ކުރިން އައްސާމްގައި ދިރިއުޅުނުކަން ސާބިތު ކުރެވޭ މީހުންގެ ނަންތަކެވެ. އެތާރީހަކީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށުމުން ގިނަ އަދަދެއްގެ ރެފިއުޖީން އިންޑިއާއަށް ދާން ފެށި ތާރީހެވެ.
ނަމަވެސް މިމަހުގެ 12ގައި އިންޑިއާގެ ރައީސް ތަސްދީގު ކުރެއްވި ރަށްވެހިކަމުގެ ގާނޫނުގެ ދަށުން، އައްސާމްގެ ރަށްވެހިންގެ ލިސްޓުން އުނިކޮށްފައިވާ ޕާކިސްތާން، އަފްޣާނިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ އެވެ.