23 Dec 2019, 12:34
ސީއެސްއާރު ހަރަކާތެއްގެ ދަށުން އެމްޑަބްލިއުއެސްސީން މަސްވެރިންގެ ޕާކުގައި ތަރައްގީ ކުރި ޓޫރިސްޓު ޓާމިނަލް މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.
މިއަދު ހެނދުނު މަސްވެރިންގެ ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެތަން ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އަދި އެތަނާ ހަވާލުވީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝިފާ ވިދާޅުވީ ވިއްސާރަ އަލިވިހާ އަވަހަކަށް އެތަން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓޫރިސްޓުންނާއި ކްރޫޒްލައިނާތަކުން އަންނަ މީހުންނަށް ހާއްސަކޮށްގެން މަސްވެރިންގެ ޕާކްގައި ވަނީ އަށް ޕޭ ޓޮއިލެޓް ތަރައްގީކޮށްފަ އެވެ.
އަންހެނުންނަށާއި ފިރިހެނުންނަށާއި އަދި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އެތަން ހާއްސަކޮށްފައިވާ އިރު އެތަނުގައި ރެސްޓްރޫމެއް ވެސް ހުރެ އެވެ.
އެ ފާހާނާތައް ބޭނުންކުރުމުގައި ނަގާނެ ފީ އަދި ނުނިންމާ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. އަދި އަގުތައް ނެގުމުގައި ޓޫރިސްޓުންގެ ހިދުމަތްދޭ އެކި ތަންތަނާ ވާހަކަ ދެއްކުމުގެ ވިސްނުން އެބަހުރި ކަމަށް ޝިފާ ވިދާޅުވި އެވެ. އެގޮތުން ޕެސެންޖާ ލައިންތަކާއި ރިސޯޓްތަކާއި އަދި ކްރޮސްރޯޑުން ވެސް އަގުތަކާމެދު ގޮތެއް ކަނޑައަޅަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.
"ހުރިހާ ފަރާތްތަކާ އެކު އެކުގައި އިށީނދެ ވާހަކަ ދެއްކީމާ އެނގޭނީ އެބޭފުޅުންގެ މައި ވިސްނުންތައް ހުރި ގޮތް. އެއްކަމެއް އަޅުގަނޑުމެންނަށް އެބައެނގޭ. އެބޭފުޅުން ކޮންމެ މަހަކު ދައްކަވާ ފީއެއް ދެއްކެވީމާ އެ ފަރާތްތަކުން ދައްކަވާ ގެސްޓުންނަށް މިތަނުގެ ފާހާނާގެ ހިދުމަތް ލިބިގެންދާނެ،" ޝިފާ ވިދާޅުވި އެވެ.
ޝިފާ އިތުރަށް ވިދާޅުވީ މަސްވެރިންގެ ޕާކުގައި ހުރި ފާހާނާތުގެ ފެންވަރު ރަނގަޅުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސިޓީ ކައުންސިލާ ފާހާނާތައް ހަވާލުވި އިރު އެތަންތަން ވަރަށް ހާލުގައި ހުރިކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ އެތަންތަން ރަނގަޅުކުރުމަށް ޓަކައި ސިޓީ ފޮނުވައި މުއްދަތު ހަމަވެފައިވާތީ އެކަންތައްތައް އެގްރިމަންޓް ކޮށްފައި ހުރި ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.
ފާހާނާ ބަރީގެ އިތުރުން އެ ޓާމިނަލްގައި ޓޫރިސްޓުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ އިންތިޒާމްތަކާއި، ގެސްޓް ރިލޭޝަން އޮފީހެއްގެ އިތުރުން ފަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ސަރަހައްދުތަކެއް ވަނީ ހަދައިފައެވެ.