ބްރޯޑްކާސްޓިންގް ހިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭ ގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބައްދަލުވުންތަކެއް ފަށައިފި އެވެ.

ބްރޯޑްކޮމް އިން މިއަދު ބުނީ އެ ބައްދަލުވުންތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އިއްޔެ ވަނީ ތިން ބައްދަލުވުމެއް ބާއްވައިފަ އެވެ.

ބައްދަލުވުންތަކުގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަހްމަދު ގައިސްއާއި، ކޮމިޝަނަރު ޒީނާ ޒާހިރާއި، ކޮމިޝަނަރު އަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ބައިވެރިވެވަޑައިގަތެވެ.

ބްރޯޑްކޮމް އިން އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ސަންގު ޓީވީއާއެކު އެވެ. ސަންގު ޓީވީއާ ބައްދަލުކުރެއްވުމަށް ފަހު، ކޮމިޝަންގެ މެމްބަރުން ވަނީ ފިޔެސް ޓީވީ އާވެސް ބައްދަލުކޮށްފަ އެވެ.

ދެ ޗެނަލްގެ އިސްވެރިން ވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނުނާއި ގަވާއިދާ ހިލާފުވުމުން ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ކޮށްފައިވާ ޖޫރިމަނާތަކާއި އެކަމުގެ ސަބަބުން ސްޓޭޝަންތަކަށް ލިބުނު މާލީ ގެއްލުންތައް ކޮމިޝަނާ ހިއްސާކޮށްފަ އެވެ.

އަދި ޗެނަލް ރައިޑްކުރުމަށް ބްރޯޑްކާސްޓަރުން އަތުން ނަގާ ފީ ބޮޑުވުމާއި، ބައެއް ޗެނަލްތަކުން އެއްވެސް ޒިންމާދުރުކަމެއް ނެތި ކޮންޓެންޓް ފޮނުވަމުން ދިއުމާއި ބައެއް ފަރާތްތަކުން އެއްވެސް ބާވަތެއްގެ ހުއްދައެއް ނެތި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުން ފަދަ ކަންކަން ބްރޯޑްކާސްޓަރުން ފާހަގަކުރި އެވެ.

ހަމައެއާ އެކު ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ އެކު އޮންނަ ގުޅުން ކުޑަވުމުގެ ސަބަބުން ދާއިރާގެ ތަރައްގީއަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަން ވެސް ބްރޯޑްކާސްޓަރުން ފާހަގަކުރި އެވެ.

އެގޮތުން ކޮމިޝަން އުފެދިގެން އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް، ބްރޯޑްކާސްޓިންގްގެ ހިދުމަތްދޭ ފަރާތްތަކުގެ އަގުވަޒަންކޮށް، އެވޯޑް ދެވިފައި ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

މި ދެ ބައްދަލުވުމުގައި، ހުށަހެޅި ހިޔާލު ތަކާމެދު ކޮމިޝަނުން އިތުރު މައުލޫމާތު ހޯދާ އަދި ފާޅުކުރި ކަންބޮޑުވުންތަކަށް ކޮމިޝަނުން އަލިމަގެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވަނީ ދެއްވައިފަ އެވެ.

އަދި ކޮމިޝަނާއި ބްރޯޑްކާސްޓަރުންނާ ދެމުދު އޮންނަ ގުޅުން މި ދައުރުގައި ހަރުދަނާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތަކާއި ކޮމިޝަންގެ ތަސައްވުރާ ގުޅޭ ގޮތުން ކޮމިޝަންގެ ރައީސާއި މެމްބަރުން ވަނީ ވާހަކަ ދައްކައިފަ އެވެ.

މި ދެ ބައްދަލުވުމުގެ އިތުރުން، ރާއްޖޭގެ ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓިންގްގެ ހިދުމަތް ދެމުންދާ ކުންފުނިތަކެއްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ، އެފަރާތްތަކުން ހިދުމަތް ދިނުމަށް ހުރި ދަތިތަކާއި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ކޮމިޝަންގެ މެމްބަރުން ވިދާޅުވި އެވެ.