28 Nov 2011, 14:54
ހުޅުމާލެ އިން މާލެ ގެނައި ބަލި މީހަކު އެމްބިއުލާންސް ނައިސް ލަސްވެގެން އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.
ހުޅުމާލޭގައި ދިރިއުޅޭ މުހައްމަދު އަބުދުއްރަހީމް 70، މިއަދު ހެނދުނު މާލެ ގެނައީ ހާލުދެރަވެ އިތުރު ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދިނުމުން، އައިޖީއެމްއެޗުގެ ޑޮކްޓަރުންނަށް ދެއްކުމަށެވެ.
ނަމަވެސް ހާލުދެރަ ބަލި މީހަކު މާލެ ގެންދާކަން އައިޖީއެމްއެޗަށް ގުޅައި އެންގުމަށް ފަހު އާންމުން އުފުލާ ފެރީއެއްގައި 20 މިނިޓްގެ ދަތުރަކަށް ފަހު މާލެ އައި އިރު ވެސް އެމްބިއުލާންސް އެ ސަރަހައްދަށް ނުދާ ކަމަށް އާއިލާން ބުންޏެވެ. އަދި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ފަހުން އެމްބިއުލާންސް އެ ސަރަހައްދަށް ދިޔަ އިރު މުހައްމަދު އަބުދުއްރަހީމްގެ ހިތް ހުއްޓި ނޭވާ ނުލާ ކަމަށް އޭނާ ބުންޏެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް މިއަދު ވިދާޅުވީ އެމްބިއުލާންސް އެތަނަށް ދިއުން ލަސްވީ ކީއްވެގެންތޯ އާއި އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވާ ފަރާތެއްވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ލިބެން ޖެހޭ ސިއްހީ ޚިދުމަތްތައް ނުލިބޭ މައްސަލަ ތަކުރާރުކޮށް އަންނަނީ ފެންމަތިވަމުން ނެވެ.