23 Dec 2019, 10:57
ކާބުލް (ޑިސެމްބަރު 23) : އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް އެގައުމުގެ ޗީފް އެގްޒެކެޓިވް އަދި ރައީސް އަޝްރަފް ޣަނީގެ ވާދަވެރިޔާ އަބްދުﷲ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ވަގުތީ ނަތީޖާ އިއުލާންކުރުމާ ގުޅިގެން ދެއްވި ބަޔާނެއްގައި ޢަބްދުﷲ ޢަބްދުﷲ ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި އެއީ އޮޅުވާލާފައިވާ ނަތީޖާ އެއްކަމުގަ އެވެ. ޢަބްދުﷲ ޢަބްދުﷲ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރި ހޯއްދެވީ އެގައުމުގެ މިހާރުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ކަމަށް އިންޑިޕެންޑެންޓް އިލެކްޝަން ކޮމިޝަން އިން އިއްލާން ކުރުމާ ގުޅިގެންނެވެ.
ވަގުތީ ނަތީޖާ އިއްލާން ކުރައްވަމުން އެ ކޮމިޝަންގެ ރައީސް ޙައްވާ އާލަމް ނޫރިސްތާނީ ވިދާޅުވެފައި ވަނީ މިދިޔަ ސެޕްޓެމްބަރު 28ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އަޝްރަފް ޣަނީ 50.6 އިންސައްތަ ވޯޓު ހޯއްދަވާފައިވާ އިރު އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޢަބްދުﷲ ޢަބްދުﷲ އަށް ލިބިވަޑައިގެންފައި ވަނީ 39.5 އިންސައްތަ ވޯޓު ކަމުގަ އެވެ.
މިއީ ވަގުތީ ނަތީޖާ ކަމަށް ވިޔަސް ހުރިހާ ވޯޓުތަކެއް ގުނައި ނިމިފައިވާތީ އާއި މައްސަލަތައް ބަލައި އަދި ވޯޓު ޗެކްކޮށް ވެސް ނިމިފައިވާތީ މިނަތީޖާއަށް ދެން މާބޮޑު ބަދަލެއް ދެންނާންނާނެ ކަމަށް ނޫރިސްތާނީ ވިދާޅުވި އެވެ. އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ލަސްވެގެންދިޔައީ ދުރު ހިސާބުތަކުގެ ވޯޓުތައް ގުނުމުގައި ދިމާވި ބޮޑެތި މައްސަލަތަކަކާ ގުޅިގެން ވޯޓުތައް އަލުން ގުނައި އަދި މައްސަލަތައް ތަހްގީގް ކުރަންޖެހުމުންކަމަށް ވެސް ހައްވާ ނޫރިސްތާނީ ވިދާޅުވި އެވެ.
މީގެކުރިން 2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އެންމެ ގާތުން ވާދަކުރެއްވީ އަޝްރަފް ޣަނީ އާއި ޢަބްދުﷲ ޢަބްދުﷲ އެވެ. އެއަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާވެސް ވަރަށް ބޮޑަށް ލަސްވެގެންދިޔަ އެވެ. އެ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ޢަބްދުﷲ ޢަބްދުﷲ ދެކޮޅު ހައްދަވައި ނަތީޖާ އޮޅުވާލިކަމަށް އޭނާ ތުހުމަތުކުރެއްވުމުން އަހަރެއްހާ ދުވަހަށް ވޯޓުގެ މައްސަލަ ދިގުލައިގެންދިޔަ އެވެ. އަދި އެންމެ ފަހުން މައްސަލަ ހައްލުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަޝްރަފް ޣަނީ ރައީސްކަމަށް އިސްވެ ވަޑައިގެންނެވި ނަމަވެސް ބޮޑުވަޒީރު ފެންވަރުގެ މަގާމެއް ޢަބްދުﷲ ޢަބްދުﷲ އަށް ދީގެންނެވެ. އެއީ ގައުމުގެ ޗީފް އެގްޒެކެޓިވް ކަމުގެ މަގާމެވެ.
މިގޮތުން 2014 ވަނަ އަހަރުގެ އިންތިޚާބު އަޝްރަފް ޣަނީ ކާމިޔާބުކުރެއްވި ނަމަވެސް އެއިންތިޚާބަށް ފަހު 2015 ވަނައަ އަހަރު އަފްޣާނިސްތާނުގައި އުފެއްދި ސަރުކާރަކީ ދެބޭފުޅުން ގުޅިގެން އުފެއްދި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެކެވެ. އެންމެފަހުން އަޝްރަފް ޣަނީއާއި ޢަބްދުﷲ ޢަބްދުﷲ އިންތިޚާބުގެ އަރާރުންތައް ދޫކޮށް އެދެބޭފުޅުން ސުލްހަވީ ދެބޭފުޅުން ހިއްސާ ކުރައްވާގޮތަށް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައި ގައުމުގެ ރައީސަކަށް އަޝްރަފް ޣަނީ އަދި ޗީފް އެގްޒެކެޓީވް (ބޮޑުވަޒީރު ފެންވަރުގެ) އަކަށް ޢަބްދުﷲ ޢަބްދުﷲ ހުންނަވާ ގޮތަށެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގެ މިސްރާބު ވެސް ހުރި މިފަދަ ގޮތަކަށެވެ. އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއްލާން ކުރުމާ އެކު އެނަތީޖާ ގަބޫލުނުކުރާނެ ކަމަށް ޢަބްދުﷲ ޢަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. ވަގުތީ ނަތީޖާ އިއުލާންކުރުމަށް ފަހު ދެއްވި ބަޔާނެއްގައި ޢަބްދުﷲ ޢަބްދުﷲ ވަނީ ނަތީޖާ ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މިއާއެކު ޢަބްދުﷲ ޢަބްދުﷲ އަށް ތާއީދުކުރާ ފަރާތްތަކުންވަނީ އެކަމާގުޅިގެން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ކަމުގެ އިންޒާރު ދީފައެވެ. އަޝްރަފް ޣަނީ އާއި ޢަބްދުﷲ ޢަބްދުﷲ އަކީ އަފްޣާނިސްތާނުގެ އެންމެ ބޮޑު ދެ ނަސްލަށް ނިސްބަތްވާ ދެބޭފުޅުންނެވެ. އަޝްރަފް ޣަނީ ނިސްބަތްވެ ވަޑައިގަންނަވަނީ އަފްޣާން އާބާދީގައި 42 އިންސައްތަ ހިއްސާކުރާ ޕޮޝްތޫ ދަރިކޮޅަށެވެ. ޢަބްދުﷲ ޢަބްދުﷲ ނިސްބަތްވެ ވަޑައިގަންނަވަނީ އަފްޣާން ރައްޔިތުންގެ 27 އިންސައްތަ ހިމެނޭ ތަޖިކް ދަރިކޮޅަށެވެ. އަފްޣާން އާބާދީގައި ދެން ހިމެނެނީ ބައިމަދު ނަސްލުތަކެވެ. އޭގެތެރޭގައި ހަޒާރާ، އުޒްބެކް، އައިމަގް އަދި ތުރުކުމަން، ބަލޫޗް ފަދަ ދަރިކޮޅުތައް ހިމެނެއެވެ. (ނޫސްއެޖެންސީތައް)