އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ނަވީ ޕިއްލޭ އިސްލާމް ދީނާއި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނުވަތަ މަޖިލީހުގެ ރައީސް އެކަމުގައި ބައިވެރިވެވަޑައިގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ނަވީ ޕިއްލޭ އިސްލާމް ދީނާއި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ގަވާއިދުތަކަށް ފުރައްސާރަކޮށް ދީނުގެ ހައްދުތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައި ވާތީ، އެކަމާ އިހްތިޖާޖު ކުރުކުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި، ޕިއްލޭގެ ވާހަކަ ނުހުއްޓުވި މައްސަލައިގައި މަޖިލީހުގެ ރައީސް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެ ބައެއް މެންބަރުން ދެއްކެވި ވާހަކަ އަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، ޕިއްލޭ ދައްކަވަން ހަމަޖެހިފައިވާ ވާހަކައިގެ މައުލޫމާތު އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އޭނާގެ ވާހަކަ ނިމުމުން، އޭނާ ދެއްވި ވާހަކައިގެ ދިވެހި ތަރުޖަމާ އެ ބައްދަލުވުމުގައި ތިއްބެވި ބޭފުޅުންނަށް ބެހީ ވެސް މަޖިލީހުގެ ފަރާތުން ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ ޔޫއެންޑީޕީގެ ފަރާތުން ނުވަތަ ޔޫއެންގެ ފަރާތުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ޕިއްލޭ މަޖިލީހަށް ވަޑައިގެން ވާހަކަ ދެއްކުމުގެ ކުރިއަކުން ނެތް މަޖިލީހުގެ ރައީސަކަށް، އޭނާ ދައްކަވަން ބޭނުންވާ ވާހަކައިގެ މައުލޫމާތު ލިބިފައެއް ނެތް. ދިވެހި ބަހަށް ތަރުޖަމާކޮށްގެން އޭނާ ދެއްކެވި ވާހަކަފުޅު އަޅުގަނޑޫމެންގެ އަތަށް، މެންބަރުންގެ އަތްޕުޅު މައްޗަށް ބެހީ އޫއެންޑީޕީގެ ފަރާތުން، ނުވަތަ ޔޫއެންގެ ފަރާތުން އެއީ ރައްޔިތުންގެ މަޖިލީހުން ކުރި ކަމެއް ނޫން. އެއްވެސް ހާލެއްގައި އެއީ ރައްޔިތުންގެ މަޖިލީހުން ނުވަތަ މަޖިލީހުގެ ރައީސް ބައިވެރިވެގެން ކުރިކަމެއް ނޫން،" ޝާޙިދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، އެކަން ކޮށްނިމުމަށް ފަހު ވެސް އެކަން ކުށްވެރިކޮށް މަޖިލީހުގެ ރައީސް ވާހަކަ ދައްކަވާފައި ނުވުމާއި، އެކަން ކުށްވެރިކޮށް މަޖިލީހުން ބަޔާނެއް ނެރެފައިނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެ ބައްދަލުވުގެ މުގައްރިރަކަށް ޝާހިދު އިންނެ ވީރު، ޕިއްލޭގެ ވާހަކަ ދީނާ ހިލާފްވާ ހިސާބުން ޝާހިދު ހުއްޓުވަން ޖެހޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.