އެޗްބީއޯގެ "ގޭމް އޮފް ތްރޯންސް" އާ ވާދަކޮށްލާނެ ކަމަށް ބުނާ ނެޓްފްލިކްސްގެ "ދަ ވިޗާ" ފުރަތަމަ ސީޒަން މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފިއެވެ. އެއާއެކު އާންމުންގެ ތައުރީފު އެ ޝޯއަށް އޮހެން ފަށައިފި އެވެ.

ފިލްމު އަދި ޓީވީ ކްރިޓީކުންގެ ތެރޭގައި ފާޑުކިޔުންތަކެއް އުފެދިފައިވި ނަމަވެސް އާންމުންގެ ފަރާތްތަކަށް ވިޗާ ކަމުގޮސްފި އެވެ.

އާންމުން ބުނާގޮތުގައި ކްރިޓީކުންގެ ރިވިއުތައް ވަރަށް "ބައެސްޑް"އެވެ. ސަބަބެއް ނެތި އެއްވެސް ނޫނެވެ. އެތައް ބަޔަކު ބުނާގޮތުގައި ވިޗާއަށް އޮތް އެންމެ ބޮޑު ދަތިކަމަކީ އެއާ ގޭމް އޮފް ތްރޯންސްއާ އަޅާ ކިޔާ ވަރު ގިނަ ކަމެވެ.

ކްރިޓީކުން ބުނަނީ ވިޗާ އަކީ ގޭމް އޮފް ތްރޯންސް އާ އެއްވެސް ވަރަކަށް އަޅާ ކިޔޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ގޭމް އޮފް ތްރޯންސްއާ ވާދަ ނުކުރެވޭނެ ކަމަށް ކްރިޓީކުން ބުނެއެވެ.

ނަމަވެސް އާންމު ބެލުންތެރިން އެކަމާ މާކަށް ބޮޑަކަށް ކަންބޮޑެއް ނުވެއެވެ. އާންމުންގެ ފަރާތްތަކުން ބުނަނީ ވިޗާ އަކީ ވަރަށް ވަރުގަދަ ފެންޓަސީ ސީރީޒް އެއް ކަމަށެވެ.

ވިޗާ ސީރީޒް ތައްޔާރުކޮށްފައިވަނީ އޮރިޖިނަލް ވާހަކަ ސީރީޒް އާ ވީހާވެސް ގާތްކޮށް އެއްގޮތަކަށެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ތައުރީފު ވަނީ ވިޗާގެ ޕްލޮޓަށް ލިބިފައެވެ.

ޝޯގެ ވިޗާގެ ރޯލުން ފެނިގެންދާނީ މަޝްހޫރު އެކްޓަރު ހެންރީ ކެވިލް އެވެ. ހެންރީއަކީ ޑީސީގެ ސުޕަމޭންގެ ރޯލުން ފެނިގެންދާ ފަންނާނެކެވެ. ހެންރީގެ އިތުރުން، އާންޔާ ޗަލޯތްރާ އާއި އެޑަމް ލީވައި އާއި ޖޯދީ މޭ އަދި މިޔާނާ ބިއުރިން ވެސް އެ ޝޯއިން ފެނިގެންދާނެ އެވެ.