23 Dec 2019, 08:46
އަންނަ އަހަރު އަލަށް ޤުރުއާން މާއްދާގެ އިމްތިހާނު ނަގަން ފަށާއިރު ގްރޭޑް 10 އަކަށް ދާ ކުދިން މިފަހަރު ހަދަން ޖެހޭނީ އެންމެ އެސައިންމެންޓެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން ޑިވެލޮޕްމެންޓް އޮފިސަރު ހަސަން ލަބީބް ވިދާޅުވީ އަންނަ އަހަރަށް ގްރޭޑް 10 އަކަށް ދާ ދަރިވަރުންނަށް ޤުރުއާން މާއްދާގެ އިމްތިހާނުގައި ގިނަ ފަސޭހަތަކެއް ކޮށްދީފައިވާ ކަމަށެވެ.
އަންނަ އަހަރު ގްރޭޑް 10 އަކަށް ދާ ދަރިވަރުންނަށް ޤުރުއާން މާއްދާގެ އެސައިންމެންޓް ހެދުމާ ގުޅޭ ގޮތުން ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ވަނީ ހާމަކޮށްފަ އެވެ.
"ދެން ފާހަގަކޮށްލަން، އަލަށް ފެށިގެން މިކަން އައި ނަމަވެސް، ބެލެނިވެރިން އަދި މުދައްރިސުންވެސް މިކަމާ ކަންބޮޑުވެވަޑައިން ނުގަންނަވާށޭ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައި، ގްރޭޑް 10 އަކަށް ދާ ކުދިންނަށް ވަރަށް ބޮޑަށް ލުއި ކޮށްދީފައިވަނީ،" އޭނާ ވިިދާޅުވި އެވެ.
އަންނަ އަހަރު ގްރޭޑް 10 އަކަށް ދާ ދަރިވަރުންގެ އެސައިންމެންޓް ގްރޭޑް 2-1 ބަދަލުކޮށްދީފައިވާ އިރު އެ އެސައިންމެންޓް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 19 އެވެ.
އޭނާ ވިދާޅުވީ އެސައިންމެންޓުގެ ދިނުމިނުގައި 1000 ބަސް ހިމެނޭއިރު އޭގައި ރިފަރެންސް ބޭނުންކުރަން ޖެހޭނެ ކަމަށެވެ.
އެސައިންމެންޓް އަކީ އިމްތިހާނުގެ 40 ޕަސެންޓް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރީން ބުނެފަ އެވެ.
ބާކީ 60 ޕަސެންޓަކީ ކިޔެވުމުގެ އިމްތިހާނު ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އެ 60 ޕަސެންޓުގެ ތެރެއިން 40 ޕަސެންޓަކީ ބަލައިގެން ކިޔުމުގެ ބައިން ނަގާ އިމްތިހާނަށް ވާއިރު ބާކީ 20 ޕަސެންޓަކީ ނުބަލާ ކިޔުމުގެ ގޮތުން ނަގާ އިމްތިހާނެވެ.
ލަބީބް ވިދާޅުވީ ނުބަލާ ކިޔެވުމުގެ ބައިން ފަސޭހަކޮށްދިނުމުގެ ގޮތުން ދަރިވަރުންނަށް އިމްތިހާނު ކުރާނީ ޟުހާ ސޫރަތާ ހަމައަށް ކަމަށެވެ.