ރާއްޖޭގައި އެންމެ ފުޅާކޮށް ސައިކަލުގެ ވިޔަފާރިކުރާ ޝީޝާގެ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި)ގައި ހުޅުވާފައި އޮތް ޕާސަނަލް ސޭވިން އެކައުންޓަކުން 18 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ރާއްޖެ އިން ފިލައިގެން ދިޔުމުން އެމީހުން ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފި އެވެ.
ޝީޝާގެ ތިންބެއިންގެ ޖޮއިންޓް ސެވިން އެކައުންޓުން 18 މިލިއަން ރުފިޔާ ވަގަށް ނަގާފައި ވަނީ އެސްބީއައި އަށް ފޮނުވި ވަގު ލިޔުމެއް ބޭނުން ކޮށްގެންނެވެ.

ފުލުހުން ބުނީ ޝީޝާގެ ފައިސާތަކުގެ މައްސަލައިގައި ހައްޔަރުކުރުކޮށް، ދޫކޮށްލީ ބ. ތުޅާދޫ، މާފަރިވާގޭ އިބްރާހީމް ޝާހިދު ކަމަށެވެ. ނަމަވެސް، ށ. ޅައިމަގު، ގޯލްޑްސްޓާ، މުހައްމަދު މުސްތަފާ އާއި އެ ރަށު ޖަމްސަރީރުގޭ މުހައްމަދު މުސްތައުމިދު ވެސް ޝާހިދާ އެކު ފިލާފައިވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން އެކަކު ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށް ވާތީ ހައްޔަރުކުރިތާ 24 ގަޑިއިރު ތެރޭގައި އޭނާ ވަނީ ދުކޮށްލައިފަ އެވެ. ނަމަވެސް ފަހުން ކޯޓު އަމުރަކާ އެކު އޭނާ ހައްޔަރުކުރަން ދިޔަ އިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ. މީގެ އިތުރުން 18 މިލިއަން ރުފިޔާ ޓްރާންސްފާ ކުރި ބީއެމްއެލްގެ އެކައުންޓުން 14 މިލިއަން ރުފިޔާ ނަގައި ހަރަދު ކޮށްފައިވާ ކަމަށް ވެސް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޝީޝާގެ ހުސައިން ހުޝާމް ވިދާޅުވީ ފައިސާތައް ޓްރާންސްފާކޮށްފައި ވަނީ އާއްމު ދެ މީހެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި ސޭވިން އެކައުންޓަކަށް ކަމަށެވެ. މި މަހުގެ 9 ވަނަ ދުވަހު 8.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައިވާ އިރު އަނެއް 9.5 މިލިއަން ރުފިޔާ ޓްރާންސްފާކޮށްފައި ވަނީ މި މަހު 20 ވަނަ ދުވަހު ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ. އެ ދެ ފަހަރު ވެސް ފައިސާ ޓްރާންސްފާކޮށްފައި ވަނީ އަހުމަދު ހަސަން މަނިކުގެ ނަން ޖަހައި ހުސައިން ހުޝާމުގެ ވަގު ސޮއިކޮށް، އެސްބީއައި އަށް ފެކްސްއެއް ފޮނުވައިގެން ކަމަށް ކަމަށް ހުސައިން ވިދާޅުވި އެވެ.

"މިކަން ކޮށްފައި ވަނީ ބޭންކަށް ފެކްސްއެއް ފޮނުވާލައިގެން. އެއަށް ބޭސްކޮށްފައި ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އެކައުންޓަކަށް ލާރި ޓްރާންސްފާކޮށްފައި ވަނީ. އެ ލިޔުމަކީ އަޅުގަނޑުމެން ފޮނުވި ލިޔުމެއް ނޫން. އެ ލިޔުމުގެ ސައްހަކަން ޗެކްކޮށްފައެއް ވެސް ނޫން އެކަން ކޮށްފައި ވަނީ،" މިދިޔަ ބުރާސްފަތި ދުވަހު ހުސެއިން ވިދާޅުވި އެވެ.

އަށާރަ މިލިއަން ރުފިޔާ ގެއްލުނު މައްސަލައިގައި ހުސެއިން ހުޝާމް ވިދާޅުވީ ފައިސާ ގެއްލުނު ކަން އެނގިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ބޭންކަށް ސްޓޭޓްމަންޓެއް ނަގަން ފޮނުވީމަ ކަމަށެވެ. އަދި އެކަންތައް ފަޅާއެރުމުން ބޭންކާ ވާހަކަ ދެކެވުނު ކަމަށާއި ނަމަވެސް އެކަމުގެ ޒިންމާ ނަގާނެ ކަމަށް ބޭންކުން ބުނެފައިނުވާ ކަމަށެވެ. އަދި އެކަމުގައި ބޭންކުން ޒިންމާވާން ޖެހޭތީވެ އެސްބީއައިއާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.