22 Dec 2019, 23:52
ދިނީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ލަނޑާ ނަގާ ދޯންޏެގައި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ހަމަލާދިން އިސްމާއިލް އާސިފްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އއ. މާޅޮސް ބޭރުގައި އޮތް "ޖަރީ" ނަމަކަށް ކިޔާ ލަނޑާ ދޯނީގައި ހިނގި މާރާމާރީގައި މަސްކަނޑާ ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 26 އަހަރުގެ އިސްމާއީލް ހައްމާދެވެ. އޭނާއަށް ހަމާލާދިން ކަމުގެ ތުހުމަތުގައި މިދިޔަ މަހު 23 ވަނަ ދުވަހު ހައްޔަރު ކުރީ ހަމަ އެރަށު ބީޗްހައުސް އުމުރުން 30 އަހަރުގެ އިސްމާއިލް ނާސިފެވެ.
އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކުރީ އިއްޔެ އެވެ. އޭނާއަށް ތުހުމަތުކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 60 (ށ) އަށް ރިއާޔަތްކޮށް، މުޖްތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ. އޭގެ އިތުރުން އިސްމާއިލް އާސިފަކީ، ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުންދާ މީހެއްކަމަށް ބުނާތީވެ އެކަންތައް ބެލުމަށްވެސް އެ އަމުރުގައި ބުނެފައިވެެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައި ވަނީ، ހައްމާދަށް ހަަމާލާ ދިން ކަމަށް މުއްދަތު މަޖިލީހެއްގައި އިސްމާއިލް އާސިފް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ހައްމާދަށް ހަމަލާ ދިން ވަޅިވެސް ކަނޑުން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީއާ ގުޅިގެން މި މަހު އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ހައްމާދަށް ހަމާލާ ދިން ވަގުތު ދޯނީގައި ހައްމާދާއެކު އިތުރު ދެމީހަކު ތިބި ކަމަށެވެ. ހައްމާދަށް ހަމާލާ ދިނީ އިސްމާއިލް އާސިފް ކަމަށާއި އަނެއް މީހާ އޮތީ ނިދާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްމާދު މިހާރު ހުރި ކުޑަ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގެ ތުހުމަތުގައި ބަންދުގައެވެ.