22 Dec 2019, 20:42
ވޮޝިންޓަން (ޑިސެމްބަރު 22): އެމެރިކާގެ ފަޒާގެ ބާރުތައް (ސްޕޭސް ފޯސް) އަސްކަރީ ވަކި ފައުޖެއްގެ ގޮތުގައި އުފެއްދީ އެމެރިކާއަކީ ފަޒާގައި އެންމެ ގިނަ ވަސީލްތައް ގާއިމްކޮށްފައިވާ ގައުމު ކަމަށް ވުމުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވީ ސެޓަލައިޓްތަކާއި ފަޒާގެ ދިރާސާތަކަށް އެމެރިކާގެ އުޅަނދުތައް ފަޒާގައި ބުރުޖަހާއިރު އެތަކެތި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި އަސްކަރީ ވަކި ފައުޖެއް އުފައްދަންޖެހޭ ކަމުގައެވެ. ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގެ ފަޒާގެ ބާރުތަކުގެ ނަމުގައި އަސްކަރީ ވަކި ފައުޖެއް އުފެއްދުމަށްފަހު ދެއްވި ބަޔާނެއްގައެވެ. ފަޒާގައިވާ އެމެރިކާގެ ވަސީލަތްތައް ހިމާޔަތް ކުރުމަށްޓަކައި ދޭ އަސްކަރީ ޚިދްމަތަކީ 1947 ވަނަ އަހަރު އެމެރިކާ ސިފައިންގެ ތެރޭގައި އުފައްދާފައިވާ ޚިދުމަތެކެވެ. އެ ޚިދްމަތް މިހަތަނަށް އޮތީ އެމެރިކާގެ ވައިގެ ބާރުތަކުގެ ތެރޭގައެވެ. އަސްކަރީ ވަކި ބާރެއްގެ ގޮތުގައި އެ ޚިދްމަތް ނެރުމަށް ނިންމެވީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުންނެވެ.

މި ބާރުތަކުގެ މެންޑޭޓްގައި ހިމެނެނީ ފަޒާގައިވާ އެމެރިކާގެ ސެޓަލައިޓްތަކާއި ފަޒާގެ ދިރާސާ އުޅަނދުތަކާއި ފަޒާއަށް ފޮނުވާ ރޮކެޓްފަދަ ތަކެތި ހިމާޔަތްކޮށް އެތަކެއްޗަށް ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. މި ބާރުތަކަށް 2020 ގެ މާލީ އަހަރުގައި އެމެރިކާގެ އަސްކަރީ ބަޖެޓުގައި 40 މިލިޔަން ޑޮލަރުވަނީ ޚާއްސަކޮށްފައެވެ. 2020 ގެ އެމެރިކާގެ އަސްކަރީ ބަޖެޓްގައި 738 ބިލިއަން ޑޮލަރު ހިމެނުނު ނަމަވެސް ފަޒާގެ ބާރުތަކަށް އަދި ޚާއްސަ ކޮށްފައިވަނީ ކުޑަ މިންވަރެކެވެ.
ޗައިނާއާއި ރަޝިޔާގެ އަސްކަރީ ޓެކްނޮލޮޖީ އާދަޔާ ޚިލާފު ބާރުމިނެއްގައި ކުރިއަރަމުން އަންނައިރު އެދެގައުމަކީ ފަޒާގައިވާ އެމެރިކާގެ ސެޓަލައިޓްތަކާއި ފަޒާގެ ދިރާސާ އުޅަނދުތައް ގޮއްވާލުމުގެ ގާބިލްކަން ލިބިފައިވާ ދެ ގައުމެވެ. އެމެރިކާގެ ފަޒާގެ ބާރުތައް ވަކި ބާރެއްގެ ގޮތުގައި ނެރުމުގެ ބޭނުމަކީ ފަޒާގައިވާ އެމެރިކާގެ ސެޓަލައިޓްތަކާއި އުޅަނދުތަކަށް އެފަދަ ގައުމަކުން ދީފާނެ ހަމަލާއަކުން ދިފާއު ވުމުގެ ގާބިލްކަން ހޯދުމަށް އިތުރު މަސައްކަތް ތަކެއް ފެށުމެވެ.
ޗައިނާވަނީ ފަޒާގެ ވަރަށް ދުރުގައިވާ އެގައުމުގެ ސެޓެލައިޓެއް 2009 ވަނަ އަހަރު ބިމުން ޚާއްސަ ރޮކެޓެއް ފޮނުވައިގެން އެ ސެޓަލައިޓް ގޮއްވާލާފައެވެ. އެކަމާމެދު އެދުވަސްވަރު އެމެރިކާވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. އެމެރިކާގެ ފަޒާގެ ބާރުތަކުގެ ފުރަތަމަ ކޮމާންޑަރެއްގެ ގޮތުގައި ޓްރަމްޕް އައްޔަން ކުރެއްވީ ޖޭ ރޭމަންޑެވެ. އެމެރިކާގެ ފަޒާގެ ބާރުތަކުގައި 16 ހާސް މީހުންގެ ފައުޖަކާއި ގިނަ އަދަދެއްގެ ވައިގެ އުޅަނދުތަކާއި އަސްކަރީ ބޭސްތައް ހިމެނެއެވެ. (ނޫސްއެޖެންސީތައް)