ކޯޓުން ބޭރުން "ކައިވެނިކޮށް" ބަލިވެ އިނުމަށްފަހު ދާދި ފަހު ވިހި 13 އަހަރުގެ އަންހެން ކުއްޖާގެ މައިންބަފައިންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރުކޮށްފި އެވެ.

އުމުރުން 13 އަހަރު ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފައިވަނީ މި މަހުގެ 10ގައެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުން ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 31ގެ ނިޔަލަށެވެ.

ދެމީހުންވެސް ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު ދެމީހުންގެ މައްސަލަ ބަލަމުން ދަނީ ކުދިން ބެލުމުގައި އިހުމާލުވި ކަމުގެ ތުހުމަތުގައެވެ.

ކޯޓު އަމުރުގައި ބުނެފައިވާގޮތުގައި ދެމީހުންވެސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގެ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޮރުވާފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އަދި އޭގެއިތުރުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓު އަމުރުގައި ބުނެއެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން "ކައިވެނި"ކޮށް ބަލިވެއިނދެ ވިހޭކަން ހާމަވީ ދީނީ ހަރުކަށި ފިކުރުމުގެ ބައެއްގެ މެދުގައި މިފަހުން ހިނގި ހަމަނެޖެހުމެއްގައި ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށްލި ޒުވާނާ، އެ ކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް "ސަން"ގައި ރިޕޯޓުކުރި ކުރުމުން އެވެ.

އެކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ ރ. މަޑުއްވަރީ ފެހިއަލި، އިސްމާއީލް ހައްމާދު ވެސް ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ހައްމާދު ދޫކޮށްލުމާ އެކު ފުލުހުން އޭނާ ހައްޔަރު ކުރީ، ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގައެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު، ކްރިމިނަލް ކޯޓުން ވަނީ ހައްމާދުގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުވެސް ކޮށްފައެވެ.