22 Dec 2019, 18:46
ކ. ތިލަފުށީގައި ހިންގަމުންދާ "ތިލަފުށި ޑިސްޕޯސަލް ސައިޓް" ސަރަހައްދު ފުރި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފި އެވެ.
ވެމްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ތިލަފުއްޓަށް ރާއްޖޭގައި އުފެއްދޭ ކުނިތަކެއް ޖަމާ ކުރުމުގެ ސަބަބުން ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައި ކަމަށެވެ.
ކުނި މެނޭޖުކުރުން ރަނގަޅުކުރުމަށްޓަކައި އެކަމާ ގުޅިގެން ތިލަފުށީގައި ބޭނުންކުރާ ވެހިކަލްތައް މަރާމަތުކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް މިދިޔަ މަހުގައި ފަށާފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ.
އަދި އޭގެއިތުރުން ވެމްކޯ ތިލަފުށި ސައިޓާ އިންވެގެން އޮންނަ ސަރަހައްދުގެ ބަނދަރާއި ތޮށިގަނޑު މަރާމާތުކުރުމުގެ މަސައްކަތްތަކެއްވެސް ދަނީ ކުރަމުން ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
"މި މަރާމާތްތަކަކީ ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް ގަސްދުކުރެވުނު މަސައްކަތްތަކަށް ވިނަމަވެސް މޫސުން ތަން ނުދިނުމާއި ވެހިކަލްތަކަށް ލިބިފައިވާ ގެއްލުންތަކާއި މި ކޯޕަރޭޝަނަށް ލިބެން ޖެހޭ ވެހިކަލް އަދި މެޝިނަރީތައް ވަގުތުން ނުލިބުމުގެ ސަބަބުން ތިލަފުށީގައި ދެމުން ގެންދާ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ،" ވެމްކޯގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޑިސްޕޯސަލް ސައިޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީވެސް މަސައްކަތްތައް ލަސްވުމުގެ ސަބަބެއް ކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.
ވެމްކޯއިން ބުނީ އެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި މިހާރު ވާނީ ތިލަފުށީގެ އޮޕަރޭޝަނަށް ސިފްޓެއް އިތުރުކޮށްފައި ކަމަށެވެ. އަދި އޭގެއިތުރުން އިތުރު ވެހިކަލްތަކެއްވެސް ކުއްޔަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ބުންޏެވެ.